16 Aug 2019, 18:03
ޅ. ނައިފަރުން ފުރައިގެން މާލެއަށް ދަތުރުކުރަމުން ދިޔަ ލޯންޗެއް ދިޔަވާން ފެށުމުން އެހީތެރިކަން ފޯރުކޮށްދީފި އެވެ.
އެމްއެންޑީއެފްއިން ބުނީ ލޯންޗު ދިޔަވީ ފެން ހިންދާ ޕަމްޕަށް ޖެހުނު މައްސަލައެއްގެ ސަބަބުން ކަމަށެވެ. އަދި ލޯންޗު ދިޔަ ވާން ފެށީ ކ. ގާފަރުގެ އިރު އުތުރުން ހަތަރު ނޯޓިކަލް މޭލު ބޭރުން ކަމަށެވެ.
މިވަގުތު ލޯންޗުގައި ހުރި "ސަން"ގެ ނޫސްވެރިޔާ ފަރީހާ އަބްދުﷲ ކިޔައިދިން ގޮތުގައި ލޯންޗު ދިޔަވާން ފެށުމުން އެންމެ ފުރަތަމަ މަސައްކަތް ކުރީ ކައިރިން ދިޔަ އެހެން ލޯންޗަކަށް މީހުން އެރުވުމަށެވެ. އެކަމަކު، ކަނޑު ގަދަކަމުން މީހުން ބަދަލު ނުކުރެވުނު ކަމަށް ފަރީހާ ކިޔައިދިނެވެ.
ފަރީހާ ކިޔައިދިން ގޮތުގައި އެ ސަރަހައްދުން ދިޔަ ސަޕްލައި ބޯޓެއްގެ އެހީތެރިކަން މިހާރު ވަނީ ލިބިފައެވެ. އެ ބޯޓުގައި ކަފު ޖަހައިގެން ލޯންޗު މިހާރު ގާފަރަށް ވެއްދުމަށް މަސައްކަތް ކުރަމުން ދާ ކަމަށް އޭނާ ބުންޏެވެ.
ހާދިސާގެ މައުލޫމާތު ކޯސްޓާޑަށް ލިބުނީ މިއަދު 16:50ގައެވެ.
ލޯންޗުގައި ތިބި މީހުން މިހާރު ވަނީ ފުލުހުންގެ ލޯންޗަކަށް އަރުވާފައެވެ. އަދި އެމީހުން ހުޅުމާލެއަށް ގެންދިއުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.