މި އަހަރުގެ މިހާތަނަށް 13 ގައުމަކުން ރާއްޖޭގައި އިންވެސްޓުކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ފަތުރުވެރިކަމުގެ ފަސް ވަނަ މާސްޓާޕްލޭން އިފްތިތާހުކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ މި އަހަރުގެ މިހާތަނަށް ފަތުރުވެރިކަމުގެ ދާއިރާގައި އިންވެސްޓު ކުރުމަށް ބޭރުގެ 28 ހުށަހެޅުމެއް ސަރުކާރަށް ލިބިފައިވާ ކަމަށެވެ.

"އޭގެ ތެރެއިން 23 އިންވެސްޓުމެންޓަކަށް ހުއްދަދޭން ސަރުކާރުން ވަނީ ނިންމާފައި، 17 އިންވެސްޓުމެންޓެއް މިހާރު ވަނީ ރެޖިސްޓްރީކޮށްދީފައި. އަދި މި މުއްދަތުގައި ދުނިޔޭގެ 13 ގައުމަކުން ރާއްޖޭގައި އިންވެސްޓުކޮށްފި،"

ރައީސް ވިދާޅުވީ މިއީ ރާއްޖޭގައި ގާނޫނުގެ ވެރިކަން ނަގަހައްޓައި ސުލްހަ އާއި ހަމަޖެހުން ގާއިމް ވުމުގެ ނަތީޖާ ކަމަށެވެ.

ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް މަސައްކަތްކުރާ ފަރާތްތަކުގެ މަސައްކަތް ފާހަގަކޮށް، އެ ފަރާތްތަކަށް ޝުކުރު އަދާ ކުރާ ކަމަށް ރައީސް ވިދާޅުވި އެވެ.

ދުނިޔޭގެ ފަތުރުވެރިކަމުގެ ބާޒާރުގައި ރާއްޖޭގެ ފަތުރުވެރިކަން ވަނީ މަތީ މަގާމެއް ހޯދާފައިފަ އެވެ. ރައީސް ވިދާޅުވީ އެކަމުގެ ހުރިހާ ފަހުރަކާއި ޝަރަފެއް އޮތީ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއަރުވައި ކޮޅަށް ޖެހުމަށް މަސައްކަތްކުރި ދިވެހިންނަށް ކަމަށެވެ.

މިރޭގެ ރަސްމިއްޔާތުގައި ރައީސް ސޯލިހު ވިދާޅުވީ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާތާ 40 އަހަރަށް ވުރެ ގިނަ ދުވަސްވީ މީހުން އެބަތިިބި ކަމަށާއި ނަމަވެސް ރާއްޖޭގެ ފަތުރުވެރިކަން ބައިނަލްއަގުވާމީ މަރުކާއަކަށް ހެދުމަށް ބުރަ މަސައްކަތްކުރި މީހުންގެ މަސައްކަތުގެ އަގު ވަޒަންކުރެވިފައިނުވާ ކަމަށެވެ.

"މި ސިނާއަތުގައި 40 އަހަރަށް ވުރެ ގިނަ ދުވަސްވީ ދިވެހިން އެބަތިބި. އެމީހުންގެ މުޅި ދިރިއުޅުން ގުރުބާންކުރީ ފަތުރުވެރިކަން ދިރުވައި އާލާ ކުރުމަށް. ނަމަވެސް ރާއްޖޭގެ ފަތުރުވެރިކަން ދުނިޔޭގެ ފެންވަރުގެ ވިޔަފާރި މަރުކާއަކަށް ހަދައިދިން މީހުންގެ އަގު ފުރިހަމައަށް ވަޒަން ނުކުރެވޭކަން ހިތާމައާ އެކު ފާހަގަ ކުރަން،"

ރައީސް ވިދާޅުވީ ފަތުރުވެރިކަމުގެ މާސްޓާޕްލޭނުގައި ދާއިރާގައި މަސައްކަތްކުރާ މީހުންނަށް ހުރި ގޮންޖެހުންތަކާއި ދާއިރާއަށް ހުނަރުވެރި މުވައްޒަފުން ހޯދުމާއި ރާއްޖެއަކީ ފަތުރުވެރިންނަށް އަމާން އަދި ރައްކާތެރި ތަނެއްގެ ގޮތުގައި ދެމެހެއްޓުމާއި ދެމެހެއްޓެނިވި ފަތުރުވެރި ކަމަކަށް އަމާޒު ހިފުން ހިމެނިފައިވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ މެހުމާންދާރީ އަށް އަންނަ ފަތުރުވެރިންނަށް، ރާއްޖެއަކީ އެމީހުންގެ އަމިއްލަ ގައުމަށް ވުރެ ވެސް އަމާން ތަނެއްގެ ގޮތުގައި އިހުސާސްކޮށްދިނުން ކަމަށެވެ.

"އެ ސިޔާސަތުގެ ދަށުން ގެސްޓުހައުސް ހިންގާ ރަށްރަށުގައި ސޭފްޓީބޯޑު ބެހެއްޓުމުގެ މަސައްކަތް ވެސް ވަނީ ފަށާފައި. މި އަހަރުގެ ތެރޭގައި ޓޫރިސްޓު ސްކައުންޓުން ތަމްރީނުކޮށް އަންނަ އަހަރު ތެރޭ އެ ހިދުމަތް ދޭން ފެށޭނެ،"

ރައީސް ވިދާޅުވީ ދެމެހެއްޓެނިވި ގޮތެއްގައި ފަތުރުވެރިކަން ކުރިއެރުވުމަށް މަސައްކަތް ކުރާއިރު އެންމެ ބޮޑު އިސްކަމެއް ދޭން ޖެހޭނީ ތިމާވެށި ހިމާޔަތް ކުރުމަށް ކަމަށެވެ.

"ގއ. އަތޮޅުގައި ރިސޯޓު ތަރައްގީކުރުމަށް ކުރީ ސަރުކާރުން ދިން އޮޑިގައްލާ އަދި ބ. އިންނަފުށިގައި ރިސޯޓު ތަރައްގީ ކުރަން ހެދި ލީސް އެގްރިމެންޓް މި ސަރުކާރުން ބާތިލްކުރީ މި ސަބަބުތަކަށް ޓަކައި،"

ރައީސް ވިދާޅުވީ ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި، ހަމައެކަނި ފަތުރުވެރިކަމުގެ ދާއިރާއިން ވެސް، 35000 އަށް ވުރެ ގިނަ ވަޒީފާ އުފެދިގެންދާނެ ކަމަށެވެ. އިތުރު ރަށްރަށުގައި ގެސްޓްހައުސްތައް ހުޅުވެމުންދާ އިރު، ބައިނަލްއަގުވާމީ ބާޒާރުގައި ރާއްޖެ އިޝްތިހާރު ކުރުމަށް ވެސް، ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ.