09 Jul 2019, 08:21
ޒޯން ތިނެއްގެ ދަތުރުފަތުރުގެެ ހިދުމަތް ދިނުމަށް ސަރުކާރާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ޓޫރިސްޓު ރިސޯޓެއް ހެދުމަށް އެމްޓީސީސީ އަށް ހަމަޖައްސައިދޭން ލާޒިމްވާ ރަށް ހޯދުމަށް ކަމާބެހޭ އިދާރާތަކާ މަޝްވަރާ ކުރަމުންދާކަމަށް އެމްޓީީސީސީގެ ސީއީއޯ ހަސަން ޝާހު ވިދާޅުވެއްޖެ އެވެ.
ދަތުރުފަތުރުގެ ނިޒާމަކީ އެމްޓީސީސީ އަށް އެންމެ ބޮޑަށް ގެއްލުންވާ އެއް ދާއިރާ ކަމަށްވާއިރު، އެކަމަމެދު އެކުންފުނީގެ ހިއްސާދާރުންގެ ބޮޑެތި ކަންބޮޑުވުންތައް އެބަހުއްޓެވެ. ދަތުރުފަތުރުގެ ދާއިރާ އާއި މެދު ހިއްސާދާރުންގެ ހުރި ކަންބޮޑުވުންތަކަށް ރިއާޔަތް ކުރައްވާ ޝާހު ރޭ ވިދާޅުވީ ވ. ފޮއްތެޔޮމުލި އެމްޓީސީސީ އަށް ދިނުމަށްފަހު ކުރީ ސަރުކާރުން އެ ރަށް އަތުލާފައިވާ ކަމަށެވެ.
"އެކަމާ ގުޅޭގޮތުން ޓޫރިޒަމް މިނިސްޓްރީއާއި ރައީސް އޮފީހާ މަޝްވަރާކޮށްފައި ވާނީ. އެ އަދަދަށް ލޭންޑް ލިބޭނެ ކަމަށް ދެކިގެން އެކަމަށް އެދިގެން އެކަމަށް މަޝްވަރާ ކުރަމުންދަނީ،" ޝާހު ވިދާޅުވިއެވެ.

ރޭ ހޮޓަލްޖެން ގައި ބޭއްވި އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް
އެމްޓީސީސީ އަށް އެންމެ ބޮޑު ގެއްލުމެއް ލިބޭ ދާއިރާ އަކީ ދަތުރުފަތުރުގެ ދާއިރާ އެވެ. މިދިޔަ އަހަރު އެކުންފުންޏަށް ދަތުރުފަތުރުގެ ދާއިރާ އިން 82 މިލިއަން ރުފިޔާގެ ގެއްލުން ލިބުނެވެ. ރޭ ބޭއްވި ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި ސީއީއޯ ވަނީ އެ ސިނާއަތުގެ މަސައްކަތްތަކާ ގުޅޭގޮތުން ޕްރެޒެންޓޭޝަނެއް ހުށަހަޅުއްވައިފައެވެ.
ޝާހު ވިދާޅުވީ 2014 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާއި ހަމައަށް ބަލާއިރު، ދަތުރުފަތުރުގެ ދާއިރާ އިން ގެއްލުންވާންފެށީ ކުރިން ސަރުކާރުން ދެމުން ދިޔަ ސަބްސިޑީ ކަނޑާލުމުން ކަމަށެވެ. އެގޮތުން 2014 އަދި 2015 ވަނަ އަހަރު އާންމު ދަތުރުފަތުރުގެ ދާއިރާ އަށް ސަރުކާރުން ސަބްސިޑީއެއް ދިން ކަން ޝާހު ފާހަގަ ކުރެއްވިއެވެ.
"ވަކި ދުވަސްކޮޅަކާއި ހަމައަށް ސަރުކާރުން ޑައިރެކްޓު ކޮށް ސަބްސިޑީ ދިނުމުގެ ސަބަބުން 2014 އާއި 2015 ގައި ގެއްލުން ލިބުނު ކަމަކަށް ނު ދައްކާ. ނަމަވެސް 2016 ގައި ސަބްސިޑީ ހުއްޓާލުމާ ގުޅިގެން ގެއްލުންވަން ފެށި،"

ހޮޓަލްޖެން ގައި ބޭއްވި އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް
ޝާހު ވިދާޅުވީ އެމްޓީސީސީ އިން ދޭ ދަތުރުފަތުރުގެ ހިދުމަތްތަކުގެ ތެރެއިން ފައިދާ ވަނީ މެޓްރޯ ބަހުގެ ހިދުމަތުންނާއި މާލެ-ތިލަފުށި އާންމު ފެރީގެ ހިދުމަތުން ކަމަށެވެ.
"ތިލަފުށީގެ އާންމު ފެރީގެ ހިދުުމަތން 3.92 މިލިއަން ރުފިޔާ ފައިދާވި. އަދި މެޓްރޯ ބަހުގެ ހިދުމަތުން 3.23 މިލިއަން ރުފިޔާގެ ފައިދާވި،" އެންމެ ބޮޑަށް އެމްޓީސީސީ އަށް ގެންލުންވީ އަތޮޅު ފެރީގެ ހިދުމަތުން ކަމަށާއި އެ ހިދުމަތުން 43.53 މިލިއަން ރުފިޔާގެ ގެއްލުންވީ ކަމަށް ޝާހު ވިދާޅުވިއެވެ.
އެމްޓީސީސީގެ ސީއީއޯ ޝާހު ވިދާޅުވީ ދަތުރުފަތުރުން ކުންފުންޏަށް ލިބޭ ގެއްލުން ސަބްސިޑައިޒް ކުރުމަށް ޓްރާންސްޕޯޓު މިނިސްޓްރީ އާއި ރައީސް އޮފީސް އަދި ފިނޭންސް މިނިސްޓްރީ އާއެކު މަޝްވަރާ ކުރައްވަމުންދާ ކަމަށެވެ.
"ސަރުކާރުގެ ފަރާތުން އިޝާރާތް ލިބެމުން އަންނަނީ އަޅުގަނޑުމެންނަށް ވަމުންދާ ގެއްލުންތައް ސަބްސިޑައިޒްކޮށްދެއްވާނަމޭ. އެހެންނޫނިއްޔާ ދަތުރުފަތުރުންވާ ގެއްލުން އެމްޓީސީސީގެ ބުކްސް އިން އުނިވާނެ ގޮތަކަށް އެހެން ސަބްސިޑަރީ ކުންފުންޏެއް ހަދާފައި ނަމަވެސް އާންމު ދަތުރުފަތުރުގެ ނިޒާމުން ވާ ގެއްލުން ކުޑަވޭނެ ގޮތެއް ހައްދަވައިދެއްވާނެ ކަމަށް،"
އެމްޓީސީސީ އިން ރާއްޖޭގެ ދެ ސަރަހައްދެއް ފިޔަވައ އެހެން ހުރިހާ ސަރަހައްދަކަށް އާންމު ދަތުރުފަތުރުގެ ހިދުމަތް ދެއެވެ. އެއީ ޒޯން އެކެއްގައި ހިމެނޭ ހއ، ހދ އަދި ށ އަތޮޅާއި ޒޯންް ދޭތްގައި ހިމެނޭ ނ، ރ، ބ އަދި ޅ އަތޮޅާއި ޒޯން ތިނެއްގައި ހިމެނޭ ކ،އއ،އދ، އަދި ވ އަތޮޅުގެ އިތުރުން ޒޯން ފަހެއްގައި ހިމެނޭ ތ އަދި ލ އަތޮޅާއި ޒޯން ހަޔެއްގައި ހިމެނޭ ހުވަދު އަތޮޅެވެ. މީގެ އިތުރުން މާލެ ހުޅުމާލެ ފެރީ ހިދުމަތާއި ހުޅުލެ ހުޅުމާލެ ބަހުގެ ހިދުމަތުގެ އިތުރުން ހުޅުމާލެ ނެއިބާހުޑް ބަހުގެ ހިދުމަތްވެސް އެމްޓީސީސީ އިން ދެއެވެ.