24 Jul 2019, 23:53
މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ ހިއްސާދާރުންނަށް ވުމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ބާރުއަޅުއްވައިފި އެވެ.
އެމްއައިބީ ޕަބްލިކް ލިމިޓެޑް ކުންފުންޏަކަށް ބަދަލުކޮށް އައިޕީއޯ ލޯންޗު ކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުން މިނިސްޓަރު އަމީރު ވިދާޅުވީ ސަރުކާރުން ބޭނުންވަނީ އެމްއައިބީ އަކީ ރާއްޖޭގެ އިގްތިސޯދުގައި ފާހަގަކޮށްލެވޭވަރުގެ ވަރުގަދަ ބޭންކެއްގެ ގޮތުގައި ދެމިއޮތުމަށް ކަމަށެވެ.
"ބެންކުން ހިއްސާ ވިއްކަން ފަށައި، އިތުރަށް ވިޔަފާރި ފުޅާކުރުމުގެ ފައިދާ ދިވެހިންނަށް ކުރުމަކީ ސަރުކާރުން ބޭނުންވާ ގޮތް، ސަރުކާރުން ބޭނުން ވަނީ ދިވެހި ރައްޔިތުންގެ ހިއްސާ މިކަމުގައި އޮތުމަށް، ހަމައެކަނި ކަސްޓަމަރުންގެ ގޮތުގައްޔެއް ނޫން. ހިއްސާދާރުންގެ ގޮތުގައި ވެސްމެ،"
މިނިސްޓަރު ވިދާޅުވީ ގައުމުގެ ދެމެހެއްޓެނިވި ތަރައްގީ އަށް ފައިނޭންޝަލް ސެކްޓާ ވަރުގަދަވުމަކީ މުހިއްމު ކަމެއް ކަމަށެވެ. އެކަން ހާސިލްވާނީ ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ފައިނޭންޝަލް ސެކްޓާ ހިނގައިގަނެގެން ކަމަށާއި އާންމުންނަށް ހިއްސާ ވިއްކަން ފެށުމަކީ މިހާރަށް ވުރެ ބޮޑަށް އިސްލާމިކް ބޭންކުގެ ޓްރާންސްޕޭރެންސީ ފެންނާނެ ކަމެއް ކަމަށް ވެސް ފިނޭންސް މިނިސްޓަރު ވިދާޅުވި އެވެ.
ދިވެހި ސަރުކާރާއި އަމާނާ ތަކަފުލް އަދި އިސްލާމިކް ކޯޕަރޭޝަން އޮފް ދަ ޑިވެލޮޕްމެންޓް އޮފް ޕްރައިވެޓް ސެކްޓާގެ ހިއްސާ އޮންނަ މޯލްޑިވްސް އިސްލާމިކް ބޭންކަކީ ރާއްޖޭގައި އިސްލާމިކް ފައިނޭންސިންގެ ހިދުމަތް ފުރަތަމަ ދޭން ފެށި ބޭންކެވެ. ދެހާސް އެގާރަ ވަނަ އަހަރު ހިދުމަތް ދޭން ފެށި އެ ބޭންކުން މިހާތަނަށް ހަތަރު ބިލިއަނަށް ވުރެ ގިނަ ރުފިޔާ ޑިސްބާސް ކޮށްފައިވާއިރު ބޭންކުގެ ޑިޕޮސިޓް ތިން ބިލިއަނަށް އަރަ އެވެ.
މިހާރު އެމްއައިބީ އަކީ އިސްލާމިކް ކޯޕަރޭޝަން ފޯ ދަ ޑިވެލޮޕްމެންޓް އޮފް ޕްރައިވެޓް ސެކްޓާ (އައިސީޑީ)ގެ 70 ޕަސެންޓް ހިއްސާ އާއި ރާއްޖޭގެ ސަރުކާރުގެ 25 ޕަސެންޓް ހިއްސާ އަދި އަމާނާ ތަކާފުލްގެ ފަސް ޕަސެންޓް ހިއްސާ އޮންނަ ބޭންކެކެވެ.
އެ ބޭންކުގެ 31 ޕަސެންޓް ހިއްސާ އާންމުންނަށް ވިއްކަން ނިންމައި އެކަން އިއުލާނު ކޮށްފައިވާ އިރު އެއީ 244 މިލިއަން ރުފިޔާގެ ހިއްސާ އެވެ. ހިއްސާ ވިއްކަން ފަށާނީ މިމަހުގެ 28 ވަނަ ދުވަހުން ފެށިގެން ސެޕްޓެމްބަރު 18ގެ ނިޔަލަށެވެ.
އޮންލައިންކޮށް އަދި ބޭންކުގެ ބްރާންޗުތަކަށް ގޮސްގެން ވެސް ހިއްސާ ގަނެވޭނެ އެވެ. އެމްއައިބިގެ ހިއްސާ ގަންނަން ބޭނުންވާ ފަރާތްތަކަށް އެމްއައިބީގެ އިތުރުން ބީއެމްއެލްގެ އޮންލައިން ބޭންކިން، ދިރާގު ޕޭ، އުރީދޫ އެމް ފައިސާ މެދުވެރިކޮށް ވެސް ފައިސާ ދެއްކޭނެ އިންތިޒާމު ވަނީ ހަމަޖައްސައިފަ އެވެ.
އާންމުންނަށް ވިއްކަން ނިންމާފައި ވަނީ އިސްލާމިކް ބޭންކުގެ 4.5 މިލިއަން ހިއްސާ (157 ރުފިޔާގެ ހިއްސާ) އާއި އިސްލާމިކް ކޯޕަރޭޝަން އޮފް ދަ ޑިވެލޮޕްމެންޓް އޮފް ޕްރައިވެޓް ސެކްޓާގެ 2.4 މިލިއަން ހިއްސާ (87 މިލިއަން ރުފިޔާގެ ހިއްސާ) އާ އެކު ޖުމްލަ އާންމު ހިއްސާގެ 6.10 މިލިއަން ހިއްސާ އެވެ.
ހިއްސާ ވިއްކާނީ ހިއްސާ އެއް 35 ރުފިޔާގެ މަގުން
- ކޮންމެ ފަރާތަކަށް ވެސް މަދުވެގެން ފުރަތަމަ ގަނެވޭނީ 20 ހިއްސާ
- އެއީ ޖުމްލަ 700 ރުފިޔާގެ ހުއްސާ
- މި އަދަދު 10 ހިއްސާ އިން ބޭނުން ވަރަކަށް އިތުރު ކުރެވޭނެ
- ހިއްސާ ގަތުމަށް ހުޅުވާލާ ތާރީހް: 28 ޖުލައި 2019
ހިއްސާ ވިއްކުމުގެ ކަންތައް ކުރިއަށްގެންދާނެ ޓައިމްލައިން
ހިއްސާ ގަތުމުގެ މުއްދަތު ހަމަވާ ތާރީހް: 18 ސެޕްޓެމްބަރު 2019
- ހިއްސާ އެލޮޓް ކުރެވޭނެ ކަމަށް ލަފާކުރާ ތާރީހް: 08 އޮކްޓޯބަރު 2019
- ވިއްކަން ހަމަޖެހިފައިވާ ހިއްސާގެ އަދަދަށްވުރެ އިތުރުވާ ފައިސާ އަނބުރާ ރައްދު ކުރެވޭނެ ކަމަށް ލަފާކުރާ ތާރީހް: 28 އޮކްޓޯބަރު 2019
- އެލޮކޭޓް ކުރެވޭ ހިއްސާ އެމްއެސްޑީގައި ޑިޕޮސިޓް ކުރެވޭނެ ކަމަށް ލަފާކުރާ ތާރީހް: 06 ނޮވެމްބަރު 2019
- ހިއްސާގެ ބާޒާރުގައި މުއާމަލާތް ކުރަން ފެށޭނެކަމަށް ލަފާކުރާ ތާރީހް: 06 ނޮވެމްބަރު 2019