30 Jul 2019, 18:29
ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ފުޅާ ދާއިރާ އެއްގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އޭގެ ވިޔަފާރިކުރާ ކަމަށް ތުހުމަތު ކުރެވޭ ފަސް މީހަކު ހަ ކިލޯގެ މަސްތުވާތަކެއްޗާއެކު ހައްޔަރު ކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން" އަށް މިރޭ ވިދާޅުވީ އެ ފަސް މީހުން ހައްޔަރުކުރީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ހިންގަމުން އައި ޚާއްސަ އޮޕަރޭޝަނެއްގެ ދަށުން ކަމަށެވެ.
"އެމީހުން ހައްޔަރުކޮށްފައި ވަނީ މިއަދު މާލެ އިން،" އޮފިޝަލް ވިދާޅުވިއެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 31 އަހަރުގެ މީހަކާއި، 32 އަހަރުގެ މީހަކާއި 33 އަހަރުގެ ދެ މީހަކާއި 43 އަހަރުގެ މީހެއް ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.
އޮފިޝަލް ވިދާޅުވީ އެ ފަސް މީހުންގެ އަތުން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ހަތަރު ރަބަރު ގަނޑު ފެނިފައިވާ ކަމަށެވެ.
ފުލުހުން ދާދި ފަހުން ވަނީ މަސްތުވާތަކެތީގެ ވަރުގަދަ އޮޕަރޭޝަންތަކެއް ހިންގާފައެވެ. އެގޮތުން މިދިޔަ އެޕްރީލް މަސްތެރޭ ފުލުހުން ވަނީ ގދ. އަތޮޅުގެ ފަޅު ރަށެއްގައި ވަޅުލާފައި ހުއްޓާ 149 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައެވެ. އަދި ޖެހިގެން އައި މެއި މަހު ފުލުހުން ފަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން 50 ކިލޯގެ މަސްތުވާތަކެއްޗާއެކު އީރާނުގެ ބޯޓެއް އަތުލައިގެންފައެވެ.