އީދު ޗުއްޓީއަށް ދިއުމުގެ ކުރިން މަޖިލީހުގެ އެޖެންޑާގައި ހުރި ކަންކަން ވީހާވެސް ބޮޑަށް ނިންމުމުގެ މަގުސަދުގައި، ކުރިއަށް އޮތް ތިން ދުވަހުގެ ރޭ ވެސް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ބާއްވަން ނިންމައިފި އެވެ.

މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވީ، މަޖިލީހުގެ އެޖެންޑާގައި ނުނިމި ހުރި ވަރަށް ގިނަ ކަންކަން އެބަހުރި ކަމަށެވެ.

"މިއަދުގެ އެޖެންޑާގައި ވެސް ގިނަ އިބްތިދާއީ ބަހުސްތަކާއި، ކޮމިޓީ އިން ނިންމާފައި ހުރި މައްސަލަތައް އެބަހުރި،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ކުރިއަށް އޮތް ތިން ދުވަހަށް ފަހު އީދަށް މަޖިލިސް ބަންދު ވާނެތީ، އޭގެ ކުރިން އެޖެންޑާ ވީހާވެސް ތޮއްޖެހުން ކުޑަވާނެ ގޮތަކަށް މަސައްކަތްތައް ކުރިއަށް ގެންދަން ނިންމަވާފައިވާކަން ރައީސް ނަޝީދު ވަނީ ފާހަގަ ކުރައްވައިފަ އެވެ.

އެގޮތުން މިރޭ 9:00 ގައި ވެސް މަޖިލީހުގެ ޖަލްސާއެއް ބާއްވާނެ ކަމަށާއި، މަސައްކަތްތައް ކުރިއަށްދާ މިންވަރަށް ބަލައި، ކުރިއަށް މި އޮތް ތިން ރޭ ވެސް މަޖިލީހުގެ ޖަލްސާ ބާއްވާނެ ކަން ރިޔާސަތުން ވަނީ ހާމަކުރައްވައިފަ އެވެ.

"އަޅުގަނޑު ގަސްތު ކުރަނީ މިރޭ 9 ޖަހާއިރު، ވެސް މަޖިލީހުގެ ޖަލްސާއެއް ބާއްވަން. އަދި ކުރިއަށް މި އޮތް އަނެއް ތިން ރޭ އަޅުގަނޑުމެންނަށް އެޖެންޑާ ނުނިންމޭ ކަމަށް ވަނީވިއްޔާ އެ ތިން ރޭ ވެސް އަޅުގަނޑޫމެން މަޖިލީހުގެ ބައްދަލުވުން ބާއްވަން،" ނަޝީދު ވިދާޅުވިއެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާގައި އެކަނި ވެސް ފަސް އިބްތިދާއީ ބަހުސަކާއި، ކޮމިޓީތަކުން ފޮނުވާފައިވާ އަށް ރިޕޯޓަކަށް ގޮތް ނިންމަން ވަނީ ތާވަލު ކުރެވިފަ އެވެ.