ވޮޝިންޓަން (ސެޕްޓެމްބަރު 24) :އެމެރިކާގެ ބޮއިންގް ކުންފުނިން އުފައްދާ މެކްސް-8 މަރުކާގެ މަތިންދާބޯޓުތަކަށް ކުރިމަތިވި ފަންނީ މައްސަލަތަކާ ގުޅިގެން ފާއިތުވި މަސްތަކުގައި އެމަރުކާގެ ބޯޓުތައް ވެއްޓުމުގެ ދެ ޙާދިސާއެއްގައި މަރުވި މީހުންގެ އާއިލާތަކުގެ ތެރޭން ކޮންމެ އާއިލާއަކަށް ބަދަލެއްގެ ގޮތުގައި 144،500 އެމެރިކާ ޑޮލަރު ދިނުމަށް އެ ކުންފުނިން ނިންމައިފިއެވެ.

މިއީ މިދިޔަ ޖުލައި މަހު ބޮއިންގް ކުންފުނިން އިއުލާންކުރި 100 މިލިއަން ޑޮލަރުގެ މާލީ އެހީގެ ފަންޑުން ދޭ އެހީއެއް ކަމަށް ރިޕޯޓްތައް ބުނާއިރު މާލީ ބަދަލު ބޭނުންވާ އާއިލާތަކުން 2020 ވަނަ އަހަރުގެ ކުރިން އެމައްސަލަ އެ ކުންފުންޏަށް ހުށަހެޅުމަށް ބޮއިންގް ކުންފުނިންވަނީ އެދިފައެވެ.

ބޮއިންގް ކުންފުނިން އުފައްދާ މެކްސް-8 މަރުކާގެ މަތިންދާބޯޓުތަކުގައި ފަންނީ ބޮޑު މައްސަލައެއް އުޅޭކަން އެނގުނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގައި ވެއްޓުނު އިންޑޮނޭޝިޔާގެ ލަޔަން އެއާގެ މެކްސް-8 މަރުކާގެ ފްލައިޓެއް ޖާވާ ކަނޑަށް ވެއްޓުމުން އޭގެ ކަޅުފޮށި ހޯދައިގެން ކުރި ތަހްލީލްތަކާއި ތަހްގީގްތަކުންނެވެ. އެޙާދިސާގައި 189 މީހުން މަރުވެފައި ވެއެވެ.

އެއަށްފަހު މިދިޔަ މާޗްމަހު އިތިއޮޕިޔަން އެއާލައިންސްގެ މެކްސް-8 މަރުކާގެ ބޯޓެއް ވެއްޓިފައިވާއިރު އެ ހާދިސާގައި 157 މީހުން މަރުވެފައިވެއެވެ. މި ދެ ހާދިސާގައި ވެއްޓުނު މެކްސް- 8 މަރުކާގެ ދެ މަތިންދާބޯޓަށްވެސް ދިމާވީ އެއްބާވަތުގެ ފަންނީ މައްސަލަތަކެއްކަމަށް ބޮއިންގް ކުންފުނިންވަނީ އިއްތިރާފްވެފައެވެ.

އިތިއޮޕިޔަން އެއާލައިންސްގެ މަތިންދާބޯޓު ވެއްޓުމާއެކު ދުނިޔޭގެ ގައުމުތަކުގެ އެއާލައިންތަކުންވަނީ އެމަރުކާގެ ހުރިހާ މަތިންދާބޯޓުތަކެއް އުދުހުން މަނާކޮށް ބިންމަތިކޮށް ބަދަލުހޯދުމަށް ބޮއިންގް ކުންފުންޏާ ދެކޮޅަށް ދައުޥާކުރިއެވެ. މިމައްސަލައިގެ ތަހްގީގްތައްކުރާ ބޮއިންގް ކުންފުނީގެ އިންޖިނޭރުންވަނީ މެކްސް-8 މަރުކާގެ މަތިންދާބޯޓުތަކުން ފަންނީ އެތަށް މައްސަލައެއް ހޯދާފައެވެ.

އެހެންކަމުން ބޮއިންގްގެ ބޯޓުތައް ވެއްޓުމުގެ ދެ ޙާދިސާއެއްގައި މަރުވެފައިވާ މީހުންގެ އާއިލާތަކަށް ބަދަލުދޭން ނިންމި ނިންމުމަކީ އިންސާފު ހޯދައިދިނުމަށްވުރެ ބޮޑަށް ބޮއިންގް ކުންފުނީީގެ ތަސައްވަުރު ރަނގަނޅު ކުުރުމަށްޓަކައި ޖައްސާ ޕަބްލިސިޓީ ސްޓަންޓެއް ކަމަށް އެ ހާދިސާތަކާ ގުޅިގެން އެ ކުންފުންޏާ ދެކޮޅަށް ދައުވާ ކުރަމުންދާ އާއިލާތަކުގެ ވަކީލުން ބުނެއެވެ.

ބޮއިންގް ކުންފުނީގެ ޝިކާރައަކަށްވީ 15 އާއިލާއެއްގެ ފަރާތުން އެ ކުންފުންޏާ ދެކޮޅަށް ވަކާލާތު ކުރަމުން އަންނަ ނުޢްމާން ހުސައިން ވިދާޅުވީ ފައިސާގެ ބަދަލު ދިނުމަށް ނިންމިނަމަވެސް މަރުވި މީހުން ގެ އާއިލާތަކަށް އެކަމުން ހިތްހަމަޖެހުން ނުލިބޭ ކަމަށާ، އަދި ބޮއިންގް ކުންފުނިން ދޭން ނިންމީ ވަރަށް ކުޑަ ބަދަލެއްކަން އާއިލާތަކުން ފާހަގަކުރާ ކަމުގައެވެ.

މެކްސް-8 މަރުކާގެ ބޯޓުތައް ވެއްޓުމުގެ ސަބަބުން މަރުވި މީހުންގެ އާއިލާތަކުގެ ވަކީލުން ބުނާގޮތުން ބޮއިންގް ކުންފުނިން ބަދަލުގެ ގޮތުގައި ދިނުމަށް ކަނޑައެޅި 100 މިލިއަން ޑޮލަރަކީ އެ އާއިލާތަކަށް ލިބުނު ގެއްލުމާ ގާތްކުރާ ވަރުގެވެސް އަދަދެއް ނޫނެވެ. ނަމަވެސް މިއީ ކުށަށް އިއްތިރާފްވެ ބޮއިންގްގެ އިސްވެރިން ޒިންމާވާންޖެހޭކަން އެމީހުން ގަބޫލުކުރުން ކަމަށްވާނަމަ މިއީ އެ އާއިލާތަކަށް ހިތްހަމަޖެހުން ލިބޭނެ ކަމަށް ވަކީލުން ބުނެއެވެ. (ނޫސްއެޖެންސީތައް)