ކްރިމިނަލް ކޯޓުގައި ހިނގަމުންދާ މައްސަލައެއް ބަލާ ބެންޗު އިތުރުކުރަން ލަފާ ދިނުމަކީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ކުރެވޭނެ ކަމެއް ނޫން ކަމަށް މިއަދު ނިންމައިފި އެވެ.

އެގޮތަށް ނިންމާފައި ވަނީ މިއަދު ބޭއްވި އެ ކޮމިޝަންގެ 49 ވަނަ ބައްދަލުވުމުގައެވެ.

އެ ބައްދަލުވުމުގައި ޖޭއެސްސީ އިން ވަނީ ކްރިމިނަލް ކޯޓުގައި ހިނގަމުންދާ މައްސަލައެއް ބަލާ ބެންޗުގައި އެއް ފަނޑިޔާރަށް ވުރެ ގިނަ ފަނޑިޔާރުން އެކުލެވޭ ގޮތަށް ކަނޑައެޅުމަށް ލަފާ ދެވިދާނެތޯ މަޝްވަރާ ކޮށްފައެވެ.

ނަމަވެސް އެއީ އިސް ގާޒީގެ މަސްއޫލިއްޔަތެއް ކަމުގައި ކޯޓުތަކާ ބެހޭ ގާނޫނުގައި އޮތުމުން، އެއީ ޖޭއެސްސީގެ އިހްތިސޯސްގެ ތެރޭގައި ހިމެނޭ ކަމެއް ނޫން ކަމަށް ވަނީ ނިންމައިފައެވެ.

ޝަރުއީ ކޯޓުތަކުގައި ހިނގަމުންދާ މައްސަލަތައް ނުނިމި އާދަޔާ ހިލާފަށް ދިގުދެމިގެންދާ ކަމުގެ ޝަކުވާ ކޮމިޝަނަށް ލިބެމުން ދާތީ، އޭގެ ސަބަބުތައް ދެނެގަތުމަށް މިދިޔަ މަހުގެ 26 ވަނަ ދުވަހު ވަނީ ތިން މެމްބަރުން ހިމެނޭ ކޮމިޓީއެއް އެކުލަވާލައިފައެވެ.

އެ ކޮމިޓީއިން ވަނީ ކްރިމިނަލް ކޯޓުގައި މައްސަލަތައް ހިންގާފައި ހުރި މިންވަރާއި، ނުހިނގި ނުވަތަ ހުއްޓިފައި ހުރި މިންވަރު ބަލައި، އެ މައްސަލަތައް ހުއްޓިފައި ހުރި ސަބަބު ދެނެގަނެ، "ކްރިމިނަލް ކޯޓުގައި ނުނިމި ހުރި މައްސަލަތަކާ ގުޅޭ ރިޕޯޓު" ހުށަހަޅައިފައެވެ.

އަދި ކޯޓުތަކަށް ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުގެ އެއްބާރުލުން ދިނުމަށް އެދި، އެ ރިޕޯޓުގެ ކޮޕީއެއް ތަންފީޒީ އިދާރާތަކަށާއި ރައީސް އަށާއި ރައްޔިތުންގެ މަޖިލީހަށާއި މިނިވަން މުއައްސަސާތަކަށް ފޮނުވަން ވެސް އެ ކޮމިޝަނުން މިއަދު ވަނީ ނިންމައިފައެވެ.