ދިއްލީ (ޖުލައި 3): އިންޑިއާގެ މައި އިދިކޮޅު ޕާޓީ، ކޮންގްރެސް ޕާޓީގެ ރައީސް ކަމުން ރާހުލް ގާންދީ އިސްތިއުފާ ދެއްވައި ލީޑަޝިޕާ ދުރަށް ޖެހިވަޑައިގެންފި އެވެ.

ރާހުލް ގާންދީ އޭނާގެ އިސްތިއުފާ އިއުލާން ކުރެއްވީ، އިސްތިއުފާގެ ސިޓީ އާންމު ކުރައްވަމުން އޭނާ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ. ހަތަރު ސޮފްހާގެ އިސްތިއުފާގެ ސިޓީގައި އޭނާ ވިދާޅުވީ، ޕާޓީގެ ރައީސްކަމުން ދުރަށް ޖެހިވަޑައިގަތީ މިފަހުގެ އިންތިހާބުތަކުގައި ކޮންގްރެސް ޕާޓީއަށް ލިބުނު ނާކާމިޔާބުތަކުގެ ޒިންމާ ނެންގެވުމުގެ ގޮތުން ކަމަށެވެ.

"ކޮންގްރެސް ޕާޓީގެ ރައީސްގެ ގޮތުން، 2019 ވަނަ އަހަރުގެ އިންތިހާބުން ލިބުނު ނާކާމިޔާބީގެ ޒިންމާ ނަގަން ޖެހޭނީ އަޅުގަނޑު. ޕާޓީގެ ކުރިމަގަށްޓަކައި ޒިންމާދާރު ކުރުވުމަކީ މުހިއްމު ކަމެއް. އެހެންވެ އަޅުގަނޑު ކޮންގްރެސްއިން އިސްތިއުފާ ދިނީ،" ގާންދީގެ ސިޓީގައިވެ އެވެ.

ކޮންގްރެސްގެ ރައީސްކަމުން އިސްތިއުފާ ދެއްވަމުން ގާންދީ ވަނީ ޕާޓީގެ ވޯކިން ކޮމިޓީން ވީހާވެސް އަވަހަކަށް އާ ރައީސަކު އައްޔަން ކުރުމަށް ގޮވާލައްވާފަ އެވެ. އަދި އިސްތިއުފާ ދިން ނަމަވެސް ޕާޓީގައި މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ކޮންގްރެސް ޕާޓީގެ މެމްބަރަކާ ހަވާލާދީ އެންޑީޓީވީގައިވާ ގޮތުން ކުރިއަށް އޮތް ހަފްތާއެއްހާ ދުވަސް ތެރޭ އެޕާޓީން އާ ރައީސަކު ހޮވާނެ އެވެ.

މިދިޔަ އޭޕްރިލް މަހާއި މެއި މަހާ ދެމެދު އިންޑިއާގައި ބޭއްވި އިންތިހާބުގައި ކޮންގްރެސް ޕާޓީއަށް ކާމިޔާބު ކުރެވުނީ އެންމެ 52 ގޮނޑި އެވެ. އެއީ 2014އާ އަޅާ ބަލާއިރު އެންމެ ހަ ގޮނޑި އިތުރު އަދަދެކެވެ. އަދި މިފަހަރު ގާންދީއަށް ވަނީ ގާންދީ އާއިލާއިން 39 އަހަރުވަންދެން ދިފާއު ކުރި އަމެތީގެ ގޮނޑި ގެއްލިފަ އެވެ. ރާހުލް ގާންދީގެ އިތުރުން ބޮޑުބޭބެ ސަންޖޭ، މަންމަ ސޯނިއާ، އަދި ބައްޕަ ރާޖީވް ވަނީ މީގެ ކުރިން އަމެތީގެ މެމްބަރުކަން ކުރައްވާފަ އެވެ.

އަމެތީގެ ގޮނޑި ގެއްލުނު ނަމަވެސް ގާންދީ ވަނީ ކެރަލާގެ ވަޔަނާޑްގެ ގޮނޑި ކާމިޔާބު ކުރައްވާފަ އެވެ.

އެއިންތިހާބަށް ފަހު މެއި މަހު ރާހުލް ގާންދީ ޕާޓީގެ ރައީސްކަމުން އިސްތިއުފާ ދެއްވަން މަސައްކަތް ކުރި ނަމަވެސް، ޕާޓީގެ ލީޑަރުން ވަނީ އިސްތިއުފާ ގަބޫލު ކުރަން ދެކޮޅު ހައްދަވާފަ އެވެ.