01 Sep 2019, 12:21
އެމެރިކާގެ ކުރީގެ ފަސްޓް ލޭޑީ މިޝެލް އޮބާމާގެ ވައިޓް ހައުސްގެ ހަޔާތައް ބިނާކޮށް ދައްކުވައިދޭ ޝޯއެއްގައި މިޝެލްގެ ރޯލަށް، މަޝްހޫރު އެކްޓްރެސް ވީއޯލާ ޑޭވިސް ހަމަޖައްސައިފި އެވެ.
ފަސްޓް ލޭޑީގެ ރޯލު ކުޅުމަށް ހަމަޖައްސާފައިވާ ވީއޯލާއަކީ އޮސްކާ އެވޯޑްސްގައި އެންމެ މޮޅު ސަޕޯޓިން އެކްޓްރެސްގެ އެވޯޑް ހޯދާފައިވާ ފަންނާނެކެވެ.
ވައިޓް ހައުސްގައި މިޝެލްގެ ދިރިއުޅުއްވުމަށް އަލިއަޅުއްވާލާ ތައްޔާރުކުރާ ޝޯއަށް ކިޔަނީ "ފަސްޓް ލޭޑީސް"އެވެ. ޝޯޓައިމް އިން ނެރޭ މި ޝޯއަކީ ތިން އެޕިސޯޑުގެ މިނީ ސީރީޒްއެކެވެ. ކޮންމެ އެޕިސޯޑެއްގައި ދައްކުވައިދޭނީ ތަފާތު ފަސްޓް ލޭޑީއެއްގެ ވައިޓް ހައުސްގެ ދިރިއުޅުއްވުމެވެ.
ޝޯގެ ފުރަތަމަ އެޕިސޯޑުގައި މިޝެލްގެ ދިރިއުޅުއްވުން ދައްކާއިރު ދެވަނަ އެޕިސޯޑުގައި އަލިއަޅުވާލާނީ ފަސްޓްލޭޑީ އެލެނޯ ރޫޒަވެލްޓް އަށެވެ. އަދި ތިންވަނަ އެޕިސޯޑުގައި ދައްކުވައިދޭނީ ބެޓީ ފޯޑް ވައިޓްހައުސްގައި ދިރިއުޅުއްވިއިރުގެ މަންޒަރެވެ.
މިޝެލް އޮބާމާގެ ރޯލު ފިޔަވާ އެހެން އެއްވެސް ފަސްޓް ލޭޑީގެ ރޯލަށް އެކްޓަރުން ހަމަޖައްސާފައެއް ނުވެ އެވެ.
އެ ޝޯގެ ޕްރޮޑަކްޝަން މިހާރު ފަށާފައިވާއިރު، އެޝޯ ދައްކަންފަށާ ތާރީހެއް ހާމަކޮށްފައެއް ނުވެ އެވެ.