ބޮޒްނިއާގެ ސިޔާސީ މީހުން ޓެރަރިޒަމްގެ ވާހަކަ ދައްކަނީ މާބޮޑުކޮށްލައިގެންކަމަށް ރިޕޯޓެއްގައި ބުނެފި އެވެ.

ތުރުކީގެ ރިސާޗް ތިންކް ޓޭންކްއަކުން ތައްޔާރުކުރި އިޔޮރޮޕިއަން އިސްލާމަ ފޯބިއާ ރިޕޯޓްގައި ބުނީ ބޮސްނިއާގެ ބައެއް ސިޔާސީ ފަރާތްތަކާއި ބައެއް މީޑިއާތަކުން ބޮސްނިއާއަކީ ޓެރަރިސްޓް ހާއްޔެއް ކަމަށް ބުނެ އޮޅުވާލައިގެން ވާހަކަ ދައްކަނީ ވަކި މަގުސަދެއް ހާސިލްކުރުމުގެ ނިޔަތުގައި ކަމަަށެވެ.

އެ ރިޕޯޓްގައި ބޮސްނިއާގެ ސާބިއާ ދަރިކޮޅަށް ނިސްބަތްވާ ޕާލިމަންޓް މެމްބަރު މިލޮރާދު ދޮދިކް "ބަންގި" އާ ދެކޮޅަށް ވާހަކަ ދައްކައި މަލާމަތްކޮށްފައިވާ ކަންވެސް ވަނީ ފާހަގަކޮށްފަ އެވެ.

އެ ރިޕޯޓް ތައްޔާރުކުރުމުގައި 39 އެކްސްޕާޓުން ބައިވެރިވި އެވެ.

އެ ރިޕޯޓްގައި އިތުރަށް ބުނީ ބޮސްނިނާގެ ކްރޮއޭޝިއާ އާއި ސާބު ނަސްލުގެ ސިޔާސީ ބޭފުޅުން ޓެރަރިޒަމްގެ ވާހަކަދައްކާ އިރު، ބޮސްނިއާގެ ވާހަކަ ދައްކަނީ އެގައުމަކީ ޓެރަރިސްޓުންނަށް ހިމާޔަތްދޭ "އަނދިރި ދައުލަތެއް"ގެ ގޮތުގައި ސިފަކޮށް އެގައުމަކީ ފައިލްވެފައިވާ ދައުލަތެއް ކަަމަށް ދައްކައި ބައިބައިކުރުމުގެ ނިޔަތުގައި ކަމަށެވެ.

ދޮދިކް މީގެ ކުރިން ވަނީ ބޮސްނިއާގެ ލީޑަރެއްް އެގައުމު "އައިސިސް" ފަދަ ދައުލަތަކަށް ހަދަން އުޅޭ ކަމަށްވެސް ތުހުމަތުކޮށްފަ އެވެ.

އެ ރިޕޯޓްގައި ބުނީ " އިސްލާމަފޯބިއާ" ޕްރޮމޯޓްކުރުމުގެ ސަބަބުން މީހުންގެ މެދުގައި ބިރުވެރިކަން އުފެދި އެއްް ބަޔަކު އަނެއް ބަޔަކު އުޅޭ ސަރަހައްދަށް ދާން ޖެހިލުންވާ ކަމަށެވެ.

ފަހަކަށް އައިސް ސީރިއާ ފަދަ ގައުމުތަކުން މީހުން ޔޫރަޕަށް ހިޖުރަކުރާއިރު ބޮސްނިއާ ސަރަަހައްދު ބޭނުންކުރެ އެވެ. އަދި އެގޮތަށް އެ ސަރަހައްދަށް މުސްލިމުން ޖަމާވާތީ އެކަމަށްވެސް ފާޑުކިޔުންތައް އަމާޒުވެ އެވެ. ބޮސްނިއާގެ ބައެއް ސިޔާސީ ފަރާތްތަކުން ދެކޭގޮތުގައި ބޮސްނިއާގެ ސަރުކާރުން މަސައްކަތް ކުރަނީ މުސްލިމުންގެ މެޖޯރިޓީ އޮންނަ ގައުމަކަށް ހަދާށެވެ.

މިހާރު ބޮސްނިއާގައި މުސްލިމުންގެ އާބާދީއަކީ 50 ޕަސެންޓެވެ. އަދި ކްރޮއޭޝިއާ ނަސްލުގެ ކެތޮލިކް މީހުންގެ އާބާދީއަކީ 15 ޕަސެންޓެވެ. އަދި ސާބިއާ ދަރިކޮޅުގެ އޮތޮޑޮކްސް ކްރިސްޓިއަންގެ އާބާދީއަކީ 31 ޕަސެންޓެވެ. އެ ހުރިހާ ދަރިކޮޅުގެ މީހުންނަކީވެސް ވަރަށް ބޮޑު ކޯޅުންގަނޑެއްގެ ތެރޭގައި ދރިއުޅޭ ބައެކެވެ. އެގޮތުން 1992- 1995 އާ ދެމެދު އެކި ނަސްލުތަކުގެ މީހުންގެ މެދުގައި ޖަރީމާތައް ހިންގާފައިވެ އެވެ.