27 Jun 2019, 19:51
ސަރުކާރު ކުންފުނިތަކުން އަމަލު ކުރާނެ ހަމަހަމަ އުސޫލުތައް ކަނޑައަޅައި ތައްޔާރުކޮށްފައިވާ ކޯޕަރޭޓް ގަވަނެންސް ކޯޑު މިއަދު އިފްތިތާހު ކޮށްފި އެވެ.
ކޯޕަރޭޓް ގަވަނެންސް ކޯޑަކީސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ވަކި އުސޫލުތަކެއްގެ ތެރެއިން ހިންގުމަށް އެކުލަވާލި ކޯޑެކެވެ. ވޯލްޑް ބޭންކުގެ އެހީގައި ތައްޔާރު ކުރި އެ ކޯޑު އިފްތިތާހު ކޮށްދެއްވީ މިއަދު ބޭއްވި ސަރުކާރު ކުންފުނިތަކުގެ މަހާސިންތާގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއެވެ.
އެ މަހާސިންތާގައި ވާހަކަފުޅު ދައްކަވަމުން، އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ވިދާޅުވީ، ކުންފުނިތަކުގެ ބޯޑުތަކުގެ ޑައިރެކްޓަރުންނާއި މެނޭޖިން ޑައިރެކްޓަރުންގެ ޒިންމާތަކަކީ ކޮބައިކަން ކޯޑުގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައި ވާނެ ކަމަށެވެ.
"މީގެ ތެރެއިން ބޯޑު ޑައިރެންޓަރުންނަށް މެނޭޖިން ޑައިރެކްޓަރުން އެކައުންޓަބަލް ކުރުމުގެ ފުރުސަތުވެސް ފަހިވެގެންދާނެ. އަޅުގަނޑުމެންނަށް ވަރަށް ގިނައިން ފާހަގަ ކުރެވޭ މެނޭޖިން ޑައިރެކްޓަރުން ބޯޑު ކޮންޓްރޯލު ކުރާކަން. އެއީ ވެދާނެ ކޯޑެއް ނެތީމަ ކަމަށް. އެއީ ވެދާނެ ކޯޑެއްގެ ސިފައިގައި އެކަން ނެތީމަ ކަމަށް. އެހެންނަމަވެސް، މި ކޯޑުގެ ސަބަބުން އެކަމަށް ނިމުމެއް އަންނާނެ،"
އޭގެ އިތުރުން ބޯޑުތަކުގެ ކޮމިޓީތައް އެކުލަވާލެވި، ކޮމިޓީތަކުގެ ޒިންމާ ކަނޑައެޅޭނެ ކަމަށް ޒިޔަތު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، މި ކޯޑުގެ ސަބަބުން ކުންފުނިތަކުގެ ހިންގުން ހަރުދަނާ ވެގެންދާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
މަހާސިންތާގައި ވާހަކަފުޅު ދައްކަވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ މި ސަރުކާރުން މަސައްކަތްކުރަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކަކީ އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ ކުންފުނިތަކަށް ހަދަން ކަމަށެވެ.
އޭނާ ވިދާޅުވީ، މި ސަރުކާރު ވެރިކަމަށް އައި އިރު ސަރުކާރު ކުންފުނިތައް އޮތީ ނިކަމެތި ހާލެއްގައި ކަމަށެވެ. އެއީ، ކުރީ ސަރުކާރުގައި ހިންގި ބޮޑެތި ކޮރަޕްޝަންގެ އަމަލުތަކުން ކަމަށް އޭނާ ވިދާޅުވިއެވެ.
މަހާސިންތާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ، ޕްރޮކިއުމެންޓާއި ބިޑް ކުރުމުގެ ތެރެއިން ކޮރަޕްޝަނުގެ އަމަލުތައް ހިންގާ މިންވަރު ގިނަ ކަމަށް ވިދާޅުވެފައެވެ. އަދި އެ ދެ ކަން ކުރިއަށް ވުރެ ދެފުށް ފެންނަ ގޮތަކަށް ކުރިއަށް ގެންދަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އޭގެ އިތުރުން، ސަރުކާރު ކުންފުނިތަކަށް މުވައްޒަފުން ނަގާއިރު، މުވައްޒަފުން ނަގަން އޮންނަ ހަމަތަކުގެ ތެރެއިން ކަމަށް އެންމެ ގާބިލު މީހުން ނެގުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.
ސަރުކާރު ކުންފުނިތަކުގެ މަހާސިންތާގައި ސަރުކާރުގެ ހުރިހާ ކުންފުނިތަކުގެ އިސްވެރިން ބައިވެރިވެ އެވެ. މި މަހާސިންތާގައި ކުންފުނިތައް ހިންގުން މިހާރަށްވުރެ ހަރުދަނާ ކުރުމުގެ ގޮތުން މަޝްވަރާކުރާނެ އެވެ.