ހަނގުރާމައަށް ދާން ހިތްވަރު ދިނުމަކީވެސް ކުށެއް ކަމަށް ހިމަނާ އެ ކުށަށް ބޮޑު އަދަބެއް ދޭން ޓެރަރިޒަމް ހުއްޓުވުމުގެ ގާނުނަށް އިސްލާހު ގެނައުމުގެ ބިލުގައި ހިމެނުމަށް، އެ ބިލު ދިރާސާ ކުރި ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ފާސްކޮށްފި އެވެ.

ޓެރަރިޒަމް ހުއްޓުމުގެ ގާނޫނު ރައްޔިތުންގެ މަޖިލީހުން ބަލައިގަނެ، ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވީ މިދިޔަ އާދިއްތަ ދުވަހު އެވެ. ހަފްތާއެއްހާ ދުވަހުގެ މަސައްކަތައް ފަހު، ބިލު ދިރާސާކޮށް، ބުރާސްފަތި ދުވަހު ކޮމިޓީން ވަނީ ރިޕޯޓު ފާސްކޮށްފަ އެވެ. ސިއްރު ބައްދަލުވުންތަކެއް ބާއްވައި ދިރާސާކުރި އެ ބިލު މާ ބޮޑެތި ބަދަލުތަކެއް ގެނެސްފައި ނުވި ނަމަވެސް ކުދި ކުދި ބަދަލުތަކެއް ވަނީ ގެނެސްފަ އެވެ.

އެގޮތުން ގެނައި އެއް ބަދަލަކީ، ހަނގުރާމައަށް މީހަކު ފޮނުވުމާއި ހަނގުރާމައަށް މީހުން ފޮނުވަން މަސައްކަތް ކުރުން ނުވަތަ އެކަމަށް ހިތްވަރު ދިނުމަކީ ކުށެއް ކަމަށް ކަނޑައެޅުމެވެ. އެ ކުށް ސާބިތުވެެގެން ލިބޭ އަދަބެއްގެ ގޮތުގައި ހިމަނާފައިވަނީ، 10 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

އެއީ އެ ބިލް މިހާރު އޮތް ގޮތުން، އެންމެ ބޮޑު އަދަބެއް ކަނޑައަޅާފައިވާ ކުށެވެ.

ސަރުކާރުގެ ފަރާތުން ބިލު މަޖިލީހަށް ހުށަހެޅި އިރު، އެންމެ ބޮޑު ކުށުގެ އަދަބަކަށް އޮތީ، ހަނގުރާމަށް ދިޔުމަށެވެ. އޭރު ބިލުގައި އޮތް ގޮތުން އެ ކުށް ސާބިތުވެއްޖެ ނަމަ، އަދަބަކީ، 17 އަހަރާއި 20 އަހަރާ ދެމެދުގެ ޖަލު ހުކުމެވެ. ނަމަވެސް ބިލު ދިރާސާކޮށް ކޮމިޓީން ފާސްކޮށްފައިވަނީ، އެ އަދަބު ލުއި ކުރުމަށެވެ. އެއީ، ނުވަ އަހަރާއި ފަސް އަހަރަށް ޖަލަށްލުމަށެވެ.

ކޮމިޓީން ބިލަށް ބަދަލު ގެނައިރު، ބިލުގައި އެހެނިހެން ކުށްތަކަށްވެސް އަދަބުތައް ވަނީ ލުއިކޮށްފަ އެވެ. އެގޮތުން ހަނގުރާމަވެރިވެރި ސަރަހައްދަކަށް ދިޔުން ނުވަތަ ހަނގުރާމަވެރި ސަރަހައްދެގައި ހުރުމުގެ ކުށުގެ އަދަބަކީ، ފަސް އަހަރާއި ހަތް އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމެވެ. ބިލު މަޖިލީހަށް ފޮނުވިއިރު، އެ ކުށުގެ އަދަބަކީ، 10 އަހަރާއި 15 އަހަރުގެ ޖަލު ހުކުމެކެވެ.

ކުރިން ޓެރަރިޒަމްގެ ކުށުގައި ކޯޓު އަމުރެއް ނެތި ހައްޔަރު ކުރާ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރު ނުކޮށް 48 ގަޑިއިރު ބެހެއްޓޭނެ ގޮތަށް ސަރުކާރުން ބިލު ހުށަހެޅި އިރު ހިމެނި އެވެ. ނަމަވެސް އެމާއްދާ ކޮމިޓީއިން މިހާރު ވަނީ ބަދަލުކޮށްފަ އެވެ. މިހާރު ބުނެފައި ވަނީ 24 ގަޑިއިރު ތެރޭގައި އެމީހަކު ފަނޑިޔާރެއްގެ ކުރިމައްޗަށް ގެންދަން ޖެހޭނެ ކަމަށެވެ. އެއީ ގާނޫނު އަސާސީގައި ވެސް ބުނެފައިވާ ގޮތެވެ.

އޭގެ އިތުރުން މި ގާނޫނުގެ ދަށުން ތަންފީޒީ އިދާރާތަކުން އަޅާ ފިޔަވަޅުތަކުގެ މަައުލޫމަތު ހިމެނޭ ސިއްރު ރިޕޯޓެއް ކޮންމެ ހަ މަހަކުން ރައީސުލްޖުމްހޫރިއްޔާ އަށާއި މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއާ ހިއްސާ ކުރުމަށްވެސް ބިލުގައި ވަނީ ހިމަނާފަ އެވެ.

ބިލު ކޮމިޓީން ފާސްކުރިގޮތާމެދު މާދަމާގެ މެންދުރު 12:00 ގެ ކުރިން ހިޔާލު ހުށަހެޅުމަށް މެމްބަރުންނަށް މިހާރު ވަނީ ހުޅުވާލާފަ އެވެ. ބިލަށް ބަހުސްކޮށް ވޯޓަށް އަހާ ޖަލްސާ އޮތީ ހޯމަ ދުވަހު އެވެ.

ހަނގުރާމައަށްދާން ހިތްވަރުދިނުމަކީ، ކުށެއް ކަމަށް ހިމަނައި އެންމެ ބޮޑު އަދަބު އެ ކުށަށް ކަނޑައެޅިއިރު، ފުޅާ ދާއިރާގައި ރާއްޖެއިން ބޭރުގައި ހިނގާ ހަނގުރާމަތަކަށް ދިވެހިން "ރެކްރޫޓު" ކުރަމުންދާ ވާހަކައަކީ އަބަދުވެސް ދައްކާ ވާހަކަައެކެވެ.

ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރުން ބުނި ގޮތުގައި މިހާތަނަށް 60 ވުރެ ގިނަ ދިވެހިން ވަނީ ބޭރުގައި ހިނގާ ހަނގުރާމަތަކުގައި ބައިވެރިވުމަށް ގޮސްފަ އެވެ. އޭގެ ތެރެއިން ބައެއް މީހުން މިހާރު ވަނީ މަރުވެސް ވެފައެވެ. އަދި ބައެއް މީހުން ވަނީ އެފަދަ ތަންތަަނަށް ގޮސް އެތަންތަނުގައި ތާށިވެ ހާލުގައި ޖެހިފަ އެވެ.