08 Sep 2019, 14:43
ނޫސްވެެރިޔާ އަހްމަދު ރިލްވާން ރަހީނުކޮށް، މަރާލި މައްސަލަ ބަލާ ރިޔާސީ ކޮމިޝަނުން ރައްޔިތުންތުގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) ގެ ބައްދަލުވުން ސިއްރުކޮށްފި އެވެ.
މި ބައްދަލުވުން ތާވަލްކޮށްފައިވަނީ މިއަދު މެންދުރު 2:00 އަށެވެ.
މަޖިލީހުގެ 241 ކޮމިޓީން އަންނަނީ، ރިލްވާން މައްސަލައިގައި ގެއްލުވާލެވިފައިވާ މީހުންނާއި މަރުތައް ބަލާ ރިޔާސީ ކޮމިޝަނުން އެކުލަވާލި ތަހުގީގު ރިޕޯޓު ދިރާސާ ކުރަމުންނެވެ.
ކޮމިޓީގެ ބައްދަލުވުމަށް ވަޑައިގަތީ، ކޮމިޝަންގެ ރައީސް، ހުސްނުއްސުއޫދާއި އެކޮމިޝަންގެ މެމްބަރު، މިސްބާހު އައްބާސް އެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އެ ކޮމިޝަނުން ވަނީ، ފުލުހުންގެ އިސްވެރިންނާވެސް ބައްދަލުކޮށްފަ އެވެ. ފުލުހުންނާއެކު ބޭއްވި އެ ބައްދަލުވުންވެސް ވަނީ ސިއްރުކޮށްފަ އެވެ.

ރައްޔިތުން މަޖިލީހުގެ 241 ކޮމިޓީގައި މަރުތައް ތަހުގީގު ކުރާ ރިޔާސީ ކޮމިޝަންގެ ރައިސް ހުސްނުއްސުއޫދު (ވ) އާއި ކޮމިޝަން މެންބަރު މިސްބާހު އައްބާސް -- ފޮޓޯ/ މަޖިލިސް
ކޮމިޝަންގެ ތަހުގީގު ރިޕޯޓުން އެނގޭ ގޮތުގައި ރިލްވާން ގެއްލުވާލުމުގެ ދެ މަހެއްހާ ދުވަސް ކުރިން ދެ ފުލަހަކު ވަނީ ރިލްވާނަށް ފާރަލާފަ އެވެ. އަދި ދައުލަތާ އިދިކޮޅު ހަރަކާތް ހިންގާ ކަމުގެ ތުހުމަތުގައި ކޯޓު އަމުރެއް މެދުވެރިކޮށް ރިލްވާންގެ ފޯނު ކޯލުތައް ވެސް އަޑުއެހިކަމަށް ރިޕޯޓުގައި ބުނެ އެވެ. މީގެ އިތުރުން ރިލްވާން ގެއްލުވާލިފަހުން، ރިލްވާން ރާއްޖެއިން ބޭރަށް ގޮސް ހަނގުރާމާގައި މަރުވެފައިވާ ކަމަށް ދެއްކުމަށް އޭނާގެ ޕާސްޕޯޓްގެ ކޮޕީއެއް ހޯދުމަށް ދެ ފުލުހުން މަސައްކަތް ކުރި ކަން ތަހުގީގު ރިޕޯޓުން ވަނީ ހާމަވެފަ އެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ވަނީ ރިލްވާންގެ މައްސަލައިގައި ތުހުމަތު ކުރެވޭ ދެ ފުލުހުން ހައްޔަރުކުރުމަށް ފުލުހުންނަށް އަންގާފަ އެވެ. ހުކުރު ދުވަހު ފުލުހުން ބުނެފައިވަނީ، ދެ ފުލުހުންނަށް ޖިނާއީ ދައުވާއެއް ކުރެވޭ ވަރަށް ހެކި ނެތުމުގެ ސަބަބުން ދެ ފުލުހުން ހައްޔަރު ކުރެވެން ނެތް ކަމަށެވެ.
ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރިޔާސީ ކޮމިޝަނުތަކަށް ބާރުދޭ ގާނޫނުން ރިލްވާންގެ މައްސަލަ ބެލުމުގެ ބާރު ކޮމިޝަނަށް ބަދަލުކޮށްފައިވާތީވެެ، ރިލްވާންގެ މައްސަލަ ބެލުމުގެ އިހްތިސޯސް ލިބިގެން ވަނީ މިހާރު ހަމަ އެކަނި ރިޔާސީ ކޮމިޝަނަށް ކަމަށެވެ. އެހެން ކަމުން ރިލްވާންގެ މައްސަލައިގައި ތުހުމަތުގައި މީހަކު ހައްޔަރުކުރުމުގެ އަމުރަކަށް އެދެވޭނީ ރިޔާސީ ކޮމިޝަނަށް ކަމަށާއި ފުލުހުންނަށް އެކަން ނުކުރެވޭނެ ކަމަށް ސީޕީ ހަމީދު ވިދާޅުވި އެވެ.
ހޯމް މިނިސްޓަރު އިމްރާން އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރިޔާސީ ކޮމިޝަނުން އެކުލަވާލި ތަހުގީގު ރިޕޯޓާ ގުޅިގެން ފުލުހުންގެ ފަރާތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާކަން ކަށަވަރުކުރައްވާނެ ކަމަށެވެ.
ރިޔާސީ ކޮމިޝަންގެ ތަހުގީގުން އެނގޭ ގޮތުގައި އަލްގައިދާގެ ރާއްޖޭގެ ގޮފިން ރިލްވާން މަރާލުމަށްފަހު ވަނީ، ކަނޑުފައްތާފަ އެވެ.