03 Aug 2019, 16:53
ޓަގްބޯޓެއްގައި ފިލައިގެން ގޮސް، އިންޑިއާގެ ސަރަހައްދަށް ވަދެގެން އުޅެނިކޮށް އިންޑިއާއިން ހިފެހެއްޓި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މިހާރު ހުރީ ދިވެހި ފުލުހުން ހައްޔަރުކޮށްފައި ކަމަށް ފުލުހުން ބުނެފި އެވެ.
އަދީބު ދިވެހި ސިފައިންގެ ކޯސްޓްގާޑާ ހަވާލުކުރި ކަމަށް، އިންޑިއާގެ ނޫސްތަކުން ހަބަރުތައް އާންމުވުމާ އެކު ދިވެހި ފުލުހުން ކުރި ޓްވީޓެއްގައި ބުނީ އަދީބު މިހާރު ވަނީ ދިވެހި ފުލުހުން ހައްޔަރުކޮށްފައި ކަމަށެވެ. އަދި ހައްޔަރުގައި ބަހައްޓައިގެން އަދީބު މާލެ ގެނައުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ވެސް ފުލުހުންގެ ޓްވީޓްގައިވެ އެވެ.
"ދަ ހިންދޫ" ނޫހަށް އިންޑިއާގެ ސަރުކާރުގެ އޮފިޝަލަކު ވިދާޅުވެފައި ވަނީ، މިއަދުގެ ވަގުތެއްގައި އަދީބު ދިވެހި ސަރުކާރާ ހަވާލުކޮށް، އެ ކަމުގެ އިޖުރާއަތްތައް މިހާރު ނިންމާފައިވާ ކަމަށެވެ. އެ އޮފިޝަލާ ހަވާލާދީ އެ ނޫހުން ބުނީ އަދީބު ހުންނެވި ޓަގް ބޯޓް އިންޑިއާގެ ކަނޑުގެ ސަރަހައްދުން ބޭރުވުމުން، ރާއްޖޭގެ ކޯސްޓްގާޑްގެ އުޅަނދަކާ އަދީބު މިހާރު ހަވާލުކޮށްފައިވާ ކަމަށެވެ.
މިދިޔަ ބުރާސްފަތި ދުވަހު އިންޑިއާގެ ޓުޓިކޮރިންގެ ކަނޑުގެ ސަރަހައްދުން އަދީބު ހައްޔަރުކުރީ ރާއްޖެއިން ފުރައިގެން އެ ގައުމަށް ދިޔަ، "ވާގޯ-9" ކިޔާ ޓަގް ބޯޓެއްގެ ފަޅުވެރިއަކަށް ވެގެން ފިލައިގެން ދަނިކޮށެވެ. އަދީބު އިންޑިއާއިން ހިމާޔަތް ހޯއްދަވަން މަސައްކަތް ކުރެއްވި ނަމަވެސް، އެ ގައުމަށް އެތެރެ ވުމުގެ ފުރުސަތު ނުދީ އަދީބު ވަނީ އަނބުރާ ފޮނުވާލައިފަ އެވެ.
އަދީބު ހުންނެވި ޓަގް ބޯޓް އިންޑިއާގެ ސިފައިންގެ ބެލުމުގެ ދަށުން ޓުޓިކޮރިން ބަނދަރުން ފުރީ، ރޭ ފަތިހުގެ ވަގުތެއްގަ އެވެ.
އަދީބުގެ ބައިނަލްއަގުވާމީ ގާނޫނީ ވާކީލުންގެ ޓީމުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އަދީބު އިންޑިއާގެ ހިމާޔަތަށް އެދުނީ، ކުރީގެ ސަރުކާރުގެ ބައެއް ފަރާތްތަކުގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގައި ހަގީގަތާ ހިލާފު ވާހަކަތައް ދެއްކުމަށް އަދީބަށް މަޖުބޫރުކޮށް އެއްބަސްވުމެއްގައި ސޮއިކުރުވަން ދިވެހި ސަރުކާރުގެ ފަރާތުން މަސައްކަތް ކުރާތީ ކަމަށެވެ. އަދި އިންޑިއާއިން އަދީބު އަނބުރާ ފޮނުވާލައިފި ނަމަ، އެއީ އިންޑިއާއިން ހިންގާނެ ބައިނަލްއަގުވާމީ އުސޫލުތަކާ ހިލާފު އަމަލެއް ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.
"ދަ ހިންދޫ" ނޫހުގެ އޮފިޝަލް ވިދާޅުވީ އަދީބު އިންޑިއާއިން ޑީޕޯޓް ކުރި ކަމަށް ބައެއް ނޫސްތަކުން ރިޕޯޓްކުރި ނަމަވެސް އެއީ ހަގީގަތާ ހިލާފު ވާހަކައެއް ކަމަށެވެ. އަދީބު ދިވެހި ފުލުހުންނާ ހަވާލުކުރަން އިންޑިއާއިން އެހީވި ކަމަށް ވެސް އޮފިޝަލް ވަނީ ވިދާޅުވެފަ އެވެ.
އަދީބު ރާއްޖެއިން ފިލައިގެން ދިޔައީ، މިދިޔަ ބުދަ ދުވަހު ފުލުހުންގެ ތަހުގީގަށް ހާޒިރުވުމަށް އަދީބަށް އަންގާފައިވަނިކޮށެވެ. އަދި އެ ތަހުގީގަށް ހާޒިރުވާނެ ކަމުގެ ޔަގީންކަން އަދީބު ދެއްވި ކަމަށް ވެސް ފުލުހުން މީގެ ކުރިން ބުނެފައިވެ އެވެ.