ދިވެއްސަކާ ކައިވެނިކޮށްގެން އަހުމަދިއްޔާ ސްކޫލުގައި އަރަބި ބަސް ކިޔަވައިދޭ ޓީޗަރެއްގެ ގޮތުގައި އުޅެނިކޮށް ހައްޔަރުކުރި ޔަމަންގެ ރައްޔިތެއް ކަމަށްވާ ޔާސިރު ޔަހްޔާ ސޯލިހް ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަމުންދާތާ ދެ ހަފުތާވެއްޖެއެވެ.

ޔާސިރުގެ އަންހެނުންގެ އާއިލާ މީހަކު "ސަން" އަށް މައުލޫމާތު ދެމުން ބުނީ ޔާސިރު ބަނޑުހައިހޫނުކަމުގެ ހަޅުތާލު ކުރަން ފެށީ މިދިޔަ މަހު 26 ގައި ކަމަަށެވެ.

ޔާސިރު ބަނޑުހައިހޫނުކަމުގެ ހަޅުތާލު ކުރަން ފެށީ ޖަލުގައި ދެމުން އަންނަ ކާތަކެތީގެ މައްސަލައިގައިކަމަށް އާއިލާއިން ބުންޏެވެ.

"ޔާސިރުގެ ކިޑްނީގައި ހިލަ ހުރޭ. ފުއްޕާމޭގައި މައްސަލަ ހުރޭ އަދި ބްލަޑް ޕްރެޝާ ވަރަށް މަތި. ދެން ޖަލުގައި ލިބެނީ ވަރަށް ގިނައިން ތެޔޮ އަޅާފައި ހުންނަ އެއްޗެތި. އެ ކޭމަ އަދި މާބޮޑަށް އަދި ސަކަރާތްވޭ،" ޔާސިރުގެ އަންހެނުންގެ އާއިލާއިން ބުންޏެވެ.

ޔާސިރުގެ އަންހެނުންގެ އާއިލާއިން ބުނީ އެ މައްސަލަ މިހާރު އެޗްއާރުސީއެމްއަށްވެސް ހުށަހަޅާފައިވާ ކަމަށެެވެ. އަދި އޭގެ އިތުރުން ޔާސިރުގެ ހާލަތު ބަޔާންކޮށް އޭނާގެ ސިޓީއެއްވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއަށް ވަނީ އަރުވައިފައެވެ.

ޔާސިރު ހައްޔަރުގައި ބަހައްޓާފައިވާ އިރު އޭނާގެ މައްޗަށް ދައުވާއެއް ކޮށްފައެއް ނުވެ އެވެ. އޭނާގެ މައްޗަށް އެއްވެސް ކޯޓަކުން ހުކުމެއް ކޮށްފައެއް ނުވެ އެވެ. އޭނާ ހައްޔަރު ކޮށް "ނިޒާމުން ގެއްލުވާލާފައި"ވާ ސަބަބާއި އޭނާ ހައްޔަރު ކުރީ އޭނާއާ ދެކޮޅަށް ކޮން ހެކިތަކެއް ހުރެގެން ކަމެއްވެސް ރަސްމީކޮށް ހާމަކޮށްފައެއް ނުވެ އެވެ.

ޔާސިރު ހައްޔަރުކުރީ 2017 ވަނަ އަހަރުއެވެ. ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިދިޔަ ޖެނުއަރީމަހު ވިދާޅުވީ ޔާސިރުގެ މައްސަލައިގައި ސީރިއަސް ކަންތައްތަކެއް އެބަހުރި ކަމަށެވެ. އަދި އެކަން ފަހުން ހާމަކުރައްވާނެ ކަަމަށެވެ. ނަަމަވެސް މިހާތަނަށްވެސް އެއްވެސް މައުލޫމާތެއް އެކަމާ ގުޅޭ ގޮތުން ހާމައެެއް ނުކުރެއެވެ.