04 Aug 2019, 20:15
ރިސޯޓުތަކުން ސާވިސް ޗާޖުގެ ގޮތުގައި އެންމެ މަދުވެގެން 10 ޕަސެންޓް ނެގުމަށް ލާޒިމް ކުރާ ގޮތަށް ގާނޫނަށް އިސްލާހު ގެނައުމަށް ލާފާ ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީން ނިންމައިފި އެވެ.
ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ގަވައިދުން ސާވިސް ޗާޖު ދޭތޯ ބަލައި، ސާވިސް ޗާޖުގައި ދިނުމަށް އަމަލުކުރާ އުސޫލަކީ ކޮބައިތޯ ދިރާސާ ކުރުމަށް އިގްތިސާދީ ކޮމިޓީއަށް މައްސަލަ ހުށަހެޅުއްވީ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑާ) އެވެ. އެމައްސަލަ ކޮމިޓީއަށް ހުށަހެޅީ ޖުލައި މަހުގެ ނުވަ ވަނަ ދުވަހު އެވެ.
އިގްތިސާދީ ކޮމިޓީއިން އެމައްސަލަ ދިރާސާކޮށް ގިނަ ކަންތައްތަކެއް ވަނީ ފާހަގަކޮށްފަ އެވެ. އެގޮތުން ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ސާވިސް ޗާޖު ދިނުމަށް ރާއްޖޭގައި އަމަލުކުރަމުން ދާ އެއްވެސް ގާނޫނެއްގައި ލާޒިމުކޮށްފައި ނުވާކަން ފާހަގަ ކުރެވިފައިވާ ކަމަށް ކޮމިޓީ ރިޕޯޓުގައި ބުނެފައިވެ އެވެ.
ވަޒީފާއާ ބެހޭ ގާނޫނުގެ 51 ވަނަ މާއްދާގެ (ހ) ގައި ވާގޮތުން ސާވިސް ޗާޖުގެ ގޮތުގައި ވަޒީފާދޭ ފަރާތަށް ލިބޭ ފައިސާގެ ޖުމްލަ އަދަދުގެ ތެރެއިން އެއް ޕަސެންޓަށްވުރެ ގިނަ ނޫން އަދަަދެއްގެ ފައިސާ އިދާރީ ފީއެއްގެ ގޮތުގައި ކެނޑުމަށް ފަހު ބާކީވާ ފައިސާ ހިނގަމުންދާ މަސް ނިމުމުގެ ކުރިން އެފަރާތެއްގެ މުވައްޒަފުންނަށް ބަހައި ނިންމަންޖެހޭނެ އެވެ.
ނަމަވެސް އެފައިސާ އަކީ ސާވިސް ޗާޖެއް ނަގާނަމަ ދޭން ޖެހޭ ފައިސާ ކަމަށް އިގްތިސާދީ ކޮމިޓީއަށް ފާހަގަ ކުރެވިގެން އެވާހަކަ ރިޕޯޓުގައި ހިމާނާފައިވެ އެވެ. އަދި ސާވިސް ޗާޖު ނެގުމަށް އެއްވެސް ގާނޫނަކުން ރިސޯޓުތަކަށް ލާޒިމްކޮށް ނުވާތީ އެކަން ވަނީ ރިޕޯޓުގައި ފާހަގަކޮށްފަ އެވެ.
މިހާރު ހިންގަމުންދާ ރިސޯޓުގެ ތެރެއިން ގިނަ ރިސޯޓުތަކުން ސާވިސް ޗާޖުގެ ގޮތުގައި 10 ޕަސެންޓް ނަގާ ކަމާއި އެގޮތަށް ނަގާ ރިސޯޓުތަކުން ވަޒީފާއާ ބެހޭ ގާނޫނުގައި ބުނެފައިވާގޮތުން ސާވިސް ޗާޖު ދޭ ކަމަށް ކޮމިޓީ ރިޕޯޓުގައި ވަނީ ބުނެފަ އެވެ.
އިގްތިސާދީ ކޮމިޓީން ނިންމާފައިވަނީ ހުރިހާ ރިސޯޓެއްގައި އެއް ހަމައަކުން އަމަލު ކުރުމަށް ބާރު އެޅުމުގެ ގޮތުން ހުރިހާ ރިސޯޓަކުންވެސް ސާވިސް ޗާޖު ނަގަން ޖެހޭ ގޮތަށް ލާޒިމު ކުރުމަށެވެ. އަދި ސާވިސް ޗާޖު ނަގަން ޖެހޭ މިންވަރަކީ 10 ޕަސެންޓް ކަމުގައި ކަނޑައަޅަން އިލްތިމާސް ކުރުމަށްވެސް ކޮމިޓީން ވަނީ ނިންމާފަ އެވެ.
އެ ކޮމިޓީގެ ރިޕޯޓު މާދަމާ ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ހުށަހަޅަން ވަނީ އެޖެންޑާ ކޮށްފަ އެވެ.
ރިސޯޓުތަކުގެ މުވައްޒަފުންނަށް ސާވިސް ޗާޖު ނުދޭ ކަމުގެ ޝަކުވާއަކީ ބޮޑު ޝަކުވާ އެކެވެ. މަޖިލިސް ކެމްޕެއިނުގައިވެސް ރިސޯޓުތަކުގެ މުވައްޒަފުން ހުށަހެޅި އެންމެ ބޮޑު ޝަކުވާއަކީ އެއީ އެވެ.