މިއަހަރުގެ ތިންވަނަ ކުއާޓަރުގެ ނިޔަލަށް ޕީއެސްއައިޕީ މަޝްރޫއުގެ ތެރެއިން 2.5 ބިލިއަން ރުފިޔާގެ މަސައްކަތް ކޮންޓްރެކްޓު ކުރާނެ ކަމަށް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީއިން ބުނެފިއެވެ.

އެ މިނިސްޓްރީއިން ބުރާސްފަތި ދުވަހު ބޭއްވި "ނުވަގަޑި" ޕްރޮގްރާމުގައި މިނިސްޓްރީގެ ޕްރޮގްރާމް އެންޑް ޕްރޮޖެކްޓް ޑިޕާޓްމަންޓުގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް އަންވަރު އަލީ ވިދާޅުވީ މިއަހަރުގެ މިހާތަނަށް 1.8 ބިލިއަން ރުފިޔާގެ މަސައްކަތް އެކި ކުންފުނިތަކާ ހަވާލުކޮށްފައިވާ ކަމަށެވެ.

"މި ކުއާޓަރު ނިމުމަކާ ހަމައަށް ދާއިރު ޖުމްލަ އެވޯޑުކުރެވިފައި ހުރި މަޝްރޫއުތަކުގެ އަގު 2.5 ބިލިއަނަށްވުރެ މައްޗަށް އަރައިގެންދާނެ،"

އަންވަރު ވިދާޅުވީ މިދިޔަ އަހަރު އެވޯޑު ކުރެވުނު މަޝްރޫއުތަކުގެ ތެރެއިން މިއަަހަރު ކުރިއަށްގެންދާ ޕްރޮޖެކްޓުތަކާއެކު 2.2 ބިލިއަން ރުފިޔާ މަޝްރޫއު ހިންގާ ފަރާތްތަކަށް ދޫކުރެވިފައިވާ ކަމަށެވެ.

އަންވަރު ވިދާޅުވީ މި ތަފާސްހިސާބުތަކަށް ބަލާއިރު އުމްރާނީ ތަރައްގީގެ ދުވެލި މަޑު ނޫން ކަމަށެވެ. އަންނަ އަހަރަށް ލަފާކުރާ ބަޖެޓު އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު އުމްރާނީ ތަރައްގީއާ ގުޅުންހުރި ގިނަ މަޝްރޫއުތަކަކަށް އަންނަ އަހަރުގެ ބަޖެޓުގައި ފައިސާ ހިމަނާނެ ކަމަށްވެސް އަންވަރު ވިދާޅުވިއެވެ.

މިއަހަރުގެ ބަޖެޓުގައި ޕީއެސްއައިޕީ މަޝްރޫއުތަކަށް 1.4 ބިލިއަން ރުފިޔާ ހިމަނާފައިވާއިރު އޭގެ ތެރެއިން 170 ޕްރޮޖެކްޓެއްގެ މަސައްކަތް ކުރިއަށް އެބަދެއެވެ.