ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާއި ހަވާލުވެވަޑައިގަތް ފަހުން 206 ގައިދީއަކަށް މައާފު ދެއްވައި ބޮޑެތި ކުށްކޮށްފައިވާ 79 ކުށްވެރިއެއްގެ އަދަބު ލުއި ކޮށްފައިވާނެ ކަމަށް ދާހިލީ ވަޒީރު ޝެއިހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ކާށީދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވި ސުވާލަކާ ގުޅިގެން މިއަދުގެ މަޖިލީހަށް ހޯމް މިނިސްޓަރު ހާޒިރު ކޮށްފައިވާއިރު، ކުށްވެރިން ދޫކޮށްލުމާއި ގުޅޭ ގޮތުން ސުވާލު ކުރެއްވީ ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީރު އެވެ.

އަމިއްލަ ގޮތުން އިންތިހާބަށް ވާދަކުރައްވައި ގޮނޑި ކާމިޔާބު ކުރެއްވި އިބްރާހިމް ނަސީރު ވިދާޅުވީ، ނިމިގެން ދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާކޮށް ރައިސްއަށް މައާފު ނުދެވޭނެ ބޮޑެތި ކުށްކޮށްފައިވާ ކުށްވެރިންތަކެއް ދޫކޮށްލި ކަމަށް ވާހަކަ ދެކެވޭ ކަމަށެވެ. އަދި އެކަމުގެ ހަގީގަތް ސާފުކޮށްދެއްވުމަށް އިބްރާހިމް ނަސީރު އެދިވަޑައިގަތެވެ.

އެ ސުވާލައް ޖަވާބުދެއްވަމުން އިމްރާން ވިދާޅުވީ، ރައިސުލްޖުމްހޫރިއްޔާގެ މަގާމަށް މީހަކު އިންތިހާބްވުމާއި ގުޅިގެން ހާލަތަށް ބެއްލެވުމަށްފަހު އާންމު މައާފެއް ދިނުމަކީ ރާއްޖޭގައި އޮންނަ ސަގާފަތެއް ކަމަށާއި އެހެން ނަމަވެސް 19 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބާއި ދިމާކޮށް އެއްވެސް ކުށްވެރިއަކަށް ރައީސް މައާފު ދެއްވާފައި ނުވާ ކަމަށެވެ.

އެގޮތުން މިދިޔަ އަހަރުގެ ޑިސެމްބަރު 18 އިން މި އަހަރުގެ އޭޕްރީލް ހަ ވަނަ ދުވަހާއި ހަމައަށް ބޮޑެތި ކުށްކޮށްފައިވާ 79 ގައިދީއެއްގެ އަދަބު ލުއިކޮށް 206 ކުށްވެރިއަކަށް މައާފުދެއްވައި މިނިވަން ކޮށްފައިވާނެ ކަން އިމްރާން ފާހަގަ ކުރެއްވި އެވެ.

ދީނުގައި ހައްދެއް ކަނޑައެޅިފައިވާ އަދި އެންމެ ބޮޑެތި ކުށް ގޮތުގައި ކަނޑައަޅާފައިވާ އެއްވެސް ކުށްވެރިއަކަށް ރައީސް މައާފު ދެއްވާފައި ނުވާނެ ކަން އިމްރާން ވަނީ ތަކުރާރު ކުރައްވާފަ އެވެ.