ތެހެރާން (ޖުލައި 26) : މި ޖުލައި މަހުގެ ކުރީކޮޅު ގަލްފުގެ ހުރްމުޒް ކަނޑުއޮޅި ކައިރިން ދަތުރު ކުރަނިކޮށް އީރާނުން ހިފެހެއްޓި ޔޫއޭއީގެ ތެޔޮ ޓޭންކަރު ގެ ފަޅުވެރިންގެ ތެރޭގައިތިބި އިންޑިއާ 12 މީހުންގެ ތެރެއިން ނުވަ މީހުން މިނިވަންކޮށްފި އެވެ.

އިންޑިއާގެ ޚާރިޖީ ވުޒާރާ ބުނާގޮތުން މި ނުވަ މީހުން މިނިވަންކުރީ އިންޑިއާ އާއި އީރާނުގެ އިސްވެރިންގެ މެދުގައި ކުރެވުނު މަޝްވަރާތަކެއްގައި އިންޑިއާގެ ފަޅުވެރިންގެ ބަޔަކު މިނިވަންކުރާނެ ކަމުގެ ޔަގީންކަން އީރާނުން ދީފައިވަނިކޮށް ކަމުގަ އެވެ. އީރާނުން ހިފަހައްޓާފައިވާ ޔޫއޭއީގެ ތެޔޮ ޓޭންކަރު "ރިޔާޙް" އާއި އިނގިރޭސި ތެޔޮ ޓޭންކަރު "ސްޓެނާ އިންޕޭރޯ"ގައި ފަޅުވެރިންގެ ގޮތުގައި ޖުމްލަ 30 އިންޑިއާ މީހުން އީރާނުގައި އެބަތިއްބެވެ.

މީގެތެރެއިން އިންޑިއާ ގެ އެދުމުގެ މަތިން އީރާނުން މިނިވަންކޮށްދިނީ "ރިޔާޙް"ގެ ނުވަ ފަޅުވެރިންނެވެ. އަދި ވެސް "ރިޔާޙް"ގެ އިންޑިޔާ ތިން ފަޅުވެރިންނާއި "ސްޓެނާ އިންޕޭރޯ" ގެ 23 ފަޅުވެރިންގެ ތެރޭގައި ހިމެނޭ އިންޑިއާގެ 18 ފަޅުވެރިން އަދިވެސް އީރާނުގެ ބެލުމުގެ ދަށުގައިވެ އެވެ.

ލަންޑަންގައި ހުންނަވާ އީރާނުގެ ސަފީރު ހަމީދު ބުޢައިދީ ވިދާޅުވީ އީރާނުގެ ބެލުމުގެ ދަށުގައި ބާކީތިބި އިންޑިއާ ފަޅުވެރިންނަށާއި އެހެން ގައުމުތަކަށް ނިސްބަތްވާ އެދެ ޓޭންކަރުގެ ފަޅުވެރިންނަށް ކޮންސިއުލާ ޚިދުމަތް ފޯރުކޮށްދެމުން ގެންދާކަމުގަ އެވެ. ކޮންސިއުލާ ޚިދުމަތުގެ ތެރޭގައި ހިމެނޭ އެމީހުން ނިސްބަތްވާ ގައުމުތަކުގެ ޑިޕްލޮމެޓުންނަށް އެމީހުންނާ ބައްދަލުކޮށް ހާލު އަޙްވާލު ބެލުމުގެ ފުރްސަތު ދިނުމެވެ.

އީރާނުން ވަނީ މި މަހުގެ ކުރީކޮޅު ޖިބްރޯލްޓާ ކައިރިން ދަތުރުކުރަނިކޮށް އިނގިރޭސި ސިފައިން ހިފެހެއްޓި އީރާނުގެ ތެޔޮ ޓޭންކަރު "ގްރޭސް 1" ދޫކޮށްލައިފި ނަމަ އީރާނުން ހިފެހެއްޓި އިނގިރޭސިވިލާތުގެ ތެޔޮ ޓޭންކަރު "ސްޓެނާ އިންޕޭރޯ" ދޫކޮށްލަފާނެކަމުގެ އިޝާރާތެއް ދީފަ އެވެ.

އީރާނުގެ ކެބިނެޓް ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ރައީސް ހަސަން ރޫހާނީ ވަނީ ޖިބްރޯލްޓާގެ ބޭރުން އިނގިރޭސި ސިފައިން ހެދިގޯސް ރަނގަޅުކޮށްފި ނަމަ އީރާނުގެ ފަރާތުން އެފަދަ ހެޔޮ ބަދަލެއް އިނގިރޭސީންނަށް ފެނުން އެކަށީގެންޥާ ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ.

އީރާނުން އިނގިރޭސި ޓޭންކަރު ހިފެހެއްޓީ އިނގިރޭސީންގެ އެ އަމަލަށް ބަދަލުހިފުމުގެ ގޮތުން ކަމަށް ވަނީ ބެލެވިފަ އެވެ. (ނޫސްއެޖެންސީތައް)