04 Sep 2019, 11:00
ލަންޑަން (ސެޕްޓެމްބަރު 4) : އެއްބަސްވުމަކާ ނުލައި އިނގިރޭސިވިލާތް ޔޫރަޕްގެ އިއްތިޙާދުން ވަކިވުމަށް އެގައުމުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ގެންގުޅުއްވި ޕްލޭނަށް ހައުސް އޮފް ކޮމަންސްގެ މެންބަރުން ހުރަސްއެޅުމާގުޅިގެން ހައުސް ގައި ބޮރިސް ޖޯންސަންގެ ކޮންޓްރޯލް ގެއްލި އޭނާގެ ޕްލޭން ނާކާމިޔާބުވެއްޖެއެވެ.
އިނގިރޭސިވިލާތް ޔޫރަޕްގެ އިއްތިޙާދުން ވަކިވުން (ބްރެކްސިޓް ކަންތައް އިނގިރޭސި ސަރުކާރުގެ ބަދަލުގައި އިނގިރޭސި ޕާލަމެންޓުން ކުރިޔަށް ގެންދެވޭގޮތަށް ގާނޫނެއް ފާސްކުރުމަށް ހައުސްގެ އިދިކޮޅު މެންބަރުން އަމާޒު ހިފާފައިވާއިރު މިމައްސަލާގައި އެއްބަސްވުމަކަށް ނައިސް އިއްޔެގެ ޖަލްސާ ނިމުނުނަމަވެސް އިދިކޮޅު މެންބަރުންވަނީ ވެރިކަންކުރާ ކޮންޒަވެޓިވް ޕާޓީގެ 21 މެންބަރުންގެ ތާއީދާއެކު އެގާނޫނު ހެދުމަށް ބޭނުންވާ ފުރަތަމަ މަރްހަލާ ކަޑައްތުކޮށްފައެވެ. މިގޮތުން ހައުސްގައި ހިމެނޭ 650 މެންބަރުންގެ ތެރެއިން 328 މެންބަރުންވަނީ މި ގާނޫނު ފާސްކުރުގެ ފުރަތަމަ މަރްހަލާއަށް ތާއީދުކޮށް ވޯޓު ދީފައެވެ. މީގެތެރޭގައި ވެރިކަންކުރާ ކޮންޒަވެޓިވް ޕާޓީގެ 21 މެންބަރުންވެސް ހިމެނެއެވެ.
މިއާއެކު ބޮޑުވަޒީރު ބޮރިސް ޖޯންސަންގެ ކޮންޓްރޯލް އިނގިރޭސި ޕާލަމެންޓްގައި ފުރަތަމަ ފަހަރަށް ވަނީ ގެއްލިފައެވެ. ބްރެކްސިޓް ގެ މައްސަލާގައި ބޮޑުވަޒީރު ޖޯންސަން އޭނާގެ ސިޔާސަތު ހައުސް އޮފް ކޮމަންސްގެ ތަޅުމުގައި ތަފްސީލްކޮށްދެއްވަމުން ގެންދެވި ވަގުތުވެސް މެމްބަރަކުވަނީ ޖޯންސަން އަށް ގޮންޖައްސަވައި ވެރިކަންކުރާ ކޮންޒަވެޓިވް ޕާޓީން ވަކިވެވަޑައިގެން އިދިކޮޅާ ގުޅިވަޑައިގެންނެވިކަން އިއްލާން ކުރައްވާފައެވެ.
އެއްބަސްވުމަކާ ނުލައި "ބްރެކްސިޓް" ގެ ކަންތައް ނިންމުމަށް ޖޯންސަން ގެންގުޅުއްވާ ޕްލޭނަށް ހުރަސްއަޅައި "ބްރެކްސިޓް" ކަންތައް ސަރުކާރުގެ ބަދަލުގައި ޕާލަމެންޓުގެ ބެލުމުގެ ދަށުން ކުރިޔަށް ގެންދިޔުމަށް ބާރުލިބޭ ގާނޫނެއް ފާސްކުރުމަށް ހައުސް ގައި އިދިކޮޅު މެންބަރުން ކުރެއްވި މަސައްކަތާ ދެކޮޅު ހެދުމަށް ކޮންޒަވެޓިވް ޕާޓީން ނެރުނު ވިޕްލައިންއާ އެޕާޓީގެ 21 މެންބަރުން ޚިލާފުވުމުން ބްރެކްސިޓްގެ މައްސަލާގައި ކޮންޒަވެޓިވް ޕާޓީއަކަށްވަނީ ހައުސް އޮފް ކޮމަންސްގައި އަޣްލަބިއްޔަތު ގެއްލި ބޮޑުވަޒީރު ވަނީ ހަދާނެގޮތް ހުސްވެފައެވެ.
ނަމަވެސް އަމިއްލަ ޕާޓީގެ ވިޕްލައިން އާ ޚިލާފުވި ކޮންޒަވެޓިވް މެންބަރުންނަށް އެބޭފުޅުންގެ ޕާޓީގެ މެންބާޝިޕް ގެއްލޭނެއެވެ. އަދި ކުރިއަށް އޮތް އިންތިޚާބުތަކުގައި ކޮންޒަވޭޓިވް ޕާޓީގެ ޓިކެޓްގައި ވާދަކުރެއްވުމުގެ ފުރުސަތުވެސް ވިޕްލައިން އާ ޚިލާފުވި ކޮންޒަވެޓިވް މެމްބަރުންނަށް ދެން ނުލިބޭނެއެވެ. މިކަމުގެ އިންޒާރު ކޮންޒަވެޓިވް ޕާޓީގެ ޒައީމް އަދި އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން ކުރިންވަނީ ދެއްވާފައެވެ.
ޖޯންސަން ޕްލޭން ކުރައްވާފައިވަނީ އެއްބަސްވުމަކާ އެކުގައިވިއަސް އަދި އެއްބަސްވުމަކާ ނުލާކަމަށްވިޔަސް އަންނަ އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހުގެކުރިން ބްރެކްސިޓްގެ ކަންތައް ނިންމުމަށެވެ. ނުވަތަ އެއްބަސްވުމަކާ ހަމައަށް ނުދެވިއްޖެނަމަވެސް އެކަމުން ނުކުންނާނެ ނޭދެވޭ ނަތީޖާއަކަށް ނުބަލައި އިނގިރޭސިވިލާތުން ޔޫރަޕްގެ އިއްތިހާދުގެ މެމްބަރުކަން ދޫކޮށްލުމަށެވެ. ނަމަވެސް އިނގިރޭސި ޕާލަމެންޓް ކަމަށްވާ ހައުސް އޮފް ރެޕްރެޒެންޓެޓިވް ގެ 328 މެންބަރުންގެ ކުޑަ އަޣްލަބިއްޔަތަކުން މިހާރުމިވަނީ އެއްބަސްވުމަކާ ނުލާ ވިލާތުގެ އިއްތިހާދުން ވަކިވުމަށް ބޮރިސް ޖޯންސަން ގެންގުޅުއްވާ ޕްލޭން ފޭލްކޮށްލާފައެވެ. މިއާއެކު ބްރެކްސިޓްގެ ކަންތައް ޕާލަމެންޓުން ކުރިޔަށްގެންދިޔުމުގެ ބިލްވެސް މިއަންނަ ހަފްތާގައި ފާސްކުރާނެކަމަށްވަނީ ބެލެވިފައެވެ.
މި ނާކމިޔާބީއެކު ހައުސް ގައި ވާހަކަ ދައްކަވަމުން ޖޯންސަން ވަނީ އަމިއްލަ ޕާޓީގެ މެންބަރުންގެ ނުކިޔަމަންތެރިކަމާ ގުޅިގެން އަލުން އިންތިޚާބަކަށް ދާން ބޭނުންފުޅުވާ ކަމަށް ވިދާޅުވެފައެވެ. މިއީ ކުރިން ޖޯންސަން ދެކޮޅު ހެއްދެވި ކަމެކެވެ. އަދި ބްރެކްސިޓްގެ މައްސަލާގައި އިނގިރޭސިވިލާތް ބޭނުންވާފަދަ އެއްބަސްވުމަކަށް އާދެވޭތޯ ޔޫރަޕްގެ އިއްތިޙާދާއެކު އަލުން މަޝްވަރާ ކުރަން ކުރިން ބޭނުންވިނަމަވެސް އޭނާގެ ޕްލޭނާ ދެކޮޅަށް އަމިއްލަ ޕާޓީގެ މެންބަރުން އަމަލުކުރެއްވި ގޮތުން ދެން މިމައްސަލާގައި ޔޫރަޕްގެ އިއްތިހާދާއެކު މަޝްވަރާ ނުކުރައްވާނެ ކަމަށާ އިތުރު މަޝްވަރާއަކަށް ދެން ދާންޖެހޭނީ އަލުން އިންތިޚާބެއް ބައްވައިގެން ރައްޔިތުން އިންތިޚާބުކުރާ މެންބަރުން ކަމަށްވެސް ޖޯންސަން ވިދާޅުވިއެވެ. (ނޫސްއެޖެންސީތައް)