ތިން ރަށެއްގެ ތިން މަޝްރޫއުއަކަށް އަށް ލައްކައެއްހާ ރުފިޔާގެ އެހީ ދިނުމުގެ އެއްބަސްވުންތަކުގައި އެ ރަށް ރަށުގެ ކައުންސިލްތަކާ އެކު ހޯމް މިނިސްޓްރީން މިއަދު ސޮއިކޮށްފި އެވެ.

މިދިޔަ ފެބްރުއަރީ މަހު ހޯމް މިނިސްޓްރީ އިން ވަނީ މި އަހަރު ރަށްރަށުގައި ޖަމާއަތުގެ ފައިދާއަށް ރަށު ކައުންސިލްތަކުން ހިންގާ ތަރައްގީގެ މަޝްރޫއުތަކަށް 300،000 އާ ހަމައަށް އެހީވުމަށް ނިންމައި އެފަދަ މަޝްރޫއުތަކަށް މާލީ އެހީއަށް އެދި ޕްރޮޕޯޒަަލް ހުށައެޅުމުގެ ފުރުސަތު ކައުންސިލްތަކަށް ހުޅުވާލައްވައިލަފަ އެވެ. އެއާ އެކު މީގެ ކުރިން ހަތަރު ރަށަކަށް ހޯމް މިނިސްޓްރީން ވަނީ ހަ ލައްކައެއްހާ ރުފިޔާގެ އެހީދުނުމުގެ އެއްބަސްވުންތަކެއްގައި ސޮއިކޮށްފަ އެވެ.

ހޯމް މިނިސްޓްރީން މިއަދު ސޮއިކޮށްފައިވާ ތިން ރަށަކީ، ޅ. އޮޅުވެލިފުށި، އއ. ފެރިދޫ އަދި ފ. މަގޫދޫ އެވެ. މި ތިން ރަށުގެ ތިން މަޝްރޫއަށް މުޅި ޖުމްލަ 835،644 ރުފިޔާ އަރަ އެވެ.

މި އެއްބަސްވުންތަކުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރު އެވެ. އަދި ރަށްތަކުން ސޮއިކުރީ އެ ރަށެއްގެ ކައުންސިލުން ނެވެ.

ޅ. އޮޅުވެލިފުށި ކައުންސިލާ އެކު ސޮއިކުރީ ޤަބުރުސްތާން ވަށާފާރު ރޭނުމަށް ފައިސާގެ އެހީދިނުމަށެވެ. މިނިސްޓްރީން ދިނުމަށް ހަމަޖެހިފައި ވަނީ 235،644 ރުފިޔާ އެވެ. އޮޅުވެލިފުށި ކައުންސިލުން އެ މަޝްރޫއަށް 77،209.75 ރުފިޔާ ހަރަދު ކުރާނެ ކަމަށް ހޯމް މިނިސްޓްރީ އިން ބުންޏެވެ.

އއ. ފެރިދޫ ކައުންސިލާ އެކު ސޮއިކުރީ އެ ރަށުގައި ކުޑަކުދިންގެ ޕާކެއް އެޅުމަށް ތިން ލައްކަ ރުފިޔާ ފައިސާގެ އެހީދުނުމަށެވެ. އެ މަޝްރޫއުއަށް އިތުރަށް ހަރަދުވާ 400،000 ރުފިޔާ ހަރަދު ކުރަނީ ކައުންސިލުންނެވެ.

ފ. މަގޫދޫ ކައުންސިލާ އެކު ސޮއިކުރީ އެ ރަށު މަގުބައްތި މަރާމާތުކުރުމަށް ތިން ލައްކަ ރުފިޔާގެ އެހީ ދިނުމަށެވެ. ކައުންސިލުން އެ މަޝްރޫއަށް ހަރަދު ކުރަނީ 382،000 ރުފިޔާ އެވެ.

މިހާނަތަށް އެހީ ދިނުމުގެ މަޝްރޫއުގެ ދަށުން މުޅި ޖުމްލަ 1.4 މިލިއަން ރުފިޔާގެ އެހީ އެކި ކައުންސިލްތަކަށް ދިނުމަށް މިނިސްޓްރީން ވަނީ އެ ކައުންސިލްތަކާ އެކު އެއްބަސްވުންތަކުގައި ސޮއިކޮށްފަ އެވެ. އެގޮތުން މީގެ ކުރިން، އއ. ހިމަންދޫ ކައުންސިލާއި ނ.ހޮޅުދޫ ކައުންސިލާއި، ތ.ވިލުފުށި ކައުންސިލާއި، ނ.ކުޑަފަރި ކައުންސިލާ އެކު ވަނީ މީގެ ކުރިން އެއްބަސްވުންތަކުގައި ސޮއިކޮށްފަ އެވެ.

ހޯމް މިނިސްޓްރީން ބުނެފައިވާ، ކައުންސިލްތަކަށް އެހީ ދިނުމުގެ މަޝްރޫއުގެ ދަށުން 17 ރަށަކަށް އެހީ ދިނުމަށް ހަމަޖެހިފަ އެވެ. އެއީ ޕާކް ހެދުމަށް ހަ ރަށަކަށް، މަގުބައްތި ޖެހުމަށް ހަ ރަށަކަށް، ޤަބުރުސްތާން ވަށާފާރު ރޭނުމަށް ހަތަރު ރަށަކަށް އަދި ނެރުބައްތި ޖެހުމަށް އެއް ރަށަށެވެ.