ނޫސްވެރިކަމަށް ކޮށްދީފައިވާ ހިދުމަތުގެ އަގުވަޒަން ކުރުމުގެ ގޮތުން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)އިން ދޭ އެންމެ ޝަރަފުވެރި އެވޯޑް ނޫސްވެރިކަމުގެ ޝަރަފުގެ އަލިމަސް ގަލަން ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ލިބިލައްވައިފި އެވެ.

އެމްއެމްސީއިން މިރޭ ދަރުބާރުގޭގައި ބޭއްވި ހަފްލާގައި އިއުލާން ކުރި ގޮތުގައި، އެމަނިކުފާނު ނޫސްވެރިކަމަށް ކޮށްދެއްވާފައިވާ ހިދުމަތާއި ގުރުބާނީގެ އަގު ވަޒަން ކުރުމުގެ ގޮތުން ރައީސް ނަޝީދަށް ވަނީ ނޫސްވެރިކަމުގެ ޝަރަފުގެ ގަލަން އަރުވަން ނިންމައިފަ އެވެ. އެހެން ނަމަވެސް، ރައީސް ނަޝީދު ދަތުރުފުޅެއްގައި ރާއްޖެއިން ބޭރުގައި ހުންނެވުމުން އެމަނިކުފާނުގެ އެވޯޑް ފަހުން ހަވާލުކުރާ ގޮތަށް ވެސް ވަނީ ނިންމި އެވެ.

މިދިޔަ ފަހަރުގެ އެވޯޑް ހަފްލާގައި ރައީސް ނަޝީދުގެ އަގު ވަޒަންކޮށްފައި ނުވާތީ ވަނީ ފާޑުކިޔުންތައް ވެސް އަމާޒުވެފަ އެވެ.

ރައީސް ނަޝީދުގެ އިތުރުން އަލިމަސް ގަލަން ދެން އެެރުވީ، ކުރީގެ މިނިސްޓަރު އަހުމަދު އަބްދުﷲ އަށާއި ޕީއެސްއެމްގެ ކުރީގެ ޗެއާމަން އަދި މަޝްހޫރު ފުޓްބޯޅަ ކޮމެންޓޭޓަރު އިބްރާހިމް އުމަރު މަނިކަށެވެ.

ނޫސްވެރިކަމުގެ ޝަރަފުގެ އަލިމަސްގަލަން ހާސިލުކުރި މި ފަރާތްތަކަށް އެވޯޑް ހަވާލުކޮށްދެއްވީ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނު ނައިބު ރައީސް ފައިސަލް ނަސީމް އެވެ.

މީގެ އިތުރުން ނޫސްވެރިކަމުގައި ގިނަ ދުވަހު މަސައްކަތް ކުރައްވައި ހިދުމަތް ކޮށްދެއްވި ނުވަ ފަރާތަކަށް އަލިމަސް ގަލަން އަދި ނޫސްވެރިކަމުގެ ރަންގަލަން 12 ފަރާތަކަށް ވަނީ ދީފަ އެވެ.

ނޫސްވެރިކަމުގެ އަލިމަސް ގަލަން ލިބިލެއްވީ؛ ސިނާން އަލީ އާއި މުހައްމަދު ޖިނާހު އާއި އަބްދުﷲ ރަމީޒު އާއި މުހައްމަދު ޝާތިރު އާއި މުހައްމަދު ޒާހިރު (މީމު ޒަވިޔަނި) އާއި ހުސައިން މުހައްމަދާއި މުހައްމަދު ޖަވާދު އާއި މިދުހަތު އާދަމް އާއި ސައިފް އަޒްހަރު އަށެވެ.

ނޫސްވެރިކަމުގެ ރަން ގަލަން ލިބިލެއްވީ، އިބްރާހިމް ޒަކީ އާއި މުހައްމަދު އަފްޒަލް އާއި މުހައްމަދު ވަހީދު އާއި މުހައްމަދު ޝާހިދު އާއި ޝެހެނާޒް އަބްދުއްރަހްމާން އާއި އިސްމާއިލް އަބްދުލްޣަފޫރު (ފޮޓޯ ދޮންބެ) އާއި މޫނިސާ އީސާ އާއި ޖާދުﷲ ސައީދު އާއި ޟަމްރަތު އަހްމަދު، ހަފްސީ އަބްދުﷲ އަދި އަހްމަދު މުހުސިން އަށެވެ.