ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނަށް އިންޒާރުގެ މެސެޖުތައް ލިބެމުން އަންނާތީ، މެމްބަރުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް ޑިފެންސް މިނިސްޓްރީގައި އެދިފައިވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނެފި އެވެ.

މަޖިލީހުގެ އިދާރާއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން މަޖިލީހުގެ އަމީންއާންމު ވިދާޅުވީ ބައެއް މެންބަރުންނަށް ބިރު ދައްކައި އިންޒާރުގެ މެސެޖުތައް ފޮނުވާ މައްސަލަ ފާހަގަ ކުރެވިފައިވާ ކަމަށެވެ.

ނަމަވެސް އިންޒާރު ލިބިގެން ރައްކާތެރިކަމަށް އެދިފައި ވަނީ ކޮން މެމްބަރުންނަށް ކަމެއް ހާމަކޮށްފައެއް ނުވެއެވެ.

"މަޖިލީހުގެ މެމްބަރަކަށް އެއްވެސް ކަހަލަ ތުރެޓެއް ލިބިއްޖެ ނަމަ މެމްބަރުން މަޖިލީހުގެ ރައީސަށް އެންގެވީމަ އަޅުގަނޑުމެން މި އަންގަނީ މިނިސްޓްރީ އޮފް ޑިފެންސަށް،" އަމީންއާންމު ވިދާޅުވި އެވެ.

ޑިފެންސް މިނިސްޓްރީ އިން މިހާރު އެކަން އިންތިޒާމް ކޮށްދެއްވާފައިވާ ކަމަށް ވެސް އަމީންއާންމު ވިދާޅުވި އެވެ.