06 Sep 2019, 17:43
ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅާ ހައުސިން ޔުނިޓްތަކަށް އެދި ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ދިރިއުޅުމުގެ ހާލަތު ދެނެގަންނަން ޖެހޭ ފަރާތްތަކުގެ ހާލަތު ދެނެގަތުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ރައީސް އޮފީހުން އިއުލާނުކޮށްފި އެވެ.
ހިޔާ މަޝްރޫއުގެ ދަށުން 25 ބުރީގައި 16 ޓަވަރުގައި 7،000 ހައުސިން ޔުނިޓް އެޅުމަށް ޗައިނާގެ ސަރުކާރު ހިއްސާވާ، ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖީނިއަރިން ކޯޕަރޭޝަން (ސީއެސްސީއީ) އާ ހަވާލު ކުރީ 2017 ވަނަ އަހަރުގެ ނޮވެމްބަރު މަސް ތެރޭގަ އެވެ.
ރައީސް ޔާމީންގެ ސަރުކާރުގެ ފަހު ދުވަސްކޮޅުގައި 7،000 ހައުސިން ޔުނިޓް ލިބޭނެ ފަރާތްތައަށް ވަނީ ކަނޑައަޅާފަ އެވެ. އަދި އެމީހުންނަށް ފުލެޓް ލިބުނު ކަމުގެ ލިޔުން ހަވާލު ކުރިއެވެ. ނަމަވެސް ހިޔާ މަޝްރޫއުގެ ފުލެޓް ދިނުމުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ތުހުމަތު ކުރޭވެތީ، ފުލެޓްތަކުގެ މައްސަލަ ބަލަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވަނީ "ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީ"ގެ ނަމުގައި ކޮމިޓީއެއް އުފައްދައިފައެވެ.
އެ ކޮމިޓީން ބުނެފައި ވަނީ ފްލެޓްތައް ހަވާލުކޮށްފައި ވަނީ ފްލެޓުތައް ދޫކޮށްފައި ވަނީ ދިރިއުޅުމުގެ ހާލަތު ނުބަލާ ކަމަށެވެ.
އެހެންކަމުން އެ ކޮމިޓީއިން މިހާރު ވަނީ ފްލެޓުތަކަށް އެދި ފޯމު ހުށަހެޅި މީހުންގެ ދިރިއުޅުގެ ހާލަތު ބަލަން ނިންމައިފައެވެ. ރައީސް އޮފީހުން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެ މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ސެޕްޓެމްބަރު 11 ވާ ބުދަ ދުވަހުގެ 13:00 ށް ރައީސް އޮފީހަށް ގޮސް މައުލޫމާތު ސާފުކުރަން އެދޭ ކަމަށެވެ.
އަދި ސެޕްޓެމްބަރު 17 ވަނަ ދުވަހު މެންދުރު އެކެއް ޖަހާއިރު ރައީސް އޮފީހަށް އަންދާސީ ހިސާބު ހުށަހަޅަން އެދޭކަމަށެވެ.
މި ސަރުކާރުން ވަނީ 7،000 ސޯޝަލް ހައުސިން ޔުނިޓްތަކުގެ އަދަދު 6،860 އަށް މަދުކޮށްފައެވެ. އަދި އެ ތަންތަނުގެ އަގަކީ، މަހަކު 5،600 ރުފިޔާ ކަމަށް ރައީސް ޔާމީންގެ ސަރުކާރުން ކަނޑައެޅި ނަމަވެސް، މި ސަރުކާރުން ވަނީ ހިޔާ ފްލެޓެއްގެ ކުލި، މަހަކު 11،000 ރުފިޔާއަށް އަރާ ކަމަށް ބުނެފައެވެ.