07 Jul 2019, 09:40
އެމްޓީސީސީ އަށް މިދިޔަ އަހަރު ލިބުނު ފައިދާ ދަށްވީ ސިނަމާލެ ބްރިޖް ހުޅުވުމުން އެ ކުންފުނީގެ ދަތުރުފަތުރުގެ ވިޔަފާރި ދަށްވުމުގެ ސަބަބުން ކަމަށް އެ ކުންފުނީގެ އަހަރީ ރިޕޯޓްގައި ބުނެފި އެވެ.
އެމްޓީސީސީ އިން ދެމުންދާ ހިދުމަތްތަކުގެ ތެރެއިން ދަތުރުފަތުރުގެ ދާއިރާ އަކީ އަބަދުވެސް ކުންފުންޏަށް އެންމެ ބޮޑު ގެއްލުމެއް ވަމުންދާ ދާއިރާއެވެ. އެ ދާއިރާގެ އާމްދަނީ ހިފެހެއްޓެނީ މާލެ ސަރަހައްދުގައި ދޭ ފެރީ އާއި ބަހުގެ ހިދުމަތުގެ ސަބަބުންނެވެ.
ނަމަވެސް މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ސިނަމާލެ ބްރިޖު ހުޅުވުމާއެކު ހުޅުމާލެ އާއި މާލެ އާއި ދެމެދު ދުއްވާ ފެރީތައް މަދުކޮށް ހިދުމަތަށް ބޮޑު ބަދަލެއް ގެންނަން ޖެހުނެވެ. ހުޅުމާލޭ އެތެރޭގައި އެކުންފުނިން ދޭ ބަހުގެ ހިދުމަތަށްވެސް ބޮޑު ބަދަލެއް ވަނީ ގެނެސްފަ އެވެ. މީގެ އިތުރުން ސިނަމާލެ ބްރިޖް ހުރަސްކޮށް ދޭ ބަހުގެ ހިދުމަތް ވެސް ހަވާލުކުރީ، އެމްޕީއެލްއާ އެވެ.
އަހަރީ ރިޕޯޓްގައިވާ ގޮތުގައި، މި ސަބަބުތަކާ ހުރެ އެ ކުންފުންޏަށް ދަތުރުފަތުރުގެ ދާއިރާއިން ވަނީ، މިދިޔަ އަހަރު 82 މިލިއަން ރުފިޔާގެ ގެއްލުމާ ކުރިމަތިވެފަ އެވެ. އަދި އޭގެ ކުރިން 2017 ވަނަ އަހަރު، 56 މިލިއަން ރުފިޔާގެ ގެއްލުމާ ކުރިމަތިވި އެވެ.
އެމްޓީސީސީ އިން އާންމު ކޮށްފައިވާ އެ ކުންފުނީގެ އަހަރީ ރިޕޯޓުގައި، ކުންފުނީގެ ޗެއާމަން މުހައްމަދު ފަހީމް ވިދާޅުވެފައިވަނީ އެ ކުންފުނިން ދެމުންގެންދާ ދަތުރުފަތުރުގެ ނިޒާމުގެ ސަބަބުން ކުންފުންޏަށް ގެއްލުންވަމުންދާ ކަމަށާއި އެ ދާއިރާއިން ސަބްސިޑީއެއް ހޯދުމަށް ސަރުކާރާއެކު މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ.
"ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމު ފުޅާކުރުމަށް ސަރުކާރުން ނިންމަވާފައިވުމާއެކު އެމްޓީސީސީގެ ދަތުރުފަތުރުގެ ދާއިރާ ފުޅާވެ، އެ ދާއިރާ އިން ވަމުންދާ ގެއްލުންތައް ކުރިއަށް އޮތްް އަހަރުގެ ތެރޭގައި އިތުރުވެގެންދާނެ ކަމަށް އަޅުގަނޑުމެންނަށް ބެލެވެއެވެ،" ޗެއާމަންގެ ބަޔާނުގައި ވިދާޅުވެފައިވެ އެވެ.
އަހަރީ ރިޕޯޓުގައި ހިމަނާފައިވާ ކުންފުނީގެ ސީއީއޯ ހަސަން ޝާހުގެ ބަޔާނުގައި ވިދާޅުވެފައިވަނީ ދަތުރުފަތުރުގެ ދާއިރާ އިން 2018 ވަނަ އަހަރު އެމްޓީސީސީ އަށް ލިބުނު އާމްދަނީ ހުރީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު އެއްވަރެއްގައި ކަމަށެވެ. ނަމަވެސް އެ ދާއިރާއިން މިދިޔަ އަހަރު ލިބުނު ގެއްލުން އޭގެ ކުރީ އަހަރާ އަޅާބަލާއިރު 44 ޕަސެންޓް އިތުރުވެފައިވާ ކަމަށެވެ.
"މިދާއިރާއިން ވަމުންދާ ގެއްލުން އިތުރުވުމުގެ މައިގަނޑު ސަބަބަތަކުގެ ތެރޭގައި ސިނަމާލެ ބްރިޖް ހުޅުވުމާ ގުޅިގެން ހުޅުމާލެ-މާލެ ސަރަހައްދުގެ ކަނޑުދަތުރުފަތުރުގެ ޑިމާންޑް ދަށަށް ދިއުމާއި، އަތޮޅު ތެރޭގެ ފެރީނިޒާމުން ކުންފުންޏަށް ވަމުންދާ ގެއްލުން ބޮޑު ހިއްސާއެއް އަދާކުރެއެވެ." ބަޔާނުގައި ޝާހު ވިދާޅުވެފައި ވެއެވެ.
މީގެ އިތުރުން އުމްރާނީ ތަރައްގީ އާއި އިމާރާތްކުރުމުގެ ދާއިރާ އިން އަހަރުގެ ތެރޭގައި ކުރިއަށް ގެންދިޔަ މަޝްރޫއުތައް 2017 ވަނަ އަހަރާ އަޅާބަލާއިރު، 2018 ވަނަ އަހަރު ދަށްވެފައިވާ ކަމަށް ސީއީއޯގެ ބަޔާނުގައި ވަނީ ފާހަގަ ކުރައްވައިފަ އެވެ.
އެމްޓީސީސީގެ ވިޔަފާރީގައި އެންމެ ފާހަގަކުރެވޭ ފަޅު ފުންކުރުމުގެ ދާއިރާ އިންވެސް މިދިޔަ އަހަރު އެ ކުންފުންޏަށް ވަނީ ގެއްލުންވެފަ އެވެ. އެގޮތުން އެ ދާއިރާއިން ކުންފުންޏަށް 13.60 މިލިއަން ރުފިޔާގެ ގެއްލުންވެފައިވާއިރު އޭގެ މައިގަނޑު ސަބަބަކީ ކުންފުންޏަށް ގެނައި ކޮންނަބޯޓު، މަހާޖައްރާފު ގަތުމަށް ނެގި ލޯނު ފައިނޭންސްކުރުމުގެ ހަރަދު ބޮޑުވުމާއި އެކަށީގެންވާ ވަރަށްވުރެ ކުޑަ އަގުގައި ބިން ހިއްކުމުގެ ޕްރޮޖެކްޓުތައް ކުރިއަށް ގެންދިޔުން ކަމަށް ސީއީއޯގެ ބަޔާނުގައި ފާހަގަކުރައްވާފައި ވެއެވެ.
މިދިޔަ އަހަރު އެމްޓީސީސީ އަށް ޖުމްލަ އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 1.28 ބިލިއަން ރުފިޔާ އެވެ. މިއީ 2017 ވަނަ އަހަރާ އަޅާބަލާއިރު 0.85 އިންސައްތަ ދަށްއަދަދެކެވެ. ޓެކުހަށް ކެނޑުމުގެ ކުރިން ކުންފުނީގެ ފައިދާގެ ގޮތުގައި ލިބިފައިވަނީ 34.76 މިލިއަން ރުފިޔާ އެވެ. މިއާއެކު ކުންފުނީގެ ހިއްސާއަކަށް ޖެހުނު ފައިދާ ވަނީ 28 ރުފިޔާ އިން ހަތަރު ރުފިޔާ އަށް ދަށްވެފަ އެވެ.
އެމްޓީސީސީ އަށް މިދިޔަ އަހަރު ލިބުނު ފައިދާ ދަށްވެ، މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ކުންފުންޏަށް ލިބުނު ފައިދާ ދަށްވުމުން ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވަނީ 2018 ވަނަ އަހަރުގެ ފައިދާ އިން ހިއްސާދާރުންނަށް ހިއްސާގެ ފައިދާ ނުބެހުމަށެވެ. މި ހުށަހެޅުން މާދަމާރޭ އޮންނަ އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާ އަށް ހުށަހަޅާނެ އެވެ.
ދިވެހި ސަރުކާރާއި ރައްޔިތުން އަދި އެމްއެންއެސްއެލް ހިއްސާވާ އެމްޓީސީސީގެ ހިއްސާގެ ފައިދާ އަށް 2017 ވަނަ އަހަރު ވަނީ ހިއްސާ އަކަށް 2.6 ރުފިޔާ ބަހައިފަ އެވެ.