25 Sep 2019, 15:48
ނިޔުޔޯކް (ސެޕްޓެމްބަރ 25) : އީރާނާ އެކު އުފެދިފައިވާ މައްސަލަ ހައްލުކުރުމަށް ޓަކައި ރައީސް ހަސަން ރޫޙާނީ އާ ވާހަކަ ދައްކައިގެން މެދުވެރިއެއްގެ ބައި އަދާކޮށްދިނުމަށް އެމެރިކާއާއި ސައޫދީން އެދިފައިވާ ކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާންޚާން ވިދާޅުވެއްޖެ އެވެ.
އދ.ގެ އާންމު ޖަމްއިއްޔާގައި ތަގްރީރު ކުރެއްވުމަށް ޓަކައި ނިޔުޔޯކަށް ވަޑައިގެން އުޅުއްވަމުން އދ.ގެ މައިމަރުކަޒުގައި ދެއްވި ބަޔާނެއްގައި އިމްރާންޚާން ވިދާޅުވީ އީރާނާ ސުލްޙަވާން ބޭނުންކަމާއި އެކަން ރޫހާނީއަށް ދެންނެވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ސައޫދީ ވަލީއުލްއަހްދު މުހައްމަދު ބިން ސަލްމާން ވިދާޅުވެފައިވާތީ ރޫޙާނީ އާ ބައްދަލުކުރައްވައި އެކަން ހިއްސާ ކުރައްވާފައިވާނެ ކަމުގަ އެވެ. ނަމަވެސް އެކަމަށް ރޫހާނީ ދެއްވި ޖަވާބެއް އަދި އެކަމުގެ ތަފްސީލެއް އިމްރާންޚާން ދެއްވާފައެއް ނުވެ އެވެ.
އީރާނާއި އެމެރިކާއާ ދެމެދު މައްސަލަ އުފެދިފައި ވަނީ އީރާނުގެ ނިއުކްލިޔާ އެއްބަސްވުމުން އެކަހެރި ގޮތެއްގައި އެމެރިކާ ވަކިވުމަށް ފަހު އެމެރިކާ އިން އީރާނާދެކޮޅަށް ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތައް އެޅުމާ ގުޅިގެންނެވެ. މި މައްސަލަ ހައްލުކުރަން އެމެރިކާ ބޭނުން ވަނީ އެމެރިކާ އެދޭގޮތަށް ނިއުކްލިޔާ އެއްބަސްވުމަށް ބަދަލުގެންނަން އީރާން އެއްބަސްވުމެވެ. މިމައްސަލާގައި އީރާނުގެ ރައީސް ރޫހާނީއާ ބައްދަލުކޮށް ވާހަކަ ދެއްކުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ތަކުރާރުކޮށް އެދިވަޑައިގެންފައިވާ އިރު އީރާނުން ވަނީ ދަތިކުރުމުގެ ފިޔަވަޅުތައް އުވާނުލަނީސް ޓްރަމްޕާ ވާހަދަ ދެއްކެވުމަށް ދެކޮޅު ހައްދަވައިފަ އެވެ.
އީރާނާއި ސައޫދީ އާ ދެމެދުގައިވާ މައްސަލައަކީ ސަރަހައްދީ ވާދަވެރިކަމެވެ. ސައޫދީ އާއި އީރާން މިދެގައުމުންކުރެ ކޮންމެ ގައުމަކީ ވެސް ސަރަހައްދުގެ ގައުމުތަކަށް ބާރާއި ނުފޫޒު ހިންގަން މަސައްކަތްކުރާ ކަމަށް އެއްގައުމުން އަނެއްގައުމަށް ތުހުމަތުކުރާ ދެގައުމެވެ.
މީގެ އިތުރުން ސައޫދީ ވަނީ މިމަހުގެ 14 ވަނަ ދުވަހު ޔަމަންގެ ހޫޘީން ސައޫދީ ތެލުގެ ދެ މަރުކަޒަކަށް ހަމަލާދީ އެތަންތައް ހަލާކޮށްލި މައްސަލައިގެ ޒިންމާ އީރާނުގެ ބޮލުގައި އަޅުވައިފަ އެވެ. ސައޫދީ އާއި ހޫޘީންނަކީ ހަނގުރާމަ ކުރަމުން ގެންދާ ދެފަރާތްކަމަށްވާ އިރު ހޫޘީން ވަނީ ސައޫދީއަށް ދިން ޙަމަލާތަކަކީ އެމީހުން ދިން ޙަމަލާތަކެއްކަމާއި އެއީ ޔަމަނަށް ދޭ ހަމަލާތަކުގެ ރައްދުގައި އަމިއްލަ ނަފްސުގެ ދިފާއުގައި ސައޫދީ އަށް ދިން ޙަމަލާތަކެއް ކަމަށް ބުނެފަ އެވެ.
ސައޫދީ އަށް ހަމަލާ ނުދޭކަމަށް އީރާނުން ބުނެ އެވެ. އީރާނުގެ ރައީސް ކުރިން ވަނީ ސައޫދީއާ އެކު ސުލްޙައިގެ ވާހަކަތައް ދައްކަން އެއްވެސް މައްސަލައެއްނެތް ކަމަށް ވިދާޅުވެފަ އެވެ. (އަނަތޯލިޔާ ނޫސްއެޖެންސީ)