މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާން އަބްދުﷲ ރަހީނުކޮށް މަރާލި މައްސަލައިގައި އެ އާއިލާއިން އުންމީދު ކުރި ވަރުގެ މަސައްކަތެއް ކޮށްފައި ނުވާތީ ހިތާމަ ކުރާކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެފިއެވެ.

ރިލްވާން ގެއްލުވާލީ އޮގަސްޓް 7، 2014 ގައެވެ. އޭނާ ގެއްލުނުތާ ފަސް އަހަރު ވީއިރުވެސް ފުލުހުންނަށް އޭނާ އަށް ވީ ކިހިނެތް ކަމެއް ނުހޯދުނެއެވެ. އެކަމާ ގުޅިގެން އޭރު އާއިލާއިންނާއި އާންމުގެ ފަރާތުން ފުލުހުންގެ މުއަސަސާއަށާއި އޭރުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔުން އަމާޒުވިއެވެ.

"ރިލްވާން ގެއްލުވާލި މައްސަލައާ ގުޅިގެން ރިލްވާންގެ އާއިލާއާއި އެކުވެރިން ކުރަމުންދާ ހިތާމާއިގައި މި ސާވިސް އިން ބައިވެރިވާކަމުގައި ދަންނަވަން. ރިލްވާނަށް އިންސާފު ހޯދައިދިނުމުގައި ރިލްވާންގެ އާއިލާއާއި ހެޔޮއެދޭ ފަރާތްތަކުން އުންމީދުކުރި ފަދަ ހިދުމަތެއް މި ސާވިސްއަށް ފޯރުކޮށްދެވިފައި ނުވާތީ ހިތާމަ ކުރަން،" ރިލްވާންގެ މައްސަލައާ ގުޅޭ ގޮތުން މަރުތައް ބަލާ ކޮމިޝަނުން ހާމަ ކުރި މައުލޫމާތުތަކާ ގުޅޭ ގޮތުން ފުލުހުން އާންމު ކުރި ބަޔާނުގައި ބުނެފައިވެއެވެ.

މަރުތައް ބަލާ ކޮމިޝަނުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަނުން ބުނެފައިވަނީ، ފުލުހުންގެ ދެ އިންޓެލް އޮފިސަރަކު ރިލްވާން ގެއްލުވާލުމުގެ ދެ މަހެއްހާ ދުވަސް ކުރިން އޭނައަށް ނުރައްކަލެއް އޮތް ކަމަށް ބުނެ، އެޕްރީލް 24، 2014 އިން ޖޫން، 22، 2014 އަށް ފުލުހުންގެ އިންޓެލިޖެންސް އިން ރިލްވާނަށް ފާރަލާފައިވާ ކަމަށެވެ. އަދި ރިލްވާން ގެއްލުނު ފަހުން، އޭނާ ސިރިޔާ އަށް ގޮސް މަރުވެފައިވާ ކަމަށް ދެއްކުމަށްޓަކައި، ފުލުހުންގެ އިންޓެލް ދެ ފުލުހަކު ރިލްވާންގެ ޕާސްޕޯޓު ކޮޕީ އެއް އިމިގްރޭޝަނުން ހޯދުމަށް މަސައްކަތް ކުރި ކަމަށެވެ.

ފުލުހުންގެ ބަޔާނުގައި ބުނީ، އެ ދެ ފުލުހުންނާ މެދު ކޮމިޝަނުން ފާހަގަކޮށްފައިވާ ކަންކަމުގެ މައްޗަށް ބިނާކޮށް، އެ ފުލުހުންގެ މައްސަލަ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން އިތުރަށް ތަހުގީގު އަޅަން ޖެހޭ ފިޔަވަޅެއް އަޅާނެ ކަމަށެވެ. އަދި ކޮމިޝަނުން ރިލްވާނާ ގުޅޭ ގޮތުން ކުރާ ތަހުގީގު އެކޮށް ނިމުމުން، ފުލުހުންގެ އިތުރު އެއްވެސް މުވައްޒަފެއްގެ އިިހުމާލު ރިލްވާންގެ މައްސަލައިގައި ހިމެނޭ ނަމަ އެ ފަރާތްތަކާމެދު ވެސް ފިޔަވަޅު އަޅާނެ ކަމަށް ބަޔާނުގައި ބުނެއެވެ.

ބަޔާނުގައި އިތުރަށް ބުނީ، ކޮމިޝަންގެ ތަހުގީގުން މިހާތަނށް ފާހަގަ ކުރެވުނު ކަންތައްތަކުގެ ތެރެއިން ފުލުހުން އިތުރަށް ތަހުގީގު ކުރަންވީ ކަންތައްތަކާ ގުޅޭގޮތުން ކޮމިޝަންއާއެކު މިއަދު މަޝްވަރާކުރެވިފައިވާ ކަމަށެވެ. އަދި އެ މަޝްވަރާތަކުގައި ކޮމިޝަންގެ މަސައްކަތައް ކުރިއަށް އޮތްތާގައިވެސް ފުލުހުންގެ ފަރާތުން އެއްބާލުން ލިބޭނެ ކަމަށް ދަންނަވާފައިވާނެ ކަމަށް ފުލުހުންގެ ބަޔާނުގައި ބުންޏެވެ.

އިއްޔެ ރިޔާސީ ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރިލްވާނާ ގެއްލުނު މައްސަލައިގެ ތަފްސީލީ ވާހަކަތަކެއް ވަނީ ކިޔައި ދީފައެވެ. އެގޮތުން ރިލްވާން ގެއްލުނު ރޭ އޭނާ ކާރަކަށް އަރުވައިގެން ގޮސް، ޑިންގީއަކަށް އަރުވައި، އަދި އެއްފަހު ކަނޑުއުޅަނދަކަށް އެރުވުމަށްފަހު، ރިލްވާން މަރާލާފައިވާ ކަމަށް އެ ކޮމިޝަނުގެ ރައީސް ހުސްނުއް ސުއޫދު ވިދާޅުވިއެވެ. މަރާލި މީހުން ނިސްބަތްވަނީ އަލްގައިދާ ރާއްޖެ ގޮތްޕަށް ކަމަށް ވެސް ސުއޫދު ވިދާޅުވިއެވެ.

ރިޔާސީ ކޮމިޝަން އިން ރިލްވާނާ ގުޅޭ ތަހުގީގީ ރިޕޯޓު މިއަދު އެކޮމިޝަނުން ވަނީ މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަރުވާފައެވެ. މާދަމާ މަޖިލިސްގެ ޖަލްސާއަށް ރިޔާސަތުން ހުށަހަޅައި ކަންތަކުގެތެރޭގައި އެ ރިޕޯޓު ވަނީ ތާވަލްކޮށްފައެވެ.