ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަންގެ ދައުރުގެ މުއްދަތަކީ ފަސް އަހަރު ކަމަށް ކަނޑައަޅައި، ބައެއް ބާރުތައް ހަނިކުރަން ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނަށް އިސްލާހު ހުށަހަަޅައިފި އެވެ.

ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނަށް އިސްލާހު ހުށަހެޅުވީ އައްޑޫ ހުޅުދޫ ދާއިރާގެ މެމްބަރު އިލިޔާސް ލަބީބު އެވެ. އެ ބިލުގެ ފުރަތަމަ ކިޔުން މަޖިލީހުގައި މިއަދު ވަނީ އިއްވާފަ އެވެ.

އެ އިސްލާހުގައި ވާގޮތުން ކޮމިޝަނަ ޖެނެރަލް އޮފް ޓެކްސޭޝަންގެ ދައުރުގެ މުއްދަތަކީ ފަސް އަހަރު ދުވަހެވެ. އެއީ ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަނާއި ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ ދައުރު ކަމަށްވެސް ގާނޫނަށް ހުށަހެޅި އިސްލާހުގައި ބުނެފައިވެ އެވެ.

މިހާރު އަމަލު ކުރަމުންދާ ގާނޫނުގައި ކޮމިޝަނަރު އަދި ޑެޕިއުޓީ ކޮމިޝަނަރު އޮފް ޖެނެރަލްގެ ދައުރުގެ މުއްދަތަކީ ކޮބައިކަމެއް ބަޔާންކޮށްފައެއް ނުވެ އެވެ.

މިހާރު ގާނޫނު އެކުލަވާލާފައި އޮތް ގޮތުން ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަންއަށް ބޯޑުގައި ނަގާ ވޯޓުތަކުގައި ބައިވެރިވެވެ އެވެ. ނަމަވެސް ގާނޫނަށް ހުށަހެޅި އިސްލާހުގައި ބުނެފައިވަނީ ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަން ބޯޑުގައި ހިމެނޭނީ ވޯޓު ނުދެވޭ މެމްބަރެއްގެ ގޮތުގައި ކަމަށެވެ.

އޭގެ އިތުރުން ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަން މަގާމުން ވަކިކުރެވޭނެ އުސޫލުތަކަށްވެސް ވަނީ ބަދަލު ގެނެސްފަ އެވެ. މީހާރު އޮންނަ ގޮތުން ކޮމިޝަނަރުގެ މަގާމުން ވަކި ކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިއްޖެ ހާލަތެއްގައި މަޖިލީހަށް ހުށަހަޅައިގެން އެކަން ކުރެވިދާނެ އެވެ.

ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނަށް އިސްލާހު ހުށަހެޅުއްވި ހުޅުދޫ ދާއިރާގެ މެމްބަރު އިލިޔާސް ލަބީބު --- ފޮޓޯ/ މަޖިލިސް

ނަމަވެސް ޓެކުހާ ބެހޭ އިދާރީ ގާނޫނަށް އިލިޔާސް ހުށަހެޅުއްވި އިސްލާހުގައި ވާގޮތުން ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަން އަދި ޑެޕިއުޓީ ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަން މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް އިހުމާލުވި ކަމަށް ނުވަތަ މަގާމުގެ ނުފޫޒު ނާޖާއިޒު ގޮތުގައި ބޭނުންކުރާ ކަމަށް ނުވަތަ ބޯޑުން ފާސްކޮށްފައިވާ ސުލޫކީ މިންގަނޑާ ހިލާފުވެފައިވާ ކަމަށް މަޖިލީހުގެ ކޮމިޓީއަށް ފެނިގެން ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަން އަދި ޑެޕިއުޓީ ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަން ވަކިކުރަން މަޖިލީހުގެ ތަޅުމަށް ހުށަހެޅިދާނެ އެވެ.

އޭގެ އިތުރުން މީރާގެ ބޯޑު އެކުލަވާލާ ގޮތަށްވެސް ވަނީ ކޮންމެވެސް ވަރެއްގެ ބަދަލެއް ގެނެސްފަ އެވެ. އެގޮތުން ދައުލަތުގެ މާލިއްޔަތުގެ ކަންކަން ބެލެހެއްޓުމުގެ ކަންކަން ހަވާލުކޮށްފައިވާ ވުޒާރާގައި ޓެކުހާބެހޭ ސިޔާސަތުތަކާއި ގުޅޭ ކަންކަން ބެލެހެއްޓުމަށް މިނިސްޓަރު ކަނޑައަޅާފައިވާ ފަރާތް މީރާގެ ބޯޑުގައި ހިމެނޭނެ ކަމަށް ގާނޫނަށް ހުށަހެޅި އިސްލާހުގައި ވަނީ ބުނެފަ އެވެ.

ޓެކްސް މައްސަލަ އިސްތިއުނާފު ކުރުމަށް ލުއިތަކެއް

ޓެކްސްގެ މައްސަލައެއް އިސްތިއުނާފު ކުރަން ބޭނުންވާ ނަމަ ދައްކަން ޖެހޭ ހުރިހާ ފައިސާއެއް ދެއްކުމަށް ފަހު އިސްތިއުނާފު ކުރެވޭ ގޮތަށް އޮތް އޮތުމަށް ބަދަލު ގެނެސް ދައްކަން ޖެހޭ ފައިސާގެ 30 ޕަސެންޓް ދެއްކުމުން އިސްތިއުނާފު ކުރެވޭ ގޮތަށްވެސް ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނަށް ވަނީ އިސްލާހު ހުށަހަޅާފަ އެވެ.

ޓެކްސްނެގުމާ ބެހޭ އިދާރީ ގާނޫނުގެ 44 ވަނަ މާއްދާގައި ބުނެފައިވާގޮތުން ޓެކްސްގެ މައްސަލައެއް ޓެކްސް އެޕީލް ޓްރިބިއުނަލަށް އިސްތިއުނާފު ކުރުމުގެ ހައްގު އުފަން ވާނީ މީރާއިން ކަނޑައަޅާ އަދަދެއް އެއްކޮށް ދެއްކުމަށް ފަހު އެވެ.

އިލިޔާސް ލަބީބު އެ ގާނޫނަށް ހުށަހެޅުއްވި އިސްލާހުގައި ވާގޮތުން މީރާއިން ޓެކުހުގެ އަދަދަކާއި ގުޅިގެން ކަމަށްވާނަމަ، އެ ކަނޑައަޅާ އަދަދުގެ ތެރެއިން ޓެކްސް ދަައްކާ ފަރާތުން އިސްތިއުނާފުކުރާ އިރު ދައްކަން ޖެހޭނީ މަދުވެގެން 30 ޕަސެންޓާ އެއްވަރުގެ އަދަދެކެވެ.

އެ 30 ޕަސެންޓް ހިސާބުކުރާނީ އިސްތިއުނާފުކުރާ އަދަދާއި ގުޅިގެން ދައްކަން ޖެހޭ އެއްވެސް ޖޫރިމަނާއެއް ނުވަތަ އިންޓަރެސްޓެއް ނުލާ ކަމަށް ބިލުގައި ވަނީ ބުނެފަ އެވެ.

އޭގެ އިތުރުންވެސް ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނަށް ބައެއް ބަދަލުތައް ގެންނަން ވަނީ ހުށަހަޅާފަ އެވެ. އެގޮތުން ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން މީރާއިން ނިންމާ ނިންމުމަކާ މެދު ޓެކްސް ދައްކާ ފަރާތުން އިއުތިރާޒު ކުރާ ކަމުގެ ލިޔުން މީރާއަށް ހުށަހެޅުމުން އެކަމުގައި 120 ދުވަހުގެ ތެރޭގައި ގޮތެއް ނިންމަންވާނެ ކަމަށް ގާނޫނަށް ހުށަހެޅި އިސްލާހުގައި ބުނެފައިވެ އެވެ. އަދި އެމުއްދަތުގައި ނުނިންމައިފި ނަމަ އެ އިއުތިރާޒު ކުރުން ނިސްބަތްވާ މީރާގެ ނިންމުން ރަނގަޅު ނޫން ކަމަށް މީރާއިން ނިންމީ ކަމުގައި ބެލެވޭނެ ކަމަށްވެސް ގާނޫނުގައި ވަނީ ބުނެފަ އެވެ.

މިހާރު އަމަލުކުރާ ގޮތުން މީރާގެ ނިންމުމަކަށް އިއުތިރާޒު ކުރާކަން 30 ދުވަހުގެ ތެރޭގައި އެންގި ނަމަވެސް އެ އިއުތިރާޒާމެދު ގޮތް ނިންމަން ވަކި މުއްދަތެއް ގާނޫނުން ދީފައެއް ނުވެ އެވެ.