ކަލާސް ޗެނަލުން ގެނެސްދޭ މުނިފޫހިފިލުވުމުގެ ޝޯ "ބިގް ބޮސް 13" މާދަމާ ދައްކަން ނިންމާފައިވާއިރު އެ ޝޯގައި ކުރިން ސްޓާ ޕްލަސް އިން ގެނެސްދިން ޑްރާމާ ސިލްސިލާ "ސާތިތު ނިބާނާ ސާތިޔާ" ގައި ގޯޕީގެ ރޯލުން ފެނިގެންދިޔަ ދެވޮލީނާ ބަޓާޗާޖީ ފެންނާނެކަން ޔަގީންވެއްޖެ އެވެ.

ޝޯ ފަށަން ކުޑަތަންވަމުން އަންނައިރު ޝޯގައި ބައިވެރިވި މީހުންގެ ލިސްޓް ސިއްރެއްގައި އޮތް ނަމަވެސް މިވަނީ ގޯޕީ އެ ޝޯގައި ބައިވެރިވާކަން ޔަގީންވެފައެވެ. އެ ޝޯގައި ޓީވީ ތަރި ސިދާންތް ޝުކްލާ ވެސް ބައިވެރިވާނެ ކަން ވަނީ ހާމަވެފައެވެ.

ޝޯގައި ސެލެބްރިޓީންގެ އިތުރުން އާންމުންގެ ފަރާތްތަކަށް ވެސް ބައިވެރިވެވޭ ގޮތަށް ޝޯ ކުރިއަށް ގެންދިޔުމަށް ވަނީ ނިންމާފައެވެ. ބެލެވޭ ގޮތުގައި މި ފަހަރުގެ ބިގް ބޮސް ވަރަށް ފުރިހަމަވާނެއެވެ.

ޝޯގައި ބައިވެރިވާ ހުރިހާ ބައިވެރިން އެއް ގެއެއްގައި ދިރިއުޅޭއިރު ތަފާތު ގޭމްތަކެއް އެމީހުން ކުޅެ ނޮމިނޭޓްވާ ތަރިން ސަލާމަތްކުރަންޖެހޭނީ އެ ބައިވެރިއެއްގެ ސަޕޯޓަރުންނެވެ.

ތިން މަސް ދުވަހުގެ މުއްދަތަކަށް ޝޯ ކުރިއަށްދާއިރު ޝޯގައި ބައިވެރިވާ ބައިވެރިންގެ އަސްލު ސޫރަވެސް ފެނިގެންދާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

އެ ޝޯގައި ބައިވެރިވާ މީހަކާ އެކު އޭނާގެ ހާއްސަ އިތުރު މީހަކަށް ފުރުސަތު ދިނުމަށް ހަމަޖެހިފައިވެ އެވެ.

އެ ބަދަލާ އެކު އެ ޝޯއަށް ލިބެމުން އަންނަ ތަރުހީބު ދަނީ އިތުރުވަމުންނެވެ.

"ބިގް ބޮސް" ސީޒަން 12 ކާމިޔާބު ކުރީ ޓީވީ ތަރި ދިޕިކާ ކައްކަރެވެ.

"ބިގް ބޮސް"ގެ ޝޯ އެއް ފުރަތަމަ ގެނެސްދީފައި ވަނީ 2006 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތިނެއްގަ އެވެ.