11 Aug 2019, 18:41
ދެކުނު ސަރަހައްދުތަކަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ލިބުނު ގެއްލުންތައް ބަލަމުން އަންނަ ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފި އެވެ.
ދެކުނު ދެ ސިޓީ ކަމަށްވާ އައްޑޫ އަދި ފުވައްމުލަކު ސިޓީއަށް ރޭ ވަނީ ގަދަ ވަޔާއި އެކު ބޯކޮށް ވާރޭ ވެހި ފެންބޮޑުވެ ގެއްލުންތަކެއް ވެފައެވެ.
ޑިޒާސްޓަރ އިން ބުނީ، ދެކުނަށް ރޭ ކުރި ވިއްސާރައިގަ އައްޑޫ ސިޓީގެ 24 ގެޔަކާއި ފުވައްމުލަކު ސިޓީގެ 15 ގެއެއްގެ ފުރާޅަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށެވެ.
އައްޑޫ އަދި ފުވައްމުލަކު ސިޓީގެ އިތުރުން ވެސް އެހެން ރަށް ތަކަށް ލިބުނު ގެއްލުންތައް ބަލަމުން އަންނަ ކަމަށް ޑިޒާސްޓަރ އިން ވަނީ ބުނެފަ އެވެ. އެގޮތުން ރަށް ރަށުގެ ހާލަތު ޑިޒާސްޓަރ އިން މޮނިޓަރ ކޮށް ފުރާޅު އެއްލާލި ގެތަކުގެ ފުރާޅު އެޅުމުގެ މަސައްކަތް ކައުންސިލްތަކުން ކުރަމުން އަންނަ ކަމަށް ވަނީ ބުނެފަ އެވެ.
މިރޭ ވެސް ދެކުނުގެ އަތޮޅުތަކަށް ވިއްސާރަ ކުރާނެ ކަމަށް މޯލްޑިވަސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އޮފީހުން ވަނީ ލަފާކޮށްފަ އެވެ. އެގޮތުން ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނޑު ދެކުނުން އަދި އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން، ގަޑި އަކު 13 މޭލާއި 23 މޭލާ ދެމެދު ބާރުމިނުގައި ވައިޖެހޭނެ ކަމަށް ވަނީ ލަފާ ކޮށްފަ އެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލާއި 60 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.