30 Aug 2019, 23:34
މިއަހަރަށް ލަފާކޮށް ފާސްކޮށްފައިވާ ތިން ބިލިއަން ރުފިޔާގެ ބަޖެޓަށް މިދިޔަ ހަފްތާ 1.7 ބިލިއަން ރުފިޔާ އިތުރުކުރި ނަމަވެސް، މިއަހަރު ނިމޭއިރު ދައުލަތުގެ ދަރަންޏަށް އިތުރުވާނީ 812 މިލިއަން ރުފިޔާކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
ކައުންސިލްތަކުގެ މަސައްކަތުގެ އަގުވަޒަންކޮށް، ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ދޭ ކަންގަތި އެވޯޑް ހަފްލާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އަމީރު ވިދާޅުވީ ބަޖެޓް ފައިނޭންސް ކުރުމަށް 4.9 ބިލިއަން ރުފިޔާގެ ޑެފިސިޓެއް ހިމަނާފައިވާނެ ކަމަށާއި އޭގެތެރެެއިން ރާއްޖޭގެ މާކެޓުން ފައިނޭންސް ކުރާނީ 1.1 ބިލިއަން ރުފިޔާ ކަމަށެވެ. އަދި ބޭރުގެ ފަރާތްތަކުން ޑެފިސިޓް ފައިނޭންސް ކުރާނީ 3.7 ބިލިއަން ރުފިޔާ ކަމަށް ވެސް އަމީރު ވިދާޅުވިއެވެ.
"މި 3.7 ބިލިއަން ރުފިޔާގެ ތެރެއިން ޑެފިސިޓް ފައިނޭންސް ކުރުމަށް އަޅުގަނޑުމެން ހަމަޖައްސާފައިވަނީ، އިންޑިއާ ސަރުކާރުން ޓްރެޒަރީ ބިލް އާއި ހިލޭ އެހީގެ ގޮތުގައި ލިބޭ ފައިސާއިން. މިހާތަނަށް 50 މިލިއަން ޑޮލަރުގެ ހިލޭ އެހީ ލިބިފައިވާނެ. އަދި 100 މިލިއަން ޑޮލަރުގެ ޓްރެޒަރީ ބޮންޑް އަޅުގަނޑުމެން ވިއްކާފައިވާނެ. އަދި 50 މިލިއަންޑޮލަރު ބާކީ އެބައޮތް،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އަމީރު ވިދާޅުވީ 3.7 ބިލިއަން ރުފިޔާގެ ތެރެއިން އަންނަ އަހަރު 200 މިލިއަން ޑޮލަރު ހިލޭ އެހީއަށް ބަދަލުވާނެ ކަމަށެވެ. ބަޖެޓް ސަޕްލިމެންޓަށް ހުށަހަޅާފައިވާ ހުށަހެޅުމުގެތެރެއިން އިތުރަށް ވިއްކަންޖެހެނީ 506 މިލިއަން ރުފިޔާގެ ޓްރެޒަރީ ބިލް ކަމަށާއި ވިއްކާފައިވާ ޓްރެޒަރީ ބިލާއި އެއްކޮށްލުމުން މިއަހަރަށް ބޭނުންވަނީ 812 މިލިއަން ރުފިޔާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"މި ސަރުކާރު އައި އިރުގައި ހުރި ދަރަނި، ސޮވެރިން ގެރެންޓީ އާއެއްކޮށް ބަލައި، 812 ރުފިޔާގެ ދަރަންޏޭ މިއަަހަރު އިތުރުވެގެންދާނީ،" މިނިސްޓަރު ވިދާޅުވީ ސަރުކާރާ ހަވާލުވިއިރު ސޮވެރިން ގެރެންޓީ ދީފައި ގިނަ ޕްރޮޖެކްޓުތަކެއް ހުރިކަމަށާއި ސޮވެރިން ގެރެންޓީގެ ޖުމްލަ މިހާރު 1.8 ބިލިއަން ޑޮލަރަށް އަރާކަމަށެވެ.
"އޭގެތެރެއިން މިހާރު ޑިސްޕާސް ވެފައިވަނީ 912 މިލިއަން ޑޮލަރު. އަދިވެސް އަންޑިސްޕާސްޑް 506 މިލިއަން ޑޮލަރުގެ ގެރެންޓީ އެބަހުރި،" ފިނޭންސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މި ސަރުކާރުން ސޮވެރިން ގެރެންޓީ ދީފައިވަނީ އެސްޓީއޯ އަށް އެކަނި ކަމަށާއި އެއީ 50 މިލިއަން ޑޮލަރުގެ އައިޓީއެފްސީ ފެސިލިޓީއެއް ކަމަށެވެ. މީގެ އިތުރުން އިންޑިއާ އާއެކު ހަދާފައިވާ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވެޕްގެ ބޭނުން ކުރަން ވިސްނާފައި ނުވާ ކަމަށްވެސް ފިނޭންސް މިނިސްޓަރު ވިދާޅުވިއެވެ.
މިއަހަރުގެ މިހާތަނަށް ދައުލަތުގެ ދަރަންޏަކީ 49 ބިލިއަން ރުފިޔާ އެވެ.