އިދްލިބް (ޖުލައި 7) : ސޫރިޔާގެ ހުޅަނގު އުތުރުގެ އިދްލިބާއި އެޕްރޮވިންސްގެ ވަށައިގެންވާ ސަރަހައްދުތަކަށް ރަޝިޔާ އިސްވެ އޮވެގެން ދޭ ވައިގެ ޙަމަލާތަކުގައި 500 އަށްވުރެ ގިނަ އާންމުން މަރުވެފައިވާކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ބުނީ ހަނގުރާމަވެރި ޖަމާއަތްތަކުގެ އަތްދަށުން އިދްލިބް މިނިވަން ކުރުމަށްޓަކައި މީގެ ދެ މަސްކުރިން ރަޝިޔާ ގެ ވައިގެ އެހީގައި ސޫރިޔާ ސިފައިން ފެށި އަސްކަރީ އޮޕަރޭޝަންގައި 544 މީހުން މަރުވެ 2117 މީހުން ޒަޚަމްވެފައިވާ ކަމުގައެވެ. ގިނަ މީހުން މަރުވެފައިވަނީ ރަޝިއާގެ ފައިޓާޖެޓްތަކުން ދޭ ވައިގެ ހަމަލާތަކުގައި ކަމަށް "ސީރިޔަން އޮބްޒަވޭޓްރީ ފޯ ހިޔުމަން ރައިޓްސް" އިން ބުނެއެވެ. ރަޝިޔާގެ ފައިޓާޖެޓްތަކުން އިދްލިބަށް ދޭ ވައިގެ ޙަމަލާތަކުގައި ހަނގުރާމަވެރިންގެ އިތުރުން ގިނަ އަދަދެއްގެ އަންހެނުންނާއި ކުޑަކުދިން މަރުވަމުންދާއިރު ހަމަލާތައް އަމާޒުކުރާ އިމާރާތްތައް ފުނޑުފުނޑުވެ އެތައް ބަޔަކު އިމާރާތްތަކުގެ ކޮންކްރީޓްތަކުގެ ދަށުގައި ތާށިވެފައިވާ ކަމަށްވެސް "ސީރިޔަން އޮބްޒަވޭޓްރީ ފޯ ހިޔުމަން ރައިޓްސް" އިން ބުނެއެވެ.

އިދްލިބް ޕްރޮވިންސަކީ ސޫރިޔާގެ އެކިކަންކޮޅުތަކުގައި ސޫރިޔާ ސަރުކާރު ވައްޓާލުމަށް ހަނގުރާމަކުރި ޓެރަރިސްޓް ޖަމާއަތްތަކާ އަދި ބޭރުގެ އެހީތެރިކަމާއެކު ހަނގުރާމަކުރި އެނޫންވެސް ޖަމާއަތްތައް ސޫރިޔާ ސިފައިންގެ އަތްދަށުން ބަލިވުމުން އެޖަމާއަތްތަކުގެ ހަނގުރާމަވެރިންނާއި އެމީހުންގެ އާއިލާތައް ޖަމާވެފައިވާ ސަރަހައްދެވެ. ސޫރިޔާ ސަރުކާރުން ބޭނުންވަނީ އިދްލިބްގައި މިހާރުތިބި ޓެރަރިސްޓުންނާ އަދި ބޭރުގެ މަދަދުލިބިގެން ހަނގުރާމަކޮށް ބަލިވެފައިވާ ހަނގުރާމަވެރިންގެ އަތްދަށުން އިދްލިބް މިނިވަންކޮށް ސަރުކާރުގެ ބާރުގެ ދަށަށް އެ ޕްރޮވިންސް ގެނައުމަށެވެ. ކޮންމެ އަގެއް ދައްކައިގެން ނަމަވެސް އެސަރަހައްދު ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް ގެންނާނެ ކަމަށް ސޫރިޔާގެ މަސްއޫލުވެރިން ވިދާޅުވެއެވެ.

އިދްލިބް އަށް ހަމަލާތައް ދެމުން ގެންދަނީވެސް ހަނގުރާމަވެރިންނަށް އަމާޒުކޮށްގެން ކަމަށާ އާންމުންނަށް ގެއްލުންލިބެނީ ހަނގުރާމަވެރިން އާންމުން ގެ ގެދޮރަށްވަދެ އާންމުން އެމީހުންގެ ދިފާއީ އައްޑަނައަކަށް ހަދާތީ ކަމަށްވެސް ސޫރިޔާ ރަސްމީ މީޑިއާ އިން ބުނެއެވެ. އިދްލިބްގައި ތާށިވެފައިވާ ހަނގުރާމަވެރިންގެ ތެރޭގައި އައިއެސް ޖަމާއަތުގެ ހަނގުރާމަވެރިންނާއި ކުރީގެ ޖަބްހަތުއްނުސްރާ އަށް ނިސްބަތްވާ ގިނަ އަދަދެއްގެ ބޭރުގައުމުތަކުގެ ހަނގުރާމަވެރިންވެސް ހިމެނެއެވެ.

އިދްލިބްގައި ތާށިވެފައިވާ ހަނގުރާމަވެރިންނާއި އެމީހުންގެ އާއިލާތައް ތުރުކީ އަށް ވަނަ ނުދިނުމަށްޓަކައި ތުރުކީގެ ސަރަހައްދީ ރޮނގު ބަންދުކޮށްފައިވާއިރު ތުރުކީ ގެންދަނީ އިދްލިބް މިނިވަންކުރުމުގެ ހަނގުރާމަ ހުއްޓުވުމަށް ރަޝިޔާ ގެ ކިބައިން އެދެމުންނެވެ. ސޫރިޔާގެ ހަނގުރާމައަށް ދިޔަ ބޭރު ގައުމުތަކުގެ ހަނގުރާމަވެރިން އައިއެސް ޖަމާއަތާ އަދި ޖަބްހަތުއްނުސްރާ ފަދަ ޓެރަރިސްޓް ޖަމާއަތްތަކާ ގުޅުނީ ތުރުކީން އެކަން ފަހިކޮށްދީ ގަތަރާއި ސައޫދީ ފަދަ ގަލްފުގެ ގައުމުތަކުގެ ފައިސާގެ އެހީތެރިކަމާއެކުގައި ކަމަށް ރިޕޯޓްތައް ބުނެއެވެ. (ނޫސްއެޖެންސީތައް)