02 Jul 2019, 11:15
އިންޓަނޭޝަނަލް ސެންޓަ ފޮރ ޕާލިއަމެންޓްރީ ސްޓަޑީޒް (އައިސީޕީއެސް)ގެ 18 ވަނަ އިންޓަނޭޝަނަލް އިލެކްޓޯރަލް އެފެއާޒް ސިމްޕޯޒިއަމް ރާއްޖޭގައި ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ތައްޔާރުވެއްޖެ އެވެ.
އިލެކްޝަންސް ކޮމިޝަނުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަނުގެ ރައީސް އަހްމަދު ޝަރީފު ވިދާޅުވީ މިއީ އިންތިހާބުގެ ކަންކަމާ ގުޅިގެން މިހާތަނަށް ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު ފޯރަމް ކަމަށެވެ.
އައިސީޕީއެސް އާއި އިލެކްޝަންސް ކޮމިޝަނުން ގުޅިގެން ބާއްވާ އެ ފޯރަމް ކުރިއަށް ދާނީ މާދަމާ އިން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށެވެ.
ޝަރީފް ވިދާޅުވީ އެ ފޯރަމްގައި ދުނިޔޭގެ ގާތްގަނޑަކަށް 60 ގައުމުގެ ތަފާތު ފެންވަރުގެ އިންތިޚާބާ ބެހޭ މަރުކަޒުތަކުގެ އިސްވެރިންނާ، އިންތިޚާބުގައި ބޭނުންކުރާ ޓެކްނޮލޮޖީ އުފައްދާ ކުންފުނިތަކާ، ބައިނަލްއަގުވާމީ ފެންވަރުގެ އޮބްޒާވަރުންނާއި، ޖަމިއްޔާތައް ބައިވެރިވާނެ ކަމަށެވެ.
ފޯރަމްގައި މަޝްވަރާ ކުރާނީ:
- މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށް އިންތިޚާބީ އިދާރާތަކަށް ހުރި ގޮންޖެހުންތަކާއި ހައްލު
- ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ވޯޓު ލުމުގައި ދިމާވާ ދަތި ތަކާއި ހައްލު
- އަންހެނުންނާއި ޒުވާނުން ސިޔާސީ ދާއިރާގައި ހަރަކާތްތެރިވުމަށް ހުރި ހުރަސްތަކަކީ ކޮބައިތޯ ބެލުން
މި ފޯރަމްގައި ރާއްޖޭގައި ހަތް ސިޔާސީ ޕާޓީއަކާއި ހަތަރު ޖަމިއްޔާއަކުން ބައިވެރިވާނެ އެވެ. އެއީ އެމްޑީޕީ، އަދާލަތު ޕާޓީ، ޕީޕީއެމް، ޕީއެންސީ، އެމްޑީއޭ، އެމްޓީޑީ، އެމްއެލްއެސްޑީޕީ، މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް، ހޯޕް ފޯ ވިމެން، ޓްރާންސްޕޭރެންސީ މޯލްޑިވްސް، މޯލްޑިވްސް އެސޯސިއޭޝަން ފޯ ޕާސަންސް ވިތު ޑިސްއެބިލިޓީޒް އެވެ.