މިއަދުގެ އަލިފާނުގެ ހާދިސާގައި ހަ ގެއަކަށް އަސަރުކުރިއިރު، ހަތަރު ކެމިކަލް ގުދަނެއް އެކީ އަދައި ހުލިވެފައިވާ ކަމަށް، ސިފައިންގެ ފަޔާ އެންޑް ރެސްކިއު ސާވިސަސްއިން ބުނެފި އެވެ.

އެމްއެންޑީއެފްއިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފަޔާ އެންޑް ރެސްކިއު ސާވިސްގެ ކޮމަޑާންޓް، ކާނަލް އަބްދުﷲ އިބްރާހިމް ވިދާޅުވީ، އެންމެ ފުރަތަމަ އަލިފާން ހިފީ، އަބަދަށްފެހި މަގުގައި ހުރި ހ. ތިލަފުށީގޭގައި ހުރި ކެމިކަލް ގުދަނެއްގައި ކަމަށެވެ. އަދި އެ ގުދަނުގައި ހިފި އަލިފާންގަނޑު އޭގެ ބިއްދަށުގައި ހުރި އިތުރު ތިން ގުދަނަކަށް ފެތުރުނުކަން އޭނާ ފާހަގަ ކުރެއްވި އެވެ.

އޭނާ އަދި ވިދާޅުވީ އެ އަލިފާން ފެތުރިގެން ގޮސް، އާންމުން އުޅޭ ހަ ގެއަކަށް އަލިފާންގަނޑު ފެތުރި އޭގެ އަސަރު ކުރި އެވެ. އެހެން ނަމަވެސް ސިފައިން އައުމަށް ފަހު އިތުރަށް އަލިފާންގަނޑު އެހެން ގެޔަކަށް ނުފެތުރި ހުއްޓުވި ކަމަށް ވެސް ވިދާޅުވި އެވެ.

މީގެ އިތުރުން ކާނަލް އަބްދުﷲ ވިދާޅުވީ، އަލިފާން ރޯވި ގެއެއްގައި ދިރިއުޅޭ އަންހެނަކު ގެއްލިގެން އުޅޭ ކަމުގެ މައުލޫމާތު އާއިލާއިން ދިނުމުން ސިފައިން ރިސްކް ނަގައި އަލިފާން ހިފާފައިވާ ގެއަށް ހަ ފަހަރެއްގެ މަތިން ވަދެ ބަލައި ހެދި އެވެ. އެހެން ނަމަވެސް ދުން ބޯވުމުގެ ސަބަބުން، އެ އަންހެން މީހާގެ ހަށިގަނޑު ފެނުނީ ވަރަށް އުނދަގުލުން ގިނައިރު ބަލައި ފާސްކޮށްގެން ކަމަށް އަބްދުﷲ ވިދާޅުވި އެވެ.

"އޭނާގެ ހަށިގަނޑު ފެނުނުއިރު ކާކުކަން ނޭނގޭ ވަރަށް އޮތީ ފިހިފައި ބޯ ދުމުގެ ތެރޭގައި ހަށިގަނޑު ދެނެގަންނަން ވެސް އެހެންވ އުނދަގޫވި،" އަބްދުﷲ ވިދާޅުވި އެވެ.

އެ ހާދިސާގައި މަރުވެފައި ވަނީ ތ. ބުރުނީ، ފެންފިޔާޒު، އައިޝަތު ޝައުނާ، 46އ. އެވެ.

އޭނާ ވިދާޅުވީ މާލޭގައި ހުންނަ ކެމިކަލް ގުދަންތައް ސިފައިން ބަލައި ރައްކާތެރިކަމުގެ ފިޔަވަޅު އަޅާފައި ހުރޭތޯ ދޭތެރެ ދޭތެރެއިން ބަލަ އެވެ.

އަބްދުﷲ ޔަގީންކަން ދެއްވި ގޮތުގައި، އަލިފާންގަނޑު މުޅީން ނިއްވާ ނުލެވޭހާ ހިނދަކު ސިފައިން އެ ސަރަހައްދުން ނުދާނެ އެވެ. އަދި އާންމުންނާއި އެއާޕޯޓްގެ ފަޔަރާ އެހެން ވެސް ފަރާތްތަކުން އެ އޮޕަރޭޝަނަށް ދެއްވި އެހީތަކަށް އޭނާ ޝުކުރު އަދާކުރެއްވި އެވެ.