17 Jul 2019, 16:17
ކުއަލަލަމްޕޫރު (ޖުލައި 17): މިދިޔަ އަހަރު ކައިވެނިބައްލަވައިގަތް މެލޭޝިއާގެ ކުރީގެ ރަސްގެފާނު ސުލްތާން މުހައްމަދު ފަހެކާއި ރަޝިއާގެ ކުރީގެ ރީތީގެ ރާނީ ވަރިވެއްޖެ ކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފި އެވެ.
މެލޭޝިއާގެ ނިއު ސްޓްރެއިޓްސް ޓައިމްސްގައިވާ ގޮތުން ކުރީގެ ރަސްގެފާނާއި ކުރީގެ މިސް މޮސްކޯ، ރިހާނާ އޮކްސާނާ ވޯވޮޑިނާ ކައިވެނި ބައްލަވައިގެންނެވީ މިދިޔަ އަހަރުގެ ޖޫން ހަތެއްގަ އެވެ. އަދި މިދިޔަ މެއި މަހު އެދެމަފިރިންނަށް ވަނީ ފިރިހެން ބޭފުޅަކު ލިބިވަޑައިގެންފަ އެވެ.
އެނޫހުގައިވާ ގޮތުން އެދެމަފިރިން ވަރިވާން ސިންގަޕޫރުގެ ކޯޓަކަށް ހުށަހެޅީ މިދިޔަ މަހުގެ 22ގަ އެވެ. އަދި ވަރިވީ މިމަހު އެކެއްގަ އެވެ.
މީގެ އިތުރުން އެވަރީގެ ލިޔުންތައް ސޯޝަލް މީޑިއާގައި އާއްމުވެފައިވާ ކަމަށާއި އޭގައިވާ ގޮތުން އެއީ ތިންފަށް ވަރިއެއް ކަމަށް ނިއު ސްޓްރެއިޓްސް ޓައިމްސްގައިވެ އެވެ.
ސުލްތާން މުހައްމަދު ފަހެއް ރަސްކަމަށް އިސްވެވަޑައިގެންނެވީ 2016 ވަނަ އަހަރެވެ. ނަމަވެސް މިއަހަރުގެ ޖެނުއަރީ މަހު ވަނީ ރަސްކަން ދޫކޮށްލައްވައިފަ އެވެ. އެއީ މީގެ 60 އަހަރު ކުރިން މެލޭޝިއާއަށް މިނިވަންކަން ލިބުނު ފަހުން އެގައުމުގެ ރަސްކަލަކު އިސްތިއުފާ ދެއްވި ފުރަތަމަ ފަހަރެވެ.
އުމުރުން 49 އަހަރުގެ ރަސްގެފާނު މުހައްމަދު އިސްތިއުފާ ދެއްވި ސަބަބެއް ޝާހީ ގަނޑުވަރުން ހާމަ ނުކުރެ އެވެ.
އެއަށް ފަހު މެލޭޝިއާގެ ރަސްކަމަށް ސުލްތާން އަބްދުﷲ ވަނީ އިސްކޮށްފަ އެވެ.