25 Jul 2019, 12:08
"ޕެންޝަން ފިޔަވާ އެހެން ބޭނުންތަކަށް މި ފަންޑު މިހާރު މިއިން ގޮތަށް އިންދައި ފައިސާ ނެގުމުން އޭގެ އަސްލު ސަސްޓެއިނަބިލިޓީއަށް ވަރަށް ބޮޑު ގޮންޖެހުމަކަށް ވާނެ. ޕެންޝަން ބޯޑުގެ ވަރަށް ބޮޑު ކަންވޮޑުވުމެއް އެއީ." ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގައި ޕެންޝަން އޮފީހުގެ ޗެއާ، އާތިފާ އަލީ ވިދާޅުވި އެވެ.
ޕެންޝަން ސްކީމުގެ މައިގަނޑު މަގުސަދަކީ ވަޒީފާ އަދާކޮށް ނިންމައި ރިޓަޔާމަންޓަކަށް އަންނަށް ވާއިރަށް ފަހަށް ފައިސާ ރައްކާކުރެވޭނެ ނިޒާމެއް ގާއިމް ކުރެމެވެ. އަދި ވަޒީފާއިން މުސްކުޅިވުމަށް ފަހު މާލީ މިނިވަންކަމާ އެކީގައި އަބުރުވެރި ފުދުންތެރި ދިރިއުޅުމެއް އުޅުމަށް މަގުފަހި ކުރުމަކީ ވެސް އެ ފަންޑްގެ މަގުސަދެކެވެ. އަދި އެ ސްކީމަކީ ދައުލަތުގެ ބަޖެޓުން އެއްވެސް ހަރަދެއް ހިނގާ ނިޒާމެއް ނޫނެވެ.
ރާއްޖޭގައި ހިންގަނީ ހަމަ ސީދާ ރިޓަޔަމެންޓް ޕެންޝަން ސްކީމެކެވެ. އެއީ ރިޓަޔަވުމަށް ފަހު ވަޒީފާ އަދާކުރި މީހާއަށް މަހުން މަހަށް ފައިސާ ދެވޭނެ، ގޮތަށް އޮންނަ ނިޒާމެވެ. އެކަމަކު މިހާރު ރާއްޖޭގައި ޕެންޝަން ފައިސާ އެހެން ކަންކަމަށް ނެގޭ ގޮތަށް ގާނޫނަށް މިދަނީ އެކި ފަހަރު އެކި ބަދަލުގެންނަމުންނެވެ. ގެދޮރު އިމާރާތްކުރުމަށާއި ހައްޖަށް ދިއުމަށް ޕެންޝަން ފަންޑުން ފައިސާ ނެގޭގޮތް މިވަނީ ހަދައިފަ އެވެ. އަދި ހައްޖަށް ދާން ބޭނުންވާ ފައިސާގެ 50 ޕަސެންޓް ނެގޭގޮތަށް ބަދަލު ގެނައުމަށް ފަހު އަނެއްކާ އެ އަދަދު 80 ޕަސެންޓަށް ބަދަލު ކުރަންވެސް މިވަނީ ހުށަހަޅާފަ އެވެ.
ހައްޖަށް ދާން ޕެންޝަން ފަންޑުން ހަރަދުކުރެވޭ ގޮތަށް ހަދައިދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ. އެވައުދުގެ ސަބަބުން ޕެންޝަން އޮފީހަށްވެސް ޕްރެޝަރުތަކެއް އަންނަކަން އެ އޮފީހުގެ ބޯޑު މެމްބަރުން ފާހަގަ ކުރި އެވެ. ރައީސް އެ ވައުދުވެ ވަޑައިގެންނެވި އިރު ޕެންޝަން ފަންޑުން އެހެން ކަންކަމަށް ފައިސާ ބޭނުން ކުރުމުން ކުރިމަތިވެދާނެ ކަންކަމާ ބެހޭގޮތުން ދިރާސާއެއް ހެއްދެވިތޯ މިހާރު ސުވާލު އުފެދެ އެވެ.
ޕެންޝަން އޮފީހުގެ ޝަކުވާއަކީ އެއްވެސް ޕްލޭނެއް ނެތި އެހެން ކަންކަމަށް ޕެންޝަން ފަންޑުން ފައިސާ ނެގޭގޮތަށް ހަދާތީ އެވެ. މިހާރު ރާއްޖޭގައި އޮތް ރިޓަޔަމެންޓް ޕެންޝަން ސްކީމަކީ މުވައްޒަފުންގެ މުސާރައިން 14 ޕަސެންޓް އަދި ވަޒީފާ ދޭ ފަރާތްތަކުން ވެސް އެ އަދަދަށް ފައިސާ ދީގެން ހިނގާ ސްކީމެކެވެ.
"އަނެއްހެން ވަރަށް ކުޑައަދަދަކަށް އޭގެ ޒާތުގައި މިވަނީ. ބޭސިކް ސެލެރީގެ އިތުރުން އަދި އެހެން އެލަވަންސްތަކަކުން ނުވެއް ކެނޑޭ ޕެންޝަން ފައިސާއެއް،" އާތިފާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މިހާރު މުސާރައިން ނަގަމުން އަންނަ ޕެންޝަން ހަމައެވަރުގައި ހުއްޓައި އެހެން ކަންކަމަށް އެ ފަންޑުން ފައިސާ ނެގުމަކީ ވަރަށް ވެސް ބޮޑު ކަންބޮޑުވުމެކެވެ. އާތިފާގެ އެހާ ބޮޑު ކަންބޮޑުވުމެއް އޮތީ، ޕެންޝަން ފަންޑަށް މިހާރު ޖަމާވެފައި ހުރި ފައިސާ އެކި ކަންކަމަށް ނަގައި ބޭނުންކޮށްފި ނަމަ، ރިޓަޔާމަންޓް ޕެންޝަނަށް ފައިސާއެއް ނުހުރުމެވެ. އެކަމުގެ ސަބަބުން، ރިޓަޔަމަންޓް ޕެންޝަނަށް ދައުލަތުގެ ބަޖެޓުން ފައިސާ ދޭން ޖެހި އެކަމުގެ ބުރަ ބޮޑުވާނީ ބަޖެޓަށް ކަމަށް އާތިފާ ވިދާޅުވި އެވެ.
ޕެންޝަނަށް ނަގާވަރު އިތުރުކުރަން ޖެހޭ

ޕެންޝަން އޮފީހުގެ ބޯޑު މެމްބަރުން މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގައި --- ފޮޓޯ/ މަޖިލިސް
ރާއްޖޭގައި ނޫނަސް ރާއްޖެއާ އަވަށްޓެރި ސިންގަޕޫރު އަދި މެލޭޝިއާގައިވެސް ރިޓަޔަމެންޓް ސްކީމުގެ އިތުރުން ޕެންޝަން ފަންޑުން އެހެން ކަންކަމަށް ފައިސާ ދޫކުރެ އެވެ. އެކަމަކު އެތަންތަނުގައި އެހެން ކަންކަމަށް ފައިސާ ދޫކުރަނީ ޕެންޝަން ސްކީމަށް ނަގާ ޕަސެންޓް އިތުރުކޮށްގެން އެވެ. މެލޭޝިއާގައި ޕެންޝަން ސްކީމަށް ބޭސިކް މުސާރައިގެ 30 ޕަސެންޓް ކޮންމެ މުވައްޒަފެއް އަތުން ކަނޑަ އެވެ.
"އެ ޕެންޝަން ސްކީމްތައް ފަރުމާކޮށްފައި މިހުރީ އޭގެ ތެރެއިން އެހެން ކަންކަމަށްވެސް ފޯރުކޮށްދެވޭ ސްކީމްތަކެއް ހިމަނައިގެން. މިސާލަކަށް މެޑިކަލް އަދި ހައުސިންގް. ސިންގަޕޫރުގައިވެސް ކޮންމެވެސް ކަހަލަ ގޮތަކަށް ހައުސިންގްއަށް ލޯނު ސިސްޓަމެއް ގޮތަށް ދިނުމަށް ޕެންޝަން އެބަ ނަގާ 30 ޕަސެންޓް،" އާތިފާ ވިދާޅުވި އެވެ.
އޭގެ އިތުރުން މެލޭޝިއާގައި ހައްޖަށް ދިއުމަށް މުވައްޒަފުންގެ އަތުން ޕެންޝަން ސްކީމަށް އިތުރަށް ފައިސާ ނަގައިގެން އެކަން ކުރަމުންދާ ކަމަށް އާތިފާ ވިދާޅުވި އެވެ.
އެހެންވީމަ ރާއްޖޭގައި ޕެންޝަނަށް މުވައްޒަފުންގެ އަތުން އިތުރަށް ފައިސާ ނުނަގާ އެހެން ކަންކަމަށް ރިޓަޔަމެންޓް ޕެންޝަން ސްކީމުން ހަރަދު ކުރުމަކީ ޕެންޝަން ސްކީމް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް ގޮންޖެހުމަކަށް ވާނެ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.
ޕެންޝަން ބޯޑުގެ މެމްބަރު އަދި ގާނޫނީ ވަކީލު ނޫރުބާން ފަހުމީ ވިދާޅުވީ ޕެންޝަން ފަނޑުން އެހެން ކަންކަމަށް ފައިސާ ނަގާނަމަ ގާނޫނަށް ބޮޑު ބަދަލެއް ގެންނަން ޖެހެ އެވެ.
"މިކަމުގައި ހައްލަކީ ތަންކޮޅެއް ފުން ނަޒަރަކުން ގާނޫނަށް އިސްލާހެއް ގެނައުމަށް ވިސްނުން. އެއީ އެހެން ބޭނުންތަކަށް ފައިސާ ނެގޭ ކަމަށް ވާނަމަ ގާނޫނަށް އަންނަން އެބަޖެހޭ ފަންޑަށް ފައިސާ އިތުރަށް އެތެރެވާނެ ގޮތްތަކެއްވެސް. ހައްލަކަށް ވާންވާނީ ގާނޫނުގެ ވަކިވަކި ތަންކޮޅުކޮޅަށް އިސްލާހު ގެނައުމުގެ ބަދަލުގައި ގާނޫނު އެކުލަވާލެވުނު އިރު އެ ގާނޫނުގެ މަގްސަދު ނުގެއްލޭ ގޮތަށް މުޅި ގާނޫނަށް އިސްލާހެއް ގެނައުން،" ނޫރުބާން ފަހުމީ ވިދާޅުވި އެވެ.
ޗެއާޕާސަން އާތިފާ ވިދާޅުވި ގޮތުން ޕެންޝަން ފަންޑުގައި ތިން ލައްކަ ހުރި މީހެއްގެ އެކައުންޓުން ހައްޖަށް ދާން ފައިސާ ނަގައިފިނަމަ އޭނާގެ ޕެންޝަން ފަންޑުގައި ދެން ބާކީ ހުންނާނީ ވަރަށް ވެސް ކުޑަ އަދަދެކެވެ.
"އަޅުގަނޑުމެން ފާހަގަކޮށްލަން ބޭނުންވޭ މި ސްކީމަކީ މިއީ ސޭވިންގް އެކައުންޓެއް ގޮތުގައި ނުބައްލަވާށޭ. މެޑިކަލްއަށް ނޫނީ ސުޓޫޑެންޓެ ލޯންސް އެކަހަލަ ބޭނުންތަކަށް ކުރިއަށްއޮތްތާގަވެސް ބޭނުން ކުރެވިގެން ނުވާނޭ. މިހާރު މިއޮތް ސްކީމަކީ މިއީ ހަމަ ރިޓަޔަ ކުރުމަށް ފަހު އެބޭފުޅެއްގެ ރިޓަޔަމެންޓް އިންކަމްއަކަށް ޓާގެޓްކޮށްގެން ހެދިފައިން ސްކީމެއް،" ޕެންޝަން ބޯޑުގެ ޗެއާޕާސަން އާތިފާ އަލީ ވިދާޅުވި އެވެ.
ރާއްޖޭގައި މިހާރު އޮތް ރިޓަޔަމަންޓް ޕެންޝަން ސްކީމަކީ ހަމައެކަނި އެންމެ މަގުސަދަކަށް ބިނާކޮށް ބައްޓަން ކޮށްފައި އޮތް ނިޒާމެކެވެ. އެ ނިޒާމް ބައްޓަން ކޮށްފައި އޮތީ، ވަޒީފާއިން މުސްކުޅިކުރުމަށް ފަހު، އެ މީހަކަށް މަހުން މަހަށް އިނާޔަތެއް ލިބޭނެ ގޮތަކަށް އެކަންޏެވެ. އެެއީ، ހައްޖަށް ދިޔުމާއި ބޭންކް ލޯނު ނެގުމާއި މިހެން ގޮސް، ހިތުހުރި ކަމަކަށް ފައިސާ ނެގޭ ގޮތަށް އޮތް ފަންޑެއް ނޫނެވެ. މިހާރު މި އޮތް ގޮތަށް ބާއްވައިގެން ޕެންޝަން ފަންޑުން ހިތުހުރި ކަމަކަށް ފައިސާ ނަގާ ނަމަ ނަތީޖާއަކަށް ވާނީ، ޕެންޝަން ފަންޑް ހުލިވުމެވެ. އޭރުން މުސްކުޅިވުމުން އެލަވަންސެއް ނުލިބޭތާގައި، އެ ފަންޑުން މަގުސަދުވެސް އެކީ ގެއްލުނީ އެވެ.