04 Aug 2019, 13:43
ސިއްހަތާ ބެހޭ ވަޒީރު، އަމީން އަބްދުﷲ ސުވާލުކުުރުމަށް ހާޒިރު ކުރުން މާދަމާގެ ޖަލްސާއަށް އަދި ދަތުރުފަތުރާ ބެހޭ ވަޒީރު، އައިޝަތު ނަހުލާއާ ސުވާލުކުުރުމަށް ހާޒިރު ކުރުން ބުދަ ދުވަހުގެ ޖަލްސާ ތާވަލް ކޮށްފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ބުނެފި އެވެ.
އަމީންއާ ސުވާލުކުުރުމަށް މަޖިލީހަށް ހުށަހެޅީ މަޑުއްވަރީ ދާއިރާ މެމްބަރު، އާދަމް ޝަރީފު އުމަރެވެ.
އާދަމް ޝަރީފު ސުވާލު ކުރައްވަނީ އޭނާ ނިސްބަތްވާ ދާއިރާގެ ރ. މަޑުއްވަރީ ސިއްހީ މަރުކަޒާއި ރ. މީދޫ ސިއްހީ މަރުކަޒާ ގުޅޭ ސުވާލުތަކެވެ.
ނަހުލާއާ ސުވާލުކުރުމަށް ހުށަހެޅީ، ކާށިދޫ ދާއިރާ މެމަބަރު އަބްދުﷲ ޖާބިރެވެ.
ނަހުލާއާ ސުވާލު ކުރަނީ، މާލޭގައި ޕާކު ކުރާނެ ތަންތަން އެކަށީގެންވާ މިންވަރަށް ނުހަދައި، ގަވައިދާ ހިލާފަށް ޕާކު ކުރާ އުޅަނދުފަހަރުގައި ޕާކިންގް ސްޓިކާ ޖަހާ މައްސަލައިގައެވެ.
ނަހުލާ ހާޒިރުކުރުމަށް އޭނާ ހުށަހެޅީ މިދިޔަ މަހުގެ ދެ ވަނަ ދުވަހުއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައިވާ ގޮތުން މިނިސްޓަރަކާ ސުވާލުކުރުމަށް މެމްބަރަކު ހުށަހެޅުމުން އެ މިނިސްޓަރަކަށް 14 ދުވަހުގެ ނޯޓިސް ދޭން ޖެހޭނެއެވެ. ޖާބިރު ސުވާލު ކުރުމަށް ހުށަހެޅީތާ 14 ދުވަސް ހަމަވި ނަމަވެސް ކޮންމެވެސް ސަބަބަކާ ހުރެ މިނިސްޓަރު ނަހުލާ މަޖިލީހަށް ހާޒިރުވެފައި ނުވެއެވެ.
މިއަދު ރައްޔިތުންގެ މަޖިލީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމީން އާންމު އައިޝަތު ނިއުޝާ ވިދާޅުވީ، ވަޒީރު އަމީންއާ ސުވާލު ކުރުމަށް މާދަމާގެ ޖަލްސާގައި ތާވަލް ކޮށްފައިވާ ކަމަށެވެ. އަދި ވަޒީރު ނަހުލާއާ ސުވާލު ކުުރުމަށް އަންނަ ބުދަ ދުވަހުގެ ޖަލްސާއަށް ތާވަލް ކޮށްގައިވާ ކަމަށެވެ.
މިހަފްތާގެ މަޖިލީހުގެ މަސައްކަތްތަކާ ގުޅޭ ގޮތުން އިތުރަށް މައުލޫަތު ދެއްވަމުން ނިއުޝާ ވިދާޅުވީ، މިފަހްތާތެރޭގައި ދެ ގަރާރަކާއި ތިން ބިލެއްގެ އިބްތިދާއީ ބަހުސް ފެށުމަށް ހަމަ ޖެހިފައިވާ ކަމަށެވެ.
އިބްތިދާއީ ބަހުސް ފެށުމަށް ހަމަޖެހިފައިވަނީ ޖާބިރު ހުށަހެޅުއްވި ދެ ގާރާރެކެވެ. އެއީ ރާއްޖެ އެތެރެ ކުރެވީ ހަކަތައިގެ ބާވަތުގެ ގަރާރަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާ ގުޅޭ ގަރާރެކެވެ.
އިބްތިދާއީ ބަހުސް ފެށުމަށް ހަމަޖެހިފައިވާ ތިން ބިލަކީ، ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި ތިން ބިލެެވެ. އެއީ މަނަދޫ ދާއިރާ މެމްބަރު އަހްމަދު ހާރޫން ހުށަހެޅުއްވި އިޖްތިމާއީ ސިއްހީ ގައުމީ އިންސުއަރެންސްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް، މާފަންނު މެދު ދާއިރާ މެމްބަރު ހުށަހެޅުއްވި ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫނަށް އިސްލާހު ހުށަހެޅުމުގެ ބިލް އަދި އިހަވަންދޫ ދާއިރާ މެމްބަރު މުހައްމަދު ޝިފާއު ހުށަހެޅުއްވި މަސްވެރިކަމާ ބެހޭ ބިލެވެ.