30 Sep 2019, 18:46
ގައުމީ ފުޓްބޯޅަ ޓީމުތަކުގެ ކަންކަމުގައި ލަފާދީ އެހީތެރިވެދޭން އެފްއޭއެމުން އެކުލަވާލި ފަސް މެމްބަރުންގެ ކޮމިޓީއާ ނުގުޅޭނެ ކަމަށް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް މިއަދު ވިދާޅުވެއްޖެ އެވެ.
މީގެ ދެ ހަފްތާއެއްހާ ދުވަސް ކުރިން އެފްއޭއެމުން އާންމުކުރި ކޮމިޓީގައި ސްޕޯޓްސް މިނިސްޓަރު މަހުލޫފްގެ އިތުރުން ދެން ހިމެނިވަޑައިގަންނަވަނީ ޓޫރިޒަމް މިނިސްޓަރު އަދި މި ސަރުކާރުގައި އެކްޓިން ސްޕޯޓްސް މިނިސްޓަރުގެ މަގާމު ފުރުއްވި އަލީ ވަހީދުގެ އިތުރުން އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު ޝަވީދާއި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އަދި ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މޫސާ ނާޝިދެވެ.
އެއާ އެކު ގައުމީ ޓީމަށް ލަފާދޭ ކޮމިޓީގައި ސިޔާސީ ކުލަ ޖެހިފައިވާ ކަމަށް ބުނެ ގިނަ ބަޔަކު ވަނީ ދެ މިނިސްޓަރުންނަށް ވަރަށް ބޮޑަށް ފާޑު ކިޔާފަ އެވެ. އަދި ރާއްޖޭގެ ކުލަބް ފުޓުބޯޅަ ދަށް ހާލަތެއްގައި އޮތް އިރު ކެބިނެޓުގެ ދެ މެމްބަރަކު ގައުމީ ޓީމަށް ލަފާ ދޭ ކޮމިޓީގައި ކުއްލިޔަކަށް ހިމެނުނީ ކީއްވެގެންތޯ ގިނަ ބަޔަކު ސުވާލު ކުރެ އެވެ.
އާއްމުންގެ ފާޑުކިޔުންތަކުގެ އިތުރުން ބައެއް ކުޅިވަރު އެސޯސިއޭޝަނުން ވެސް ވަނީ ހާއްސަކޮށް މަހްލޫފް އެ ކެބިނެޓުގައި އިނދެވަޑައިގަތުމަށް ނަން އިއްވުމާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
މަހުލޫފް ވިދާޅުވީ އެފްއޭއެމްގެ ރައީސް ބައްސާމް އެދިވަޑައިގަތީ ފުޓްބޯޅަ މިހާރު އޮތް ހާލަތުން ރަނގަޅުކުރަން ބައިވެރިވެދޭން ކަމަށާއި އެކަމަކު ފުޓްބޯޅަ އާއި ކުޅިވަރުގެ ގިނަ ބައެއްގެ ކަންބޮޑުވުންތައް މިހާތަނަށް އައިސްފައިވާ ކަމަށެވެ. އެހެން ކަމުން އެ ކެބިނެޓުގައި އޭނާގެ ނަން ނުހިމަނާ އޭގެ ބަދަލުގައި ޔޫތް މިނިސްޓްރީގެ އެހެން ބޭފުޅަކަށް އެ މަގާމް ހަވާލު ކުރައްވާނެ ކަމަށެވެ.
"އާއްމުންނާއި ބައެއް އެސޯސިއޭޝަނުގެ ކަންބޮޑުވުންތަކާ އެކު ގައުމީ ޓީމަށް ލަފާ ދޭ ކޮމިޓީގައި ބައިވެރި ނުވާން އަޅުގަނޑު ނިންމައިފިިން. އެއީ އޭގެ ސަބަބުން ގިނަ ބަޔަކަށް ހީވެފައި އޮންނަނީ އަޅުގަނޑު ބޮޑަށް އިސްކަން ދެނީ ފުޓުބޯޅައަަށް އެކަނި ކަމަށް،" މަހްލޫފް ވިދާޅުވި އެވެ.
ސަރުކާރުން ހަރަދުކުރާ ކްލަބްތަކަކަށް މި އަހަރުގެ އޭއެފްސީ ކަޕުން ފުރުސަތު ނުލިބުނު މައްސަލައެއް ބަލަން މި އަހަރު ކުރީކޮޅު މިނިސްޓަރު މަހުލޫފު އުޅުއްވުމުން، ފީފާ އިން ރާއްޖެ ސަސްޕެންޑްކޮށްފާނެ ކަމުގެ އިންޒާރުތައް ދިނެވެ. އެ ކާޑުގެ ބޭނުންކޮށް އެފްއޭއެމުން އޭރު މިނިސްޓަރު މަހުލޫފު ހުއްޓުވީ، އޭނާގެ އެއްބާރުލުމާ އެކު ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް އިސްވެ އޮވެ، އެފްއޭއެމްގެ ވެރިން މަގާމުން ދުރުކުރަން އުޅޭތީ އެވެ.
މިނިސްޓަރު މިއަދު ވިދާޅުވީ އެފްއޭއެމްގެ ލީޑަޝިޕާ މެދު ކުރިން އޮތް ކަންތައްތައް ހިފައިގެން ކުރިއަށްދާ ނަމަ އެއިން ރާއްޖޭގެ ފުޓްބޯޅަ އަށް ކުރާނެ ފައިދާއެއް ނެތް ކަމަށެވެ.
"އަޅުގަނޑާއި ބައްސާމާއި އޮތް ހަނގުރާމަ ނިމިއްޖެ. ވީކަމެއް ވީ. މިހާރު ދެން އެކަން މާޒީޔަށް ދޫކޮށް ދެ ބައި އެކުވެގެން މަސައްކަތް ކުރުމަށް ތައްޔާރަށް މިތިބީ. ބައްސާމާއި އަބަދު ޖައްސާލައިގެން އުޅެވޭކަށް ނެތް. އޭގެ ސަބަބުން ފުޓުބޯޅައަށް ލިބޭނީ ގެއްލުން."