30 Jul 2019, 09:27
އާންމުންގެ ފަރާތުން ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ)އަށް ތިން ބޭފުޅަކު ކުރިމަތިލައްވައިފި އެވެ.
ރައީސް މުހައްމަދު ނަޝީދު މިއަދުގެ ޖަލްސާ ފެށުމުގެ ކުރިން ވިދާޅުވީ، އާންމުންގެ ތެރެއިން ޖޭއެސްސީގައި މިހާރު އިންނަވާ ބޭފުޅާގެ ދައުރު ހަމަވާތީ އެ މަގާމަށް އާންމުންގެ ތެރެއިން ބޭފުޅަކު ކުރިމަތިލާން މަޖިލީހުން ކުރި އިއުލާނާ ގުޅިގެން ކުރިމަތިލީ ތިން ފަރާތަކުން ކަމަށެވެ. އެބޭފުޅުންނަކީ؛
1. ހާލިދު ގާސިމް، ރޯޒީ، ކ. ތުލުސްދޫ
2. ޒުބައިރު އަހުމަދު މަނިކު، ގ. މަލްވިނަ
3. މިރުފަތު ފާއިޒު، މޗ. ރަންފަހި
ޖޭއެސްސީއަށް އާންމުންގެ ފަރާތުން ކުރިމަތިލާ ފަރާތްތަކުގެ ހުންނަން ޖެހޭ ޝަރުތުތަކަކީ، މުސްލިމަކު ކަމުގައިވުމާއި 25 އަހަރުން މަތީގެ މީހަކަށް ވުމާއި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކޮށްފައިވާ މީހަކަށް ނުވުން އަދި ސިޔާސީ މަގާމެއްގައި ހުރި ފަރާތަކަށް ނުވުމެވެ.
ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދު އިއުލާން ކުރެއްވި ގޮތުގައި އެ ނަންތައް ދިރާސާކުރަން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް މިހާރު ވަނީ ފޮނުވިފަ އެވެ.
ޖޭއެސްސީގައި އާންމުންގެ ފަރާތުން މިހާރު އިންނަވަނީ، އަބްދުލް ޙަންނާން އަހުމަދެވެ.