04 Jul 2019, 10:46
ހުޅުމާލެ-މާލެއާ ދެމެދު ދޭ ބަހުގެ ހިދުމަތް އެމްޓީސީސީގެ ދަށަށް ބަދަލުކުރަން މަޝްވަރާކުރި ނަމަވެސް، އެމްޕީއެލް ބޮޑު އިންވެސްޓްމަންޓެއް ކޮށްފައިވާތީ އެ ހިދުމަތް އެމްޓީސީސީގެ ދަށަށް ބަދަލު ކުރަން ހުރަސްތައް ކުރިމަތިވެއްޖެ އެވެ.
ހުޅުމާލެ- މާލެ ބަހުގެ ހިދުމަތް މިހާރު ދެމުން ގެންދަނީ އެމްޕީއެލްއިންނެވެ.
އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު "ސަން" އަށް މައުލޫމާތު ދެމުން ވިދާޅުވީ ބަހުގެ ހިދުމަތް އެމްޓީސީސީގެ ދަށަށް ގެނައުމަށް އަދި އެމްއޯޔޫއެއްގައި ސޮއި ނުކުރާ ކަމަށެވެ. އެހެން ނަމަވެސް އެމްޕީއެލް އާއި އެމްޓީސީސީ އާއި ޓްރާންސްޕޯޓް އޮތޯރިޓީއާ އެކި އެކި ބައްދަލުވުންތަކެއް މިހާރު ބާއްވައިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެގޮތުން އެ ބައްދަލުވުންތަކުގައި އެމްޕީއެލްއިން ވެސް މިހާރު އެ ކުންފުނީގައި ހުރީ ބަހުގެ އަދަދާއި އެ ބަސްތަކަށް ހަރަދުކުރި މިންވަރާއި އެއަށް ލޯނު ނެގި މިންވަރުގެ އިތުރުން އެމްޕީއެލް އިން މިހާރު ހަރަދު ކުރާ މިންވަރު އެމްޓީސީސީއާ ހިއްސާކޮށްފައިވާ ކަމަށް ޝާހު ވިދާޅުވި އެވެެ. ހުރަކަށް ވަނީ އޭނާ ވިދާޅުވި ގޮތުގައި، އެމްޕީއެލްއިން ލޯނު ނަގައިގެން ބޮޑު އިންވެސްޓްމަންޓެއް ކޮށްފައިވާތީ އެވެ. ހިދުމަތް އެމްޓީސީސީ ދަށަށް ގެނެސްފި ނަމަ، އެމްޕީއެލްއަށް ދަތިތަކެއް ކުރިމަތިވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"ދެން މީތި ބަދަލުވެގެންދާއިރުގައި ބޮޑު ހަރަދެއް ބޮޑު އިންވެސްޓެއް ހިމެނޭ ކަމެއް ވީމާ ވާނެގޮތަކީ ފައިނޭންސް ކަންތައް ހަމަޖެހޭނެ ގޮތެއް ހަމަޖެހުނީމަ ބަދަލުވެގެން ދާނީ. މިވަގުތު ހަމައެކަނި މަޝްވަރާތަކާއި އަދަދުތަކާއި މި ކަހަލަ ކަންތައް މަޝްވަރާކުރަމުންދަނީ." ޝާހު ވިދާޅުވި އެެވެ.
ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ މީގެ ކުރިން ވިދާޅުވީ ބަހުގެ ހިދުމަތް ދެ ކުންފުންޏަކުން ދެމުން އަންނާތީ ދަތިތަކާ ކުރިމަތިވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން ބަހުގެ ހިދުމަތް އެމްޓީސީސީއާ ހަވާލުކުރަން ނިންމާފައިވާ ކަމަށެވެ.
އެމްޕީއެލްއިން މިހާރު ވެސް އައްޑޫ ސީޓީ އަދި ފުވައްމުލަކުގައި ބަހުގެ ހިދުމަތް ދެމުންގެންދެ އެވެ.