މިދިޔަ ހަފްތާގައި ވާނީ ބައިސްކޯފު އެޕްގެ ޗާޓުން އެންމެ މަގްބޫލު 5 ސީރީޒް ގެނެސްދީފަ އެވެ. ލޯތްބާއި، އާއިލީ ދިރިއުޅުމާއި، ހެއްވާ މަޖާ ކޮމެޑީ އަދި ބިރުވެރި ފިލްމުތައްވެސް މި ލިސްޓުންވަނީ ޖާގަ ހޯދާފަ އެވެ.

ސީރީޒްތަކުގެ އިތުރަށް، ބައިސްކޯފަކީ ދިވެހި އެތަށް ފިލްމެއްގެ ވަރުގަދަ އާކައިވް އެކެވެ. ބޭނުން އިރަކު، ކޮންމެތާކު ހުރެގެންވެސް ބައިސްކޯފުން ދިވެހި ފިލްމުތައް ބަލައިލެވޭއިރު، މި ހަފްތާގައި މި ގެނެސްދެނީ ބައިސްކޯފުން އެންމެ ގިނަ މީހުން ބަލާފައިވާ 5 ފިލްމެވެ.

މި ލިސްޓަކީ ބައިސްކޯފުގެ އެހީތެރިކަމާއެކު، މިހާތަނަށް ބައިސްކޯފުން ފިލްމްތައް ބަލާފައިވާ މީހުންގެ ތަފާސް ހިސާބުތަކުގެ މައްޗަށް އެކުލަވާލެވިފައިވާ ލިސްޓެކެވެ.

1. ލަވް ސްޓޯރީ

މި ޗާޓުގެ އެއްވަނައިގައި މިވަގުތު އޮތީ 2012 ވަނަ އަހަރު ނެރުނު ފިލްމެއް ކަމުގައިވާ ލަވްސްޓޯރީ އެވެ. މިއީ އަބްދުލް ފައްތާހް ޑައިރެކްޓްކޮށް ހުސެއިން ނޫރައްދީން ޕްރޮޑިއުސްކޮށްފައިވާ ފިލްމެކެވެ. ފިލްމުގެ ލީޑްރޯލުތަކުން ފެނިގެންދަނީ ސީޒަން، އާމިރާ އަދި ރިޝްމީ އެވެ. ފިލްމަށް އެންމެ ރަނގަޅު ރިވިއުސް ލިބިފައިނުވިއަސް، މި ފިލްމުގެ ލަވައަކުން ލަވަކިޔުންތެރިޔާ މީރާއަށްވަނީ 3 ވަނަ ގައުމީ ފިލްމް އިނާމް ލިބިފަ އެވެ. އަދި ފައްތާހަށްވަނީ ބެސްޓް ކޮރިއޯގްރަފީވެސް ލިބިފަ އެވެ.

ފިލްމް މި ހިތް ކީއްކުރާނީ ގެ ޕޯސްޓަރެއް

2. މި ހިތް ކީއްކުރާނީ

ޗާޓުގެ ދެވަނައިގައި މިވަނީ 2009 ވަނަ އަހަރު އަމްޖަދު އިބްރާހިމް ޑައިރެކްޓްކޮށް އަދި ޕްރޮޑިއުސް ކޮށްފައިވާ މި ހިތް ކީއްކުރާނީ ފިލްމެވެ. މި ފިލްމަކީ ލޯބީގެ ބިރުވެރި ފިލްމެކެވެ. ފިލްމުގެ މުހިންމު ރޯލުތަކުން ފެނިގެންދަނީ މަނިކު، ޝީލާ އަދި ޝާވިން އެވެ.

3. ނޭދެން ވަކިވާކަށް

ޔޫއްޕެއާޢި، އާޒިފާ (ޢަޒޫ) އަދި ޖާދުއްﷲ މުހިންމު ރޯލުތައް ކުޅެފައިވާ 'ނޭދެން ވަކިވާކަށް' މި ފިލްމަކީ މިއީ ބައިސްކޯފުން ތިންވަނައަށް އެންމެ ގިނަ މީހުން ބެލި ފިލްމެވެ. އެގޮތުން 2017 ވަނަ އަހަރުގެ މި ފިލްމަކީ ލޯބީގެ ފިލްމެކެވެ. މިއީ މަޝްހޫރު ފެހުންތެރިޔާ ޖާދުއްﷲގެ ފުރަތަމަ ފިލްމެވެ. މަހުދީ އަހުމަދުގެ ސްކްރީންޕްލޭއަކަށް، ފިލްމު ޑައިރެކްޓްކޮށްފައިވަނީ މުހައްމަދު އަބޫބަކުރު (މާއެބޫ) އެވެ.

ފިލްމު ނޯތީ ފޯޓީގެ ޕޯސްޓަރެއް

4. ނޯޓީ ފޯރޓީ

އެންވިޝަން އާއި ޔޫއްޕެ ޕްރޮޑަކްޝަން ގުޅިގެން އުފެއްދި ދެވަނަ ފިލްމު "ނޯޓީ ފޯޓީ" މިއޮތީ ބައިސްކޯފު ޗާޓުގެ 4 ވަަނައިގަ އެވެ. ކުޅަދާނަ އެކްޓަރު ޔޫއްޕެ ޑައިރެކްޓްކޮށް، އިސްމާއިލް ޝަފީއު ޕްރޮޑިއުސް ކުރި މި ފިލްމަކީ 2017 ވަނަ އަހަރު ނެރުނު އެންމެ ވަރުގަދަ އެއް ފިލްމެވެ. ފިލްމުގެ ތަރިންގެ ތެރޭގައި ރާއްޖޭގެ އެންމެ މަޝްހޫރު ތަރިންކަމަށްވާ މަރިޔަމް އައްޒަ، މަރިޔަމް އަޒީފާ، ޔޫސުފް ޝަފީއު (ޔޫއްޕެ)، އަލީ ސީޒަން، އަހުމަދު ސައީދު، މުހައްމަދު މަނިކު، ނިއުމާ މުހައްމަދު، އަލީ އާޒިމް (ދޮން އައްޔަ)، އިބްރާހިމް ޖިހާދު (ޖިމީ)، މުހައްމަދު ރިފްޝާން (ރިއްޕެ) އަދި އުމަރު އަޝްފާގް ހިމެނެއެވެ. މި ފިލްމުން ފެނިގެންދަނީ ދެ ދުވަސްވަރެއްގައި ރަހުމަތްތެރިންގެ މެދުގައި ހިނގާ ހެއްވާ މަޖާ ބައެއް ކަންކަމެވެ.

ފިލްމު ވަކިނުވިނަމައިގެ މަންޒަރެއް

5. ވަކިނުވިނަމަ

ޗާޓުގެ ފަސްވަނައިގައި މިއޮތީ އަނެއްކާވެސް އަމްޖަދު އިބްރާހިމްގެ ޑައިރެކްޝަންއެއް ކަމުގައިވާ ؛ވަކި ނުވިނަމަ' އެވެ. މިއީ 2010 ވަނަ އަހަރުގެ ފިލްމެކެވެ. މި ފިލްމަކީ ފާތުމަތު ޝިފާގެ ޕްރޮޑަކްޝަން ފެނިގެންދާއިރު، ކާސޤތުންގެ ގޮތުގައި ހަރަކާތްތެރިވެފައިވަނީ، ނިއުމާ، ސީޒަން، ރަވީ، ޝަމީލް އަދި ފައުޒިއްޔާ އެވެ.

އެހެންކަމުން ޖުމްލަގޮތެއްގައި ފިލްމުތަކުގެ ޗާޓުގައި މިފަހަރު މިއޮތީ ގިނައިން މީގެ ތަންކޮޅެއް ކުރީގެ އަހަރުތަކުގެ ފިލްމުތަކެވެ. އަދި ބޮޑަށް ދިވެހިންނަށް ކަމުގޮސްފައިމިވަނީ ވެސް ލޯބީގެ ފިލްމުތަކެވެ. މިއީ މިހާތަނަށް ބައިސްކޯފް ބެލި މީހުން އެންމެ ގިނައިން ބަލާފައިވާ ފިލްމުތަކެވެ. އާ ފިލްމްތަކެއް އަދި ފަހުގެ ފިލްމުތަކެއް މިހާރު ބައިސްކޯފުން ފެންނަން ހުރި އިރު ކުރިއަށް އޮތް ދެތިން ހަފްތާއެއް ތެރޭ މި ޗާޓަށް އަނެއްކާވެސް ބޮޑެތި ބަދަލުތަކެއް އައުން އެކަށީގެންވެ އެވެ.