މީގެ އަހަރެއްހާ ދުވަސް ކުރިން ނ. މެދުފަރުގައި ހިންގާ ސޮނޭވާ ޖާނީ ރިސޯޓުގެ ފަޅުތެރެއިން ފެނުނު، ކުނިވެ ހަލާކުވެފައި އޮތް އިންސާނެއްގެ ހަށިގަނޑަކީ ކާކުކަން އަދިވެސް ހޯދިފައި ނުވާކަމަށް ފުލުހުން ބުނެފިއެވެ.

ގެއްލުވާލާފައިވާ މީހުންނާއި މަރުވެފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲއާ ގުޅޭގޮތުން ހާމަކުރި މައުލޫމާތުތަކުން އެނގޭ ގޮތުގައި ބަޔަކު ރިލްވާން ރަހީނުކޮށް، އޭނާގެ ބޯ ބުރިކޮށްލުމަށްފަހު ކަނޑު ފެއްތީއެވެ.

އެއާއެކު ބައެއް މީހުން ވަނީ ސޮނޭވާ ޖާނީން ފެނުނު ހަށިގަނޑަކީ ރިލްވާންގެ ހަށިގަނޑަށް ވެދާނެތޯ ސުވާލު އުފައްދަން ފަށާފައެވެ. ނ. މެދުފަރުގެ ފަޅުތެރެއިން އެ ހަށިގަނޑު ފެނުނީ ރިލްވާން ގެއްލުވާލިތާ ތިން އަހަރެއްހާ ދުވަސް ފަހުން 2018 ގެ ފެބްރުއަރީ 1 ވަނަ ދުވަހުއެވެ. ރިލްވާން ރަހީނުކުރީ 2014 އޯގަސްޓް އަށްވަނަ ދުވަހުއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު "ސަން"އަށް ވިދާޅުވީ ރިސޯޓުގެ ފަޅުތެރެއިން ފެނުނު ހަށިގަނޑުގެ ސާމްޕަލް ނަގާފައިވާ ކަމަށާއި އެ މައްސަލަ ތަހުގީގުވެސް ހުށަހަޅާފައިވާ ކަމަށެވެ.

"ނަމަވެސް މީހާ މިހާތަނަށް އައިޑެންޓިފައި ކުރެވިފައި ނުވޭ،"

މިކަމާ ގުޅޭ ގޮތުން އިތުރު ތަފްސީލެއް ފުލުހުން އަދި ނުދެއްވައެވެ.

ސޮނެވާ ޖާނީ ރިސޯޓްގެ ފަޅުތެރެއިން ހަށިގަނޑު ފެނުނު އިރު ބޮލާއި ދެ އަތުގެ އިތުރުން ދެ ފައިގެ ވެސް އެއްބައި މަދެވެ. ފޮޓޯތަކުން އެ ހަށިގަނޑުގެ މެދުގައިއާއި ފައިގައި ވަނީ ވަލެއް އައްސާފައެވެ.

ކޮމިޝަނުން މިހާތަނަށް އާންމުކޮށްފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުގައި ރިލްވާން މަރާލާފައިވަނީ، އަލްގައިދާއަށް ނިސްބަތްވާ ރާއްޖޭގެ ގޮފިންނެވެ. ރިލްވާން މަރާލުމުގެ ދެމަހެއްހާ ދުވަސް ކުރިން އިންޓެލް ދެ ފުލަހަކު ވަނީ ރިލްވާނަށް ފާރަލާފައެވެ. އަދި ދައުލަތާ އިދިކޮޅު ހަރަކާތެއް ރާވަމުންދާ ކަމަށް ބުނެ ކޯޓު އަމުރެއް މެދުވެރިކޮށް އޭނާގެ ފޯނު ކޯލްތައްވެސް އަޑުއަހާފައިވާކަން މަރު ކޮމިޝަންގެ ރިޕޯޓުގައި ބުނެއެވެ.

މީގެ އިތުރުން ރިލްވާން ގެއްލުވާލި ފަހުން، ކުރީގެ ނައިބު ރައީސް އަހަމަދު އަދީބުގެ އޯޑަރަށް އެ ދެ ފުލުހުން ރިލްވާން ރާއްޖެއިން ބޭރަށް ފުރިކަން ދެއްކުމަށްޓަކައި މަސައްކަތްކުރިކަންވެސް ކޮމިޝަނުން ވަނީ ބުނެފައެވެ.