02 Sep 2019, 16:06
ރަސްމީ ދަތުރުފުޅެއްގައި މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ސްރީލަންކާގެ ބޮޑުވަޒީރުގެ އަނބިކަނބަލުން ޕްރޮފެސާ މައިތްރީ ވިކްރަމަސިންގްހަ އަށް ކަށިކެޔޮ ބަތްޕެން ތައްޔާރު ކުރާނެގޮތުގެ ތަފްސީލު އަރުވައި، ކަށިކެޔޮ ބަތްޕެނުގެ ފަރިއްކޮޅެއް އަރުވައިފިި އެވެ.
މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ ޕްރޮފެސާ މައިތްރީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ފަޒްނާ އިބްރާހިމްގެ އަރިހަށް ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގެ ތެރެއިންނެވެ. މުލީއާގޭގައި ކުރިއަށްގެންދިޔަ މި ހަރަކާތް ކުރިއަށްގެންދިޔައީ "މާސްޓާ އޮފް އޮތެންޓިކް މޯލްޑިވިއަން ކުޒިން" ގެ ނަމުގަ އެވެ.
މީގެ އިތުރުން ފަސްޓްލޭޑީ ފަޒްނާ އާއި ލަންކާ ބޮޑުވަޒީރުގެ އަނބިކަނބަލުން ޕްރޮފެސާ މައިތްރީ ވަނީ ރާއްޖެ އާއި ލަންކާ އާއި ދެމެދު އޮންނަ ގާތް ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވާ ވާހަކަ ދައްކަވައިފަ އެވެ.
ޕްރޮފެސާ މައިތްރީ ވަނީ ރާއްޖޭގައި އައިލެންޑް ޔުނިވާސިޓީގެ ކޮންސެޕްޓު ކުރިއަށް ގެންދެވިދާނެ ކަމަށް ވިދާޅުވެ އެ ތަސައްވަރު ފަސްޓްލޭޑީ އާއި ހިއްސާ ކުރައްވައިފަ އެވެ.