އިސްލާމީ ޔުނިވާސިޓީން ބާއްވާ އިންޓަނޭޝަނަލް ކޮންފަރެންސް އޮން އިންޓަލެކްޗްއަލް އެޑްވާންސްމެންޓް (އައިސީއައިއޭ) ކޮންފަރެންސްގެ ގޯލްޑް ސްޕޮންސަރަކަށް އެސްޓިއޯ ހަމަޖައްސައިފިއެވެ.

މިކަމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު އިސްލާމީ ޔުނިވާސިޓީގައި ބޭއްވި ރަސްމިއްޔާތުގައި އެ ޔުނިވާސިޓީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ވައިސް ޗާންސްލަރު އާއިޝަތު ޚަލީލާ އަބްދުއްސައްތާރެވެ. އެސްޓިއޯގެ ފަރާތުން ސޮއިކުރެއްވީ އެގްޒެކްޓިވް ޑިރެކްޓަރު މަރިޔަމް ޕަރުވީން އަބްދުލް ފައްތާހު އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވައިސް ޗާންސްލަރު ޚަލީލާ ވިދާޅުވީ ތައުލީމީ ދާއިރާ ކުރިއެރުވުމަށް ކުންފުނިތަކުގެ އެހީތެރިކަން ބޭނުންވާކަމަށެވެ. މިފަދަ ބައިނަލްއަގުވާމީ ކޮންފަރެންސްތަކުގެ ސަބަބުން އާއްމުންގެ ތެރޭގައި ހޭލުންތެރިކަން އިތުރުކުރުމަށް ކުރާ މަސައްކަތް ކާމިޔާބުވަމުން އަންނަކަމަށްވެސް ޚަލީލާ ވިދާޅުވިއެވެ.

އެސްޓިއޯގެ އެގްޒެކްޓިވް ޑިރެކްޓަރ މަރިޔަމް ޕަރުވީން އަބްދުލް ފައްތާހު ވިދާޅުވީ ތައުލީމީ ދާއިރާގެ ކުރިއެރުމަށް އެސްޓިއޯއިން އަބަދުވެސް އިސްކަމެއްދޭ ކަމަށެވެ.

އިސްލާމިކް ޔުނިވާސިޓީގެ ސެންޓަރ ފޮރ ރިސަރޗް އެންޑް ޕަބްލިކޭޝަންސްގެ ޑީން ޑރ. ދީބާ މޫސާ ވިދާޅުވީ މި ކޮންފަރެންސް އަށް ވަރަށް ބޮޑު ތަރުހީބެއް މިހާރުވެސް ލިބިފައިވާ ކަމަށެވެ. މި ކޮންފަރެންސަކީ އިސްލާމިކް ޔުނިވަސިޓީން ބާއްވާ ހަތަރު ވަނަ ކޮންފަރެންސް ކަމަށާއި މި ކޮންފަރެންސަށް ބައިނަލްއަގުވާމީ ފަރާތްތަކުން ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށެވެ.

އިޖުތިމާއީ، އިގްތިސާދީ އަދި ސިޔާސީ ދާއިރާގެ އިތުރުން ތަޢުލީމީ ދައިރާއިން ދިރާސާތައް ހުށަހަޅާ މި ކޮންފަރެންސަކީ 2016 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ބާއްވަމުން ގެންދާ ކޮންފަރެންސްއެކެވެ.