01 Aug 2019, 10:07
ސީޝެލްސްއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އަނބިކަނބަލުން ފަޒްނާ އަހްމަދު މިއަދު ފުރާ ވަޑައިގަންނަވައިފި އެވެ.
މި ދަތުރުފުޅުގައި ރައީސްގެ ދެކަނބަލުންގެ އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ބޭފުޅުން ހިމެނޭ ވަފުދެއް ވެސް ބައިވެރިވާ ކަމަށް ރައީސް އޮފީހުން މައުލޫމާތުދެ އެވެ.
ރައީސް އޮފީހުން ބުނީ ރައީސްގެ މި ދަތުރުފުޅަކީ ސީޝެލްސްގެ ރައީސް ޑެނީ ފޯރޭގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.
މި ދަތުރުފުޅުގައި ދެގައުމުގެ ދެމެދުގައި ބައެއް އެއްބަސްވުންތަކުގައި ސޮއިކުރުމާއި ދެގައުމުގެ މެދުގައި މަތީފެންވަރުގެ މަޝްވަރާތައް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
ރާއްޖެ އާއި ސީޝެލްސްއާ ދެމެދު ސިޔާސީ ގުޅުން ގާއިމް ކުރީ ޖުލައި، 1، 1980 ގަ އެވެ. އެއީ ރާއްޖެއިން ސިޔާސީ ގުޅުން ގާއިމްކުރި 41 ވަނަ ގައުމެވެ.