ލަންޑަން (އޮގަސްޓް 28): އިނގިރޭސިވިލާތް ޔޫރަޕިއަން ޔޫނިއައިން ވަކިވާ ތާރީހު ޖެހެން ކައިރިވެފައި ވަނިކޮށް އެގައުމުގެ ޕާލިމެންޓް ސަސްޕެންޑު ކުރަން ސަރުކާރުން ރާނީ އެލިޒަބެތަށް ހުށަހަޅައިފި އެވެ.

އިނގިރޭސި ބޮޑުވަޒީރު ބޯރިސް ޖޯންސަން ޕާލިމެންޓް ސަސްޕެންޑް ކުރަން އެދިލެއްވީ އަންނަ މަހުގެ 10އަކުން އޮކްޓޯބަރު 14އާ ހަމައަށެވެ. މިހާރު ޗުއްޓީގައި އޮތް ޕާލިމެންޓުގެ ބައްދަލުވުންތައް ދެން ފަށަން ހަމަޖެހިފައި އޮތީ އަންނަ އަންގާރައިގަ އެވެ.

އިނގިރޭސިވިލާތް އީޔޫއިން ވަކިވާން ކަނޑައަޅާފައި އޮތް ތާރީހަކީ އޮކްޓޯބަރު 31 އެވެ. އަދި ބޮޑުވަޒީރު ޖޯންސަން ވަނީ އެތާރީހުގައި އީޔޫއާ އެކު އެއްބަސްވުމެއް ހެދުނަސް ނުހެދުނަސް އެގައުމު އީޔޫއިން ވަކިވާނެ ކަމަށް ވިދާޅުވެފަ އެވެ.

އެހެންކަމުން އިއްޔެ ސަރުކާރާ އިދިކޮޅު ހަ ޕާޓީއަކުން ވަނީ އެއްބަސްވުމަކާ ނުލައި އީޔޫއިން ވަކިވުން ޕާލިމެންޓުން ހުއްޓުވޭނެ ގޮތެއް ފާސް ކުރާނެ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް ޖޯންސަންގެ އެދިލެއްވުމާ އެއްގޮތަށް ރާނީ ޕާލިމެންޓް ސަސްޕެންޑު ކުރަން ނިންމަވައިފި ނަމަ، އެފަދަ ބިލެއް ފާސް ކުރަން އިދިކޮޅު ޕާޓީތަކަށް ލިބޭނީ ހަފްތާއެއްހާ ދުވަހެވެ.

އޭގެ ސަބަބުން އިދިކޮޅު ފަރާތްތަކުން ވަނީ ޕާލިމެންޓް ސަސްޕެންޑު ކުރުމުގެ ބޭނުމަކީ އިނގިރޭސިން އެއްބަސްވުމަކާ ނުލައި އީޔޫއާ ވަކިވުމުގެ ފުރުސަތު ބޮޑު ކުރުން ކަމަށް ވިދާޅުވެފަ އެވެ. އަދި ޕާލިމެންޓުގެ ތިރީގޭގެ ރައީސް ޖޯން ބާކޯ ވަނީ "އެއީ ޑިމޮކްރެޓިކް މަރުހަލާތަކާއި ޕާލިމެންޓް މެމްބަރުންގެ ހައްގުތަކަށް އަރައިގަތުމުގެ" ގޮތުގައި ސިފަ ކުރައްވާފަ އެވެ.

ނަމަވެސް ބޮޑުވަޒީރު ޖޯންސަން ވަނީ އެތުހުމަތުތައް ދޮގު ކުރައްވާފަ އެވެ. އަދި ޕާލިމެންޓު ސަސްޕެންޑު ކުރުމަށް ފަހު އޮކްޓޯބަރު މަހު ހުޅުވުމުން، އިނގިރޭސިން އީޔޫއާ ވަކިވުމާ ބެހޭ ގޮތުން ބަހުސް ކުރުމަށް މެމްބަރުންނަށް އެކަށީގެންވާ ވަރަށް ވަގުތު ލިބޭނެ ކަމަށް ވިދާޅުވެފަ އެވެ.

އިނގިރޭސިވިލާތް އީޔޫއިން ވަކިވުމަށް އެގައުމުގެ ކުރީގެ ބޮޑުވަޒީރު ތެރީސާ މޭ އިސްވެ ހުންނަވައިގެން އެކުލަވާލެއްވި އެއްބަސްވުމަށް އެގައުމުގެ ޕާލިމެންޓުން ވަނީ ތިން ފަހަރު ރުހުން ދޭން ދެކޮޅު ހަދާފަ އެވެ. އަދި މިދިޔަ މެއި މަހު މޭ އިސްތިއުފާ ދެއްވީވެސް ބްރެކްޒިޓް ދިގުލައިގެން ދިޔުމުގެ ސަބަބުންނެވެ.

އެ އެއްބަސްވުމަށް އިތުރު ބަދަލުތަކެއް ގެންނަން ބޭނުން ނޫން ކަމަށް މީގެ ކުރިން އީޔޫގެ ލީޑަރުން ވިދާޅުވެފައިވީ ނަމަވެސް ޖޯންސަން ވަނީ ބްރެކްޒިޓް އެއްބަސްވުމަށް ބަދަލު ގެނައުމަށް ގޮވާލައްވާފަ އެވެ. އެ އެއްބަސްވުމާ ބެހޭ ގޮތުން ޔޫރަޕިއަން ކައުންސިލްގެ ބައްދަލުވުމެއް އޮކްޓޯބަރު 17 އަދި 18ގައި ބާއްވަން ވަނީ ހަމަޖެހިފަ އެވެ.

އިނގިރޭސިން އެއްބަސްވުމަކާނުލައި އީޔޫއިން ވަކިވެއްޖެނަމަ އެގައުމުގެ އިގްތިސާދު ކުއްލިގޮތަކަށް ދަށަށްގޮސް ވަރަށް ގިނަ ބާވަތްތަކުގެ އަސާސީ ތަކެތީގެ ދަތިކަން އެގައުމަށް ފޯރުމަކީ ވަރަށް ގާތްކަމެއް ކަމަށް ތަޖްރިބާކާރުން ވިދާޅުވެ އެވެ.

އިނގިރޭސިވިލާތް އީޔޫއިން ވަކިވުމާ ބެހޭ ގޮތުން ފެންނަ ނުފެންނަ ވޯޓެއް ނެގީ 29 މާޗް 2017އިގަ އެވެ. އަދި އެވޯޓުގައި ބައިވެރިވި މީހުންގެ ތެރެއިން 51.9 ޕަސެންޓް މީހުން ވޯޓު ދިނީ އީޔޫއިން ވަކިވާށެވެ.