21 Aug 2019, 22:52
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމުގެ މައްޗަށް ކޮށްފައިވާ މަނީ ލޯންޑަރިންގެ ދައުވާއަށް އެމަނިކުފާނާ ދެކޮޅަށް ހެކިބަސް ދިނުމަށް ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލް ގަފޫރު ތައްޔާރުވެއްޖެ އެވެ.
ރައީސް ޔާމީން އަށް ކުރެވޭ މަނީ ލޯންޑަރިންގެ ދައުވާގެ އަޑުއެހުމަށް މާދަމާ 9:30ގައި ކްރިމިނަލް ކޯޓުގައު ވަނީ ތާވަލްކޮށްފަ އެވެ.
އިތުބާރުހުރި މަސްދަރަކުން "ސަން" އަށް ވިދާޅުވީ، މާދަމާގެ އަޑުއެހުމަށް އަދީބު ހާޒިރުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. ޝަރީއަތް ނިމެންދެން ޖަލުބަންދެއްގައި ހުންނެވި އަދީބަށް އައިޖީއެމްއެޗްގައި ފައިރުވާދިނުމަށް ފަހު، ހަފްތާއެއްހާ ދުވަސް ދުވަސް ފަހުން އޭނާ ވަނީ އިއްޔެ ޖަލަށް ބަދަލުކޮށްފަ އެވެ.
އެނގިފައިވާ ގޮތުގައި އިއްޔެ އިރުއޮއްސުނު ފަހުން ޖަލަށް ބަދަލު ކުރި އަދީބު މިއަދު ފުލުހުންގެ މައި އިދާރާ، ޝަހީދު ހުސައިން އާދަމް ބިލްޑިންގް އަށް ވެސް ގެނަ އެވެ. ނަމަވެސް އޭނާ ގެނެސްފައި ވަނީ ކޮން ކަމަކާ ގުޅޭ ގޮތުން ކަމެއް އަދި ސާފެއް ނޫނެވެ.
ރައީސް ޔާމީންއާ ދެކޮޅަށް އެމަނިކުފާނުގެ ކުރީގެ އެންމެ އަރިސް ބޭފުޅާ އަދީބުގެ ހެކިބަސް ނެގުމަށް މާދަމާ ހަމަޖެހިފައިވާ އިރު، މާދަމާ އޮތީ ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ހެކިބަސް ނެގުމެވެ. އެންމެ ފުރަތަމަ އޮންނާނީ އެންޓިކޮރޕްޝަން ކޮމިޝަން(އޭސީސީ)ގެ ރައީސް މުއައްވިޒު ރަޝީދުގެ ހެކި ބަސް ނެގުމެެވެ. އެއަށްފަހު އޮންނާނީ އަދީބުގެ ހެކިބަސް ނެގުމެވެ.
ރައީސް ޔާމީންއާ ދެކޮޅަށް ދައުލަތުގެ ފަރާތުން ޖުމްލަ އަށް ހެއްކެއް ވަނީ ހުށަހަޅައިފަ އެވެ.
އެއީ އަދީބާ މުއައްވިޒުގެ އިތުރުން، އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީ، ކުރީގެ ޓުއަރިޒަމް މިނިސްޓަރު މޫސާ ޒަމީރު، އެމްއެމްޕީއާރުސީގެ ކުރީގެ އެމްޑީ، އަބްދުﷲ ޒިޔަތު، ބީއެމްއެލްގެ ބޯޑް މެމްބަރު މުހައްމަދު ލުވެއިޒް، ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފް އަދި މުހައްމަދު ވަސީމް އިސްމާއިލެވެ.
ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑާ ކުރުމުގެ ދައުވަ އުފުލާފައި ވަނީ، އެސްއޯއެފް ޕްރައިވެޓް ލިމިޓެޑު ކިޔާ ކުންފުންޏަކުން ރައީސް ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކޮށްފައި ވާތީ އެވެ.
މާދަމާ ރައީސް ޔާމީންއާ ދެކޮޅަށް އަދީބު ހެކިބަސްދޭން ހަމަޖެހިފައިވާއިރު އަދީބު ވަނީ އެމްއެމްޕީއާރްސީގެ 1.4 ބިލިއަން ރުފިޔާގެ ހިޔާނާތައް އިއުތިރާފުވެ، ތަހުގީގަށް އެއްބާރުލުންދީ އެ ހިޔާނާތާ ގުޅޭ މައުލޫަތު ދިނުނަށް ދައުލަތާއެކު އެއްބަސް ވުމެއްވެފައެވެ. އެ އެއްބަސްވުމާ ގުޅޭ މާބޮޑު ތަފްސީލެއް އަދި މިހާތަނަށް ތިލައެއް ނުވެއެވެ.