29 Jul 2019, 19:32
ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރެވޭނެ ގޮތްތަކާ މެދު މަޝްވަރާކުރުމަށް، އެމްޑީޕީއަށް ނިސްބަތްވާ ކައުންސިލަރުންގެ ކޮންފެރެންސެއް އަންނަ އޯގަސްޓު މަހު ބާއްވަން އެ ޕާޓީ އިން ނިންމައިފި އެވެ.
އެމްޑީޕީ އިން ބުނީ ކޮންފަރެންސްގައި ބައިވެރިވުމަށް އެމްޑީޕީއަށް ނިސްބަތްވާ 300 އަށްވުރެ ގިނަ ރަށު، އަތޮޅު އަދި ސިޓީ ކައުންސިލަރުންނަށް ދައުވަތު ދިނުމަށް ނިންމާފައިވާ ކަމަށެވެ.
ހަމައެއާއެކު، އޯގަސްޓް މަހު އެމްޑީޕީ ޔޫތު ކޮންގްރެސް ވެސް ބާއްވަން ވަނީ ނިންމައިފައެވެ. ޔޫތު ކޮންގްރެސް ކުރިއަށް ގެންދަނީ ސިޔާސަތު ކަނޑައެޅުމުގައި ޒުވާނުންގެ ހިއްސާ އިތުރުކުރުމަށް އަމާޒުކޮށްގެންނެވެ.
ކޮންގްރެސްގައި ރާއްޖޭގެ އެކި ދާއިރާއިން ޒުވާނުން ބައިވެރިވެ، ޒުވާނުން ބާރުވެރިކޮށް ސިޔާސީ މައިދާނަށް އިތުރު ޒުވާނުން ނެރުމަށް ކުރެވިދާނެ ކަންކަމާ މެދު މަޝްވަރާކުރާނެ ކަމަށް އެމްޑީޕީ އިން ބުނެ އެވެ.