26 Aug 2019, 11:39
އއ. އުކުޅަހުގައި ތަރައްގީކުރި ކޮންވެންޝަން ސެންޓަރާއެކު ރާއްޖޭގައި ކޮންވެންޝަން ޓޫރިޒަމް ކުރިއެރުވުމުގެ ފުރުސަތު އެބައޮތްކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
އުކުޅަހުގައި ފެށި "ސްކިމާ2019" ޓެކް ފެއާ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ މާލެ ސިޓީ އަދި އައްޑޫ ފިޔަވައި ރާއްޖޭގެ އެހެން ސަރަހައްދެއްގައި ހުޅުވުނު ކޮންވެންޝަން ސެންޓަރާއެކު ރާއްޖޭގައި އިލްމީ ބަހުސްތައް ކުރުމަށް އިތުރު ދޮރެއް ހުޅުވިގެން ހިނގައްޖެ ކަމަށެވެ.
ކޮންވެންޝަން ސެންޓަރާއެކު އުކުޅަހަށް ވިޔަފާރީގެ އިތުރު ފުރުސަތުތައް ލިބިގެންދާނެ ކަމަށް ޝާހިދު ވިދާޅުވި އެވެ.
"މި ސެންޓަރުގެ ސަބަބުން އުކުޅަހަށް، މި އަތޮޅަށް، ރާއްޖެއަށް ކުރިއެރުން އަންނާނެ. އިތުރު ވިޔަފާރިތަކަށް ފުރުސަތު ހުޅުވިގެންދާނެ. ރާއްޖޭގައިވެސް މިފަދަ ކޮންފަރެންސްތައް ބޭއްވޭނެ ކަމުގެ އިތުބާރު އާވެގެން ހިނގައްޖެ،" މިނިސްޓަރު ވިދާޅުވި އެވެ.
"ކޮންފަރެންސް ޓޫރިޒަމް ފަދަ އާ ދާއިރާތަކަށް މި ރާއްޖެ ހުޅުވިގެންދާނެ މަންޒަރު މިއަދު ފެނިއްޖެ. މިކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް ފައިދާތަކެއް ކުރާނެ ކަމުގެ ޔަގީންކަން މިއަދު މިވަނީ ފުރިހަމައަށް ހާމަވެފައި،" ރާއްޖޭގައި ކުރެވޭ މުހިއްމު ހުރިހާކަމެއް މާލޭގައި ބޭއްވުމުގެ ބަދަލުގައި ރާއްޖޭގެ ހުރިހާ ކަންކޮޅަކަށް އެފަދަ ކަންތައް ފަހިކޮށްދެންޖެހޭކަން ފާހަގަ ކުރައްވަމުން މިނިސްޓަރު ވިދާޅުވި އެވެ.
މި ސަރުކާރުގެ އެއް އަމާޒަކީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކައުންސިލްތައް ބާރުވެރިކޮށް، ރަށްތައް ތަރައްގީ ކުރުމަށް އާމްދަނީ ހޯދޭނެ ވަސީލަތްތައް ލާމަރުކަޒީކޮށް ހޯދައިދިނުން ކަމަށްވެސް ޝާހިދު ވިދާޅުވި އެވެ.
"މިހާތަނަށް ސަރުކާރުން 2.7 ބިލިއަން ރުފިޔާގެ އާ މަޝްރޫއު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަނީ ފަށާފައި،" މިނިސްޓަރު ވިދާޅުވި އެވެ. އަދި ވިދާޅުވީ، މިހާރު އެކިފެންވަރުގެ 106 މަޝްރޫއު ކޮންޓްރެކްޓު ކުރެވިފައިވާކަމަށެވެ.
ސަރުކާރުންވީ ހުރިހާ ވައުދެއް ފުއްދާތަން ފެންނާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ފޮރިން މިނިސްޓަރު ވިދާޅުވީ މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ބައިނަލްއަގުވާމި މަސްރަހުގައި ރާއްޖެ އޮތީ ބިކަވެ ނިކަމެތިވެފައި ކަމަށެވެ. މި ސަރުކާރުގެ ފޮރިން ޕޮލިސީގެ އެއް އަސާސަކީ ބައިނަލްއަގުވަމީ މުޖުތަމައުގައި ރާއްޖެއަށް ހައްގު މަގާމު ހޯދައިދިނުންކަން ފާހަގަ ކުރައްވާ މިނިސްޓަރު ޝާހިދު ވިދާޅުވީ މި ސަރުކާރުގެ މަސައްކަތުން ރާއްޖޭގެ އަގު ބައިނަލްއަގުވާމީ މުޖުތަމައުގައި އުފުލިގެންދާތަން ފެންނަމުންދާ ކަމަށެވެ.
"އަޅުގަނޑުމެން ކުރި މަސައްކަތުން ރާއްޖެއަށް ހައްގު މަގަމު ހޯދުމަށް އަލުން ވަނީ މަގުފަހިވެފައި. މިއަދު މި ކޮންފަރެންސްގައި ބައިވެރިވާ ދުނިޔޭގެ ބޮޑެތި އިލްމުވެރިން މިތަނުގައިތިއްބެވުމަކީ އެކަމަށް އޮތް ސާފު ހެއްކެއް،" މިނިސްޓަރު ވިދާޅުވި އެވެ.
ފޮރިން މިނިސްޓަރު އިތުރަށް ވިދާޅުވީ މިއީ ޓެކްނޮލަޖީގެ ޒަމާން ކަމަށާއި ސަރުކާރުން ދޭ ހިދުމަތްތައް ހަރުދަނާ ކުރުމަށް ޓެކްނޮލަޖީގެ ބޭނުން ކުރަންޖެހޭ ކަމަށެވެ. ސަރުކާރުން ދޭ ހިދުމަތްތައް ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ފޯރުކޮށްދީ، ޑިޖިޓަލައިޒޭޝަނަށް މަގުފަހިވާނެ ފަދައިން ސިޔާސަތުތައް ކަނޑައެޅިގެން ދިއުމަކީ ސަރުކާރުގެ އަމާޒެއްކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.